ރަނގަޅު ފެންވަރުގެ އައިނު އަގުހެޔޮކޮށް ރައްޔިތުންނަށް ފޯރުކޮށްދިނުމަށް، މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްއިން އައިނު ވިޔަފާރި ފަށާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވިދާޅުވެއްޖެއެވެ.
ަރައީސް މިހެން ވިދާޅުވީ ޕަބްލިކް ސަރވިސް މީޑިއާއަށް ދެއްވި ބަސްދީގަތުމެއްގައެވެ.
ރައީސް ވިދާޅުވީ އެ މަނިކުފާނު މިގޮތަށް ނިންމެވީ ރައްޔިތުންގެ ފަރާތުން އެކަމަށް އެދިވަޑައިގަންނަވާފައިވާތީ، އެއާއިގުޅިގެން ބައްލަވަންޖެހޭ ކަންކަން ބެއްލެވުމަށްފަހު ކަމަށެވެ.
”އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލު (އައި.ޖީ.އެމް.އެޗް) އަދި ސަރުކާރު ހޮސްޕިޓަލްތަކުން އައިނު ވިޔަފާރި ފެށުމަށް ނިންމީ އައިނަށް އާސަންދައިން ދޫކުރާ މިންވަރު 2000 ރުފިޔާއަށް މަތިކުރުމުން، އެއަގުގައި ދަށް ފެންވަރުގެ އައިނު ރައްޔިތުންނަށް ފޯރުކޮށްދީ، އެކަމުން އަމިއްލަ ވިޔަފާރިތަކުން ނާޖާއިޒް ފައިދާ ނެގުމަށް ފުރުސަތު ނުދިނުމަށް“ ރައީސް ވިދާޅުވިއެވެ.
ރައީސްއަށް އެންމެ މުހިންމު ދެވަނަ ސިޔާސަތަކީ ޞިއްޙީ ދާއިރާ ތަރައްޤީކުރުން ކަމުގައި ވަނީ ވިދާޅުވެފައެވެ.
”އަޅުގަނޑަށް މުހިންމީ ވިޔަފާރިވެރިން ރައްޔިތުންނަށް ދެރަ ނިކަމެތިކަންދިނުމުގެ އާދަ މިޤައުމުން ފިލުވާލަން. އެހެންވެގެން ސިނގިރޭޓް ބިޒްނަސްވެސް ރާއްޖެއިން ހުއްޓާލާފައި އެހެންކަމަކަށް ވަޑައިގަންނަވާށޭ ދެންނެވީ. އަޅުގަނޑަށް މުހިންމީ ރައްޔިތުންގެ ޞިއްޙަތު.“ ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ޞިއްޙީ ދާއިރާ ރަނގަޅުކުރުމަކީ ހަމަ ހުރިހާ ކަމަކާ ގުޅިލާމެހިފައިވާ ކަމެއް ކަމަށާއި، މި ސަރުކާރުން އިންސާނީ ވަޞީލަތް އިތުރުކުރުމާއި އުމްރާނީ ގޮތުންނާއި ވަސީލަތުގެ ގޮތުން އެދާއިރާ ތަރައްޤީކުރުމަށް އިސްކަންދެއްވާކަމުގައި ރައީސް ވިދާޅުވިއެވެ.