އޮރެންޖު ހިޔާއަށް ތެލެސީމިއާ ސެންޓަރު ބަދަލުކޮށް ރަސްމީކޮށް އެ ތަން ހުޅުވައިފިއެވެ.
މިއަދު އޮރެންޖު ހިޔާގައި ބޭއްވި ރަސްމިއްޔާތެއްގައި މި ހަފްލާ ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއެވެ.
މިރަސްމިއްޔާތުގައި މި އިމާރާތުގެ ވޯޑްތަކާއި ދެވޭ ޚިދުމަތްތަކާއި އެހެނިހެން ކަންކަން ރައީސް ވަނީ ބައްލަވާލައްވާފައެވެ.
ތެލެސީމިއާ ސެންޓަރު ހުޅުމާލޭ، އޮރެންޖް ހިޔާއަށް ބަދަލުކުރުމުގެ މަސައްކަތް ކޮށްފައި ވަނީ ޤައުމީ ދިފާޢީ ބާރުންނެވެ.
ތެލެސީމިއާ ސެންޓަރަށް ވަނީ ކުރީގެ ޑިޒައިނަށް ބައެއް ބަދަލު ގެންނަވާ، ކުޑަކުދިން ގަޔާވާފަދަ ގޮތަކަށް ބަދަލުތަކެއް ގެނެސްފައެވެ.
މިއަހަރުގެ ތެލެސީމިއާ ދުވަސް ކަމަށްވާ މެއި މަހުގެ 8 ވަނަ ދުވަހު ރައީސް ވަނީ އެތަނުގެ ހިންގުން މާލޭ ގްރޫޕް އޮފް ހޮސްޕިޓަލްސް އަށް ބަދަލުކުރައްވާފައެވެ.
އޮރެންޖް ހިޔާގައި މިއަދު ބެއްވި މި ރަސްމިއްޔަތުގައި ހެލްތު މިނިސްޓަރ އަބުދުﷲ ނާޒިމް، ޑިފެންސް މިނިސްޓަރ ޢައްސާން މައުމޫން އަދި އެހެނިގެން ގިނަ ވަޒީރުން ބައިވެރިވަޑައިގެންނެވިއެވެ.
ތެލެސީމިއާ ދުވަހާއި ދިމާކޮށް 1994 ވަނަ އަހަރުން ފެށިގެން ބޭނުންކުރަމުންދިޔަ މޯލްޑިވިއަން ބްލަޑް ސަރވިސްގެ ޢިމާރާތުގައި ހިންގަމުންދިޔަ ތެލެސީމިއާގެ ޚިދުމަތްތައް މިހާރުވަނީ ހުޅުމާލޭ އޮރެންޖް ހިޔާއަށް ބަދަލުކޮށްފައެވެ. އަދި ޚިދުމަތް ހޯދުމަށް މާލެއިން ފަސޭހަކަމާއެކު ބަހުގައި ދެވޭނެ އިންތިޒާމު ހަމަޖެއްސުމަށް އެމްޓީސީސީން ވަނީ އެ ސަރަޙައްދުގައި އިތުރު ބަސް ހުއްޓިއެއް ޤާއިމުކޮށްފައެވެ.