މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް) އިން، ޖަލުތަކުގައި ތިބި ޤައިދީންނަށް ކީރިތި ޤުރްޢާން އުނގަންނާދިނުމާ ގުޅޭގޮތުން ކީރިތި ޤުރްޢާނާ ބެހޭ ޤައުމީ މަރުކަޒާއެކު ފަހުމުނާމާއެއްގައި މިއަދު ސޮއިކޮށްފިއެވެ.
މި ފަހުމުނާމާގައި ސޮއި ކުރުމުގެ ރަސްމިއްޔާތު ބާއްވާފައި ވަނީ ސަލްމާނު މިސްކިތުގައެވެ.
އެމްސީއެސްގެ ފަރާތުން ފަހުމްނާމާގައި ސޮއި ކުރެއްވީ ކޮމިޝަނަރ އޮފް ޕްރިޒަންސް ޙަސަން ޒަރީރުއެވެ. އަދި ކީރިތި ޤުރްޢާނާ ބެހޭ ޤައުމީ މަރުކަޒުގެ ފަރާތުން ސޮއިކުރައްވާފައި ވަނީ މިނިސްޓަރ އޮފް ސްޓޭޓް ފޯރ އިސްލާމިކް އެފެއާޒް އަލްއުސްތާޛު ޢަބްދުﷲ ސަޢުދާންއެވެ.
ދެ އަހަރު ދުވަހުގެ މުއްދަތަށް ސޮއި ކުރެވުނު މި ފަހުމުނާމާގެ ދަށުން ަމޯލްޑިވިސް ކަރެކްޝަނަލް ސަރވިސްގެ ބެލުމުގެ ދަށުގައިވާ ފަރާތްތަކަށް ތަޖުވީދުމަގުން ރީތިކޮށް ކީރިތި ޤުރުއާން ކިޔަވަން ދަސްކޮށްދިނުމަށްޓަކައި މަރުކަޒުގެ މުދައްރިސުން ހަމަޖެއްސުމާ ގުޅޭ އެންމެހާ ކަންތައްތަކަށް މަގުފަހިކޮށްދޭނެއެވެ.
މި ފަހުމުނާމާގައި ސޮއި ކުރުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރ އޮފް ސްޓޭޓް ފޯރ އިސްލާމިކް އެފެއާޒް އަލްއުސްތާޛު ޢަބްދުﷲ ސަޢުދާން ވިދާޅުވީ މިއަދު ސޮއިކުރެވުނު މި ފަހުމްނާމާއަކީ، ކީރިތި ޤުރްޢާނާ ބެހޭ ޤައުމީ މަރުކަޒުން ރައްޔިތުންނަށް ދޭ ޚިދުމަތް ފުޅާކުރުމުގެ ގޮތުގައި ކުރެވުނު މަސައްކަތެއް ކަމަށެވެ. އަދި ކަރެކްޝަނުގެ ބެލުމުގެ ދަށުގައިވާ އެންމެހާ ބޭފުޅުންނަށް ކީރިތި ޤުރްޢާން އުގަންނައިދިނުމަށްޓަކައި އެ މަރުކަޒުން ކޮށްދެވެން އޮތް ހުރިހާ ކަމެއް ކޮށްދެއްވާނެ ކަމަށް ސްޓޭޓް މިނިސްޓަރު ވިދާޅުވިއެވެ.