ބަނގުލަދޭސް އިންޑިޔާ އާއެކު ހަދާފައިވާ 5 އަަރަބު 90 ކުރޯޑް ރުފިޔާގެ ދިފާޢީ މުޢާހަދާ އުވާލައިފިއެވެ. އިންޑިޔާ އިން ދިފާޢުކުރަމުން އައި ބަނގުލަދޭޝްގެ ކުރީގެ އަނިޔާވެރި ބޮޑުވަޒީރު ޝައިޚް ޙަސީނާގެ ވެރިކަން ރައްޔިތުންގެ އިންޤިލާބަކުން ބަދަލުކުރި ފަހުން ދެޤައުމުގެ ދެމެދުގައިވާ ގުޅުންތައް ވަނީ ވަރަށް ބޮޑަށް ގޯސްވެފައެވެ.
ޝައިޚް ޙަސީނާ ގެ މައްޗަށް ކުރެވިފައިވާ ސިޔާސީ ވާދަވެރިން މެރުމާއި ނިޒާމުން ގެއްލުވާލުމާއި ކޮރަޕްޝަންގެ މައްސަލަތަކާއި ގުޅިގެން ބަނގުލަދޭޝްގެ ކޯޓަށް ޙާޟިރު ކުރުމަށް ޙަސީނާ ފޮނުވައި ދިނުމަށް އެދުމުން އިންޑިޔާއިން އެއްބާރުލުން ދީފައި ނުވުމާއި ޙަސީނާ އަށް އިންޑިޔާއިން ހިމާޔަތް ދިނުމަކީ މިދެ ޤައުމުގެ ގުޅުންތަކަށް ނޭދެވޭ އަސަދު ކުރުވާ އެންމެ ބޮޑު އެއްސަބަބު ކަމަށްވެއެވެ.
އިންޑިޔާގެ މިހާރުގެ ސަރުކާރުން ބައިމަދު ނަސްލުތަކުގެ ރައްޔިތުންނާއި މެދު ގެންގުޅޭ ތަފާތު ކުރުމުގެ ސިޔާސަތަކީ ވެސް މިދެޤައުމުގެ ގުޅުންތަކަށް ނޭދެވޭ އަސަދު ކުރާކަމަށް ވެއެވެ. އަދި ބަނގުލަދޭސްގެ ވެރިކަމުގެ މައްޗަށް އިސްލާމީ ޖަމާއަތްތަކުގެ ނުފޫޛު އަންނަކަމުގެ ތުހުމަތު އިންޑިޔާއިން ކުރެއެވެ،
ބޮޑުވަޒީރު ޙަސީނާ ވެރިކަންކުރީ، ސެކިއުލަ ސިޔާސަތެއްގެ ދަށުންނެވެ. އިންޑިޔާގެ ވެރިކަމަށް ބީ.ޖޭ.ޕީ . އައި ފަހުން އިންޑިޔާ އާއި އިޒްރޭލާއި ދެމެދު ގުޅުންތައް ބަދަހިވެ މުސްލިމުންގެ މަޞްލަޙަތާއި ގުޅޭ ކަންކަމުގައި އިންޑިޔާ އާއި އިޒްރޭލުގެ ސިޔާސަތަކީ އެއް ވިސްނުމެއް ކަމުގައި ވުމަކީ ވެސް އިންޑިޔާ އާއި ބަނގުލަދޭސްގެ ގުޅުންތައް ހީނަރުވީ ސަބަބެއްކަން ފާހަގަ ކުރެވިފައިވެއެވެ.