ހ. މިޓާޒްގޭގެ ފުރާޅުމައްޗަށް ހައްވާ ޔުމްނު ރަޝީދު 21އ ވެއްޓުނު ހާދިސާއާ ގުޅިގެން ހައްޔަރުކުރި ގ. އެރިޔަދޫ، ރައުދު އަހުމަދު ޒިލާލު ބަންދުން ދޫކޮށްލުމަށްފަހު މާގިނައިރުތަކެއް ނުވަނީސް އަނެއްކާވެސް ހައްޔަރުކޮށްފިއެވެ.
ރައުދު ބަންދުން ދޫކޮށްލާފައި ވަނީ މިއަދު ހެނދުނުއެވެ.
އޭނާ މިއަދު ބަންދުން ދޫކޮށްލާފައި ވަނީ އެންމެ ފަހުން އޭނާގެ ބަނދަށް ކްރިމިނަލް ކޯޓުން ޖަހާފައިވާ 20 ދުވަސްވެސް ހަމަނުވަނީހެވެ.
ބަންދުން ދޫކޮށްލުމަށްފަހު މިއަދު މެންދުުރުފަހުގެ ވަގުތެއްގައި އޭނާ ހައްޔަރުކޮށްފައި ވަނީ ކްރިމިނަލް ކޯޓުން ނެރުނު އާ އަމުރެއްގެ ދަށުންނެވެ.
މާރިޗު 18 ވަނަ ދުވަހުގެ ހެނދުނު ގެއެއްގެ ފުރާޅު މައްޗަށް ވެއްޓިފައި އޮއްވާ ފެނުނީ ހައްވާ ޔުމްނު ރަޝީދު، 21، ގ. ރަނައުރާގެއާގެ އެވެ.
ފުލުހުން ވަނީ ވެއްޓުނު އިމާރާތަށް ދިއުމުގެ ކުރިން އެރޭ ޔުމްނުއާއެެކު އުޅުނު 8 މީހުންގެ ޕާސްޕޯޓު ހިފަހައްޓާފައެވެ. ފުލުހުން ވަނީ އެ 8 މީހުންގެ ވަނަވަރުވެސް ހާމަކޮށްފައެވެ.
މި މައްސަލައާ ގުޅުންހުރި 8 މީހުންނަކީ:
ރައުދު އަހުމަދު ޒިލާލް، 21، ގ. އެރިޔަދޫ
އިޖާޒު ޖާއިޒު، 24، މާތޮޑާއަވަށް އޭޕްރީލް/ގދ. ފަރެސްމާތޮޑާ
އައިޝަތު ލަޔާލީ އިގުބާލް، 22، ގ. ނޯތުބްރީޒް
އިޒްދިޔާން މުހައްމަދު މައުމޫން، 28، މއ. މާންދޫގެދެކުނުގެ
ޔޫސުފް އަހްމަދު އަކްރަމް، 22، މއ. މާންދޫގެދެކުނުގެ
ޔޫސުފް ޔައްސާރު އަބްދުލްގަފޫރު، 28، ހ. މީނާޒް
އާމިނަތު ޖުނައިދާ ޖަމްޝީދު، 24، މ. ތިލަފަޅު
ހުސައިން ހަމީސް އަލީ، 28، އަލި/ނ. ވެލިދޫ
ފުލުހުން ވަނީ އެ 8 މީހުންނާ ގުޅުންހުރި ތަންތަންވެސް ބަލައި ފާސްކޮށްފައެވެ.