ރައްޔިތުންގެ ދިރިއުޅުމަށް އުފާފަގަތިކަން ގެނެސް، ޤައުމުގެ ތަރައްޤީއަށް ކަމެއްކޮށް ދިނުމުގެ ހަގީގީ މަންފާ ޙާޞިލްވާނީ، ޞިއްޙީ ދުޅަހެޔޮކަން ކަށަވަރު ކުރެވިގެން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ، ދުނިޔޭގެ ޞިއްޙަތު ދުވަސް ފާހަގަކުރުމަށް ބާސެލޯ ނަސަންދުރާގައި ރޭ ކުރިއަށް ދިޔަ ޚާއްޞަ ހަފްލާގައި ވާހަކަ ދައްކަވަމުންނެވެ.
ރޭގެ ހަފްލާގައި ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާގެ ޑިރެކްޓަރ ޖެނެރަލް، ޑޮކްޓަރ ޓެޑްރޯސް އަދަނޯމް ގެބްރިޔޭސުސްގެ ފަރާތުން ވަރލްޑް ނޯ ޓޮބެކޯ ޑޭއާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާއަށް ޚާއްޞަ އެވޯޑެއް ވަނީ އަރުވާފައެވެ.
އެވޯޑާ ޙަވާލުވެވަޑައިގަތުމަށްފަހު ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ ޢުމްރާނީ ގޮތުންނާއި ފަންނިއްޔާތާއި އިންސާނީ ވަސީލަތުގެ ގޮތުން ޞިއްޙީ ދާއިރާގެ ފެންވަރު ރަނގަޅު ކުރުމަށް މަސައްކަތްތަކެއް ކުރެވެމުން ދިޔަ ނަމަވެސް، އެކި ގޮތްގޮތުން ކުރިމަތިވަމުންދާ ގޮންޖެހުންތައް ޙިއްޞާކުރައްވާފައެވެ.
އެގޮތުން، އެންމެ ހައިރާންވެވަޑައިގަންނަވާ ކަމަކީ ޞިއްޙީ ދާއިރާއަށް ބޭނުންވާ ނަރުހުން ހޯދުމުގައި، ދިވެހި ނަރުހުން ލިބުމުގައި ދަތިތަކެއް ހުރުންކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.
ރައީސް ވަނީ، ދިވެހިރާއްޖޭގައި ތިއްބެވި، ތަމްރީނުވެފައިވާ ނަރުހުން، ވަޒީފާއަށް ނިކުމެވަޑައިގެން، މި ދާއިރާއަކީ ދިވެހީންގެ ދާއިރާއަކަށް ހެއްދެވުމަށް ގޮވާލައްވާފައިއެވެ.
ޞިއްޙީ ފަރުވާގެ ނިޒާމުގެ ތެރެއިން ފައިސާ އިސްރާފުވުން ހުއްޓުވައި، ބޭސްފަރުވާގެ ސަޕްލައި ކަށަވަރުކޮށް ދެއްވުމަށްޓަކައި މުހިންމު ފިޔަވަޅުތަކެއް އަޅުއްވާފައި ވާ އިރު، ދާދި އަވަހަށް އެކަންކަމުގެ ނަތީޖާ ފެންނާނެ ކަމުގެ ޔަޤީންކަން ރައީސް ދެއްވިއެވެ.
ރާއްޖެ ފަދަ ޖަޒީރާ ޤައުމުތަކުގެ މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކަކީ، ޞިއްޙީ ރައްކާތެރިކަމަށް އޮތް ވަރަށް ބޮޑު ނުރައްކަލެއްކަމުގައިވެސް އެމަނިކުފާނު ވަނީ ސިފަކުރައްވާފައެވެ.
ގޮންޖެހުންތަކާއެކުވެސް، ޑަބްލިއު.އެޗް،އޯ ސެޓްފިކޭޝަން ފެންވަރަށް، ޕޯލިއޯ، މެލޭރިއާ، ލިމްފެޓިކް ފައިލޭރިއާ އަދި މާބަނޑު މީހުންނާއި ނިއޯނޭޓަލް ޓެޓަނަސް ނައްތާލުމާއި، މައިމީހާގެ ފަރާތުން ދަރިފުޅަށް އެޗް.އައި.ވީއާއި ސިފިލިސް ފެތުރުން ކާމިޔާބުކަމާއެކު ހުއްޓުވުން ފަދަ، ޢާންމު ޞިއްޙަތުގެ ރޮނގުން ބޮޑެތި ކާމިޔާބީތަކެއް ރާއްޖެ ޙާޞިލުކޮށްފިކަމަށް ރައީސްގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.
މީގެ އިތުރުން ވަރުގަދަ، އިތުބާރުހުރި، ޕްރައިމަރީ، ޕްރިވެންޓިވް އަދި ކިއުރެޓިވް ހެލްތްކެއާއަށް އަދުގެ ސަރުކާރުން ވުނަކުރަމުން މިދަނީ، ކޮންމެ މީހަކަށްވެސް، ކޮންމެ ހިސާބެއްގައި ހުރެގެންވެސް، އެ މީހަކަށް ބޭނުންވާ ފަރުވާ ލިބޭނެ ގޮތް ކަށަވަރުކޮށްދިނުމުގެ މަޤުޞަދުގައިކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. މިކަމުގައި ގޮންޖެހުންތައް ގިނަވި ނަމަވެސް އަބަދުވެސް އިސްކުރައްވާނީ ރައްޔިތުން ކަމުގައި ރައީސް ވިދާޅުވިއެވެ.
![]()
