ރަނގަޅު ދީންވެރި ދަރިއަކު ތަރުބިއްޔަތު ކުރެވޭނީ މައިންބަފަން ވެސް މާތް ﷲ އަށް ކިޔަމަންގަންނަ ބަޔަކަށްވެ އެއަމަލުތައް ދަރިންނަށް ނަމޫނާއަކަށް ދައްކައިގެން ކަމަށް އައްޝައިޚް އަޙްމަދު ފަހުމީ ދީދީ ވިދާޅުވެއްޖެއެވެ.
ޝެއިހް މިހެން ވިދާޅުވީ އިޖުތިމާޢީ ނަޒަރަކުން ބެލެނިވެރިކަމާއި ބެހޭގޮތުން، މެންދުރު ޓީވީގެ މަޢުޟޫޢު ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުންނެވެ. އެ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ޝެއިހް ވިދާޅުވީ ކޮންމެ ކުއްޖަކީވެސް ސާފު ފިތުރަތުގެ މަތިން ދުނިޔެއަށް އުފަންވާ ކުއްޖެއްކަމަށާއި، އެ ކުއްޖާ ވަކި ކަހަލަ މީހަކަށް ހަދަނީ އެކުއްޖާގެ މައިންބަފައިން ކަމަށެވެ.
”ގޭތެރޭގައި ހަމަނުޖެހުން ހިންގައި، މައިންބަފައިން ޒުވާބުކޮށް އަނިޔާވެރިވާ ބައެއްގެ ގޮތުގައި އަބަދު ކުއްޖާއަށް ފެންނަ ކަމުގައި ވަނީނަމަ، އެކުއްޖާގެ ހަޔާތުގައި ކަންކަމާ ދިމާވާ ހާލަތްތަކުގައި ރުޅި އިސްކޮށް، ޒުވާބުކޮށް އަނިޔާވެރިވެގެން ކަންކަމުގައި ހައްލުހޯދަން އެކުދިން މަސައްކަތްކުރާނެ“ ޝެއިހް ވިދާޅުވިއެވެ.
އަދި ކުދިން ކުރާ ގޯސް ކަންތައްތަކުގައި، އެކުއްޖާ ކުށްވެރިކުރުމުގެ ބަދަލުގައި އެކަން އެގޮތަށް ވާން ދިމާވީ ކޮން ސަބަބަކާ ހުރެތޯ ބެލުމަކީ ވެސް މުހިންމު ކަމެއްގެ ގޮތުގައި ޝެއިޚް ފަހުމީ ވަނީ ފާހަގަކުރައްވާފައެވެ.
ޝެއިޚްގެ މި ބަސްތަކަށް ބާރުދެއްވަމުން، މި ޕްރޮގްރާމުގައި ޝެއިޚްއާއި އެކު ބައިވެރިވި، އާއިލީ ތަރައްޤީއާބެހޭ ވުޒާރާގެ ސޯޝަލް ސަރވިސް ކޯޑިނޭޓަރ، އަބްދުﷲ އަޝްރަފް ވިދާޅުވީ، ކުދިން އަދަބުވެރިކުރުމަށް ދެވޭ އަދަބަކީ، ކުއްޖާއަށް އޭގެ ސަބަބުން ނަފްސާނީ ގެއްލުންތަކެއް ނުވަތަ ޖިސްމާނީ ގެއްލުންލިބޭ ކަހަލަ އަދަބަކަށް ވެގެން ނުވާނެކަމަށެވެ.
”ކުދިންނަށް ރަނގަޅު ތަރުބިއްޔަތު ފޯރުކޮށްދޭއިރު ކުއްޖާގެ އުމުރާއިގުޅޭ ގޮތަށް ވިސްނައިދީގެން އެކަންކުރުމަކީ މުހިންމު ކަމެއް، ކުއްޖާގެ އެންމެ ފުރަތަމަ މަދުރަސާއަކަށް މިވަނީ ގޭތެރެ، ނުވަތަ ކުއްޖާއާއި އެކީ އެންމެ ގިނަ ވަގުތު ހޭދަކުރާ މީހުން، ކުދިން ދަސްކުރާނީ އެކުދިންގެ މާހައުލުން ފެންނަ ކަންކަމާއި، އެކުއްޖާއަށް އަޑު އިވޭ އެއްޗެހި“ އަޝްރަފް ވިދާޅުވިއެވެ.
މިއާއި ގުޅިގެން ޝެއިޚް ވިދާޅުވީ، ރަނގަޅު ދީންވެރި ދަރިއަކު ތަރުބިއްޔަތު ކުރެވޭނީ މައިންބަފަން ވެސް މާތް ﷲ އަށް ކިޔަމަންގަންނަ ބަޔަކަށްވެ އެއަމަލުތައް ދަރިންނަށް ނަމޫނާއަކަށް ދައްކައިގެން ކަމަށެވެ.
މީގެ އިތުރުން މައިންބަފައިނަކީ ކުދިން ރަނގަޅު ގޮތުގައި ތަރުބިއްޔަތުކުރުމަށް ނަމޫނާއަކަށް ވާނެ އެންމެ ވަރުގަދަ ހަތިޔާރު އަދި އެންމެ ވަރުގަދަ ވަސީލަތް ކަމުގައި ޝެއިޚް ވަނީ ވިދާޅުވެފައެވެ.