ޙައްޖު ދުވަހާއި ބޮޑު އީދު ބަންދުގައިވެސް ދިވެހި ޕާސްޕޯޓުގެ ޚިދުމަތް ލިބޭނެ ކަމުގައި މޯލްޑިވްސް އިމިގްރޭޝަނުން ބުނެފިއެެވެ.
އިމިގްރޭޝަނުން އާންމުކޮށްފައިވާ ޕޯސްޓްގައި ބުނީ މި އަހަރުގެ ޙައްޖު ދުވަހާއި އީދު ބަންދަށް ލިބޭ އެހެން ހުރިހާ ދުވަހެއްގައިވެސް ޕާސްޕޯޓުގެ ޚިދުމަތް ލިބޭނެ ކަމަށެވެ.
ނަމަވެސް ޚިދުމަތް ނުލިބޭނެ ހަމައެކަނި ދުވަހަކީ އީދު ދުވަސްކަމަށް އިމިގްރޭޝަނުން ބުނެފައި ވެއެވެ.
އެގޮތުން އިމިގްރޭޝަނުން ބުނީ މި ދުވަސްތަކުގެ ހެނދުނު 09:00 އިން މެންދުރުފަހު 14:00އަށް ޕާސްޕޯޓުގެ ޚިދުމަތަށް ނަމްބަރު ދޫކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.
އަދި ޚިދުމަތް ދޭނީ ހަމައެކަނި މާލެ ޞަރަޙައްދުގައި ހިމެނޭ ޕާސްޕޯޓް އޮފީސްތަކުން ނޫން ކަމަށްވެސް އިމިގްރޭޝަނުން ބުނެފައި ވެއެވެ.
މީގެ އިތުރުން ވިސާގެ ޚިދުމަތް 5 ޖޫން އިން 9 އަށް ދޭނީ ހަމައެކަނި އިމަރޖެންސީ ޙާލަތްތަކުގައި ރާއްޖެއިން ބޭރަށް ފުރާ މީހުންނަށް ކަމަށާއި އެހެންނަމަވެސް މިދުވަސްތަކުގައިވެސް ރާއްޖެ އަންނަ މީހުންނަށް އިމުގާ ޕޯރޓަލް މެދުވެރިކޮށް ”ސްޕޮންސަރޝިޕް ޑިކްލަރޭޝަން“އަށް އެދެވޭނެ ކަމަށް އިމިގްރޭޝަނުން ހާމަކުރެއެވެ.
އިމިގްރޭޝަނުން ބުނީ އިމަރޖެންސީ ޙާލަތުގައި ވާރކް ވިސާއަށް ގުޅާނީ 9199153 އަދި ޕާރމިޓް ހޯދަން ގުޅާނީ 9199157އަށް ކަމަށެވެ.