އިންޑިއާގެ ގްރާންޓް އެސިސްޓަންސް ސްކީމް ”ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްންޓް“ގެ ތިންވަނަ ފިޔަވަހީ ގެ ދަށުން 13 މަޝްރޫއެއް ދިވެހިރާއްޖޭގައި ހިންގުމަށް ދިވެހި ސަރުކާރާއި އިންޑިއާ ސަރުކާރާއި ދެމެދު 13 ފަހުމްނާމާގައި ސޮއި ކޮށްފިއެވެ.
މި ރަސްމިއްޔާތު ބާއްވާފައި ވަނީ މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގައެވެ.
އެ ފަހުމްނާމާތަކުގެ ދަށުން ކުރިއަށް ގެންދާ މަޝްރޫއުތަކުގެ ޖުމްލަ އަދަދަކީ 100 މިލިއަން ދިވެހި ރުފިޔާއެވެ. މި މަޝްރޫއުތަކަކީ ރާއްޖޭގެ ފެރީ ނިޒާމު ތަރައްގީކޮށް އެއްކޮށް މުޅި ރާއްޖެ ގުޅުވައި ނިންމަން އެހީއަކަށް ވެގެންދާނެ މުހިންމު މަޝްރޫއުތަކެކެވެ.
މި ފަހުމްނާމާތަކުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއި ކުރައްވާފައިވަނީ މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޑޮކްޓަރ ޢަބްދުﷲ ޚަލީލު އެވެ. އިންޑިއާ ސަރުކާރުގެ ފަރާތުން ސޮއިކުރައްވާފައިވަނީ އިންޑިއާ އިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ހިޒް އެކްސެލެންސީ ޖީ. ބާލަސުބްރަމާނިއަން އެވެ. އަދި މި މަޝްރޫއުތަކުގެ ތަންފީޒީ ފަރާތުގެ ގޮތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މުޙައްމަދު އަމީން އެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ޑރ ޚަލީލް ވަނީ އިންޑިއާއިން ރާއްޖެއަށް ފޯރުކޮށްދޭ މިފަދަ އެހީތަކަކީ، އަބަދުވެސް ފާހަގަކޮށްލެވޭ، ދިވެހި މުޖުތަމައުއަށް ފައިދާކުރަނިވި ދިވެހި ރައްޔިތުންގެ ބޭނުންތަކާ އެއްގޮތަށް އަމާޒުކުރެވި، ދެ ޤައުމުގެ ދެމެދުގައި އޮތް ހަރުދަނާ ގުޅުން ރަމްޒްކޮށްދޭ މިސާލެއްކަމުގައި ފާހަގަކުރައްވާފައެވެ.
މިއަދު މި ސޮއިކުރެވުނު މަޝްރޫއުތަކަކީ މުޖުތަމަޢުގެ އުމްރާނީ ތަރައްްޤީ އަށާއި ބޭނުންތަކަށް ހައްލެއް ހޯދައިދީ، އިޖްތިމާޢީ އަދި އިޤްތިޞާދީ ގޮތުން ދިގު މުއްދަތަކަށް ފައިދާލިބޭ ގޮތަށް އަމާޒުކުރެވިގެން ކަނޑައަޅާފައިވާ މަޝްރޫޢުތަކެއް ކަމުގައި މިނިސްޓަރ ޑރ. ޚަލީލް ފާހަގަކުރެއްވިއެވެ.
”މި މަޝްރޫޢުތައް ކާމިޔާބުކަމާއެކު ކުރިއަށް ގެންދެވުމަކީ، ދެޤައުމުގެ ދެމެދުގައި އޮތް ގާތް ރަޙްމަތްތެރިކަމުގެ ރޫޙު ދައްކުވައިދޭ، ދެޤައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމެއް“ ވަޒީރު ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު އަމީން ވިދާޅުވީ އިންޑިޔާއާއެކު މިއަދު ސޮއިކުރެވުނު ފަހުމުނާމާގެ ސަބަބުން ާއާރްޓީއެލްގެ ޚިދުމަތްތައް އިތުރަށް ހަރުދަނާވެ، ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެކަމުގައި ތަކުރާރުކުރެއްވިއެވެ.
މީގެ އިތުރުން އަމީން ވިދާޅުވީ ކުރިން މުޅި މަޝްރޫޢު 2027 ވަނަ އަހަރު ނިންމުމަށް ހަމަޖެހިފައިވީ ނަމަވެސް، މިއަހަރު ނިމުމުގެ ކުރިން މި މަޝްރޫޢުތައް ނިންމާލެވޭނެކަމަށް އުއްމީދުކުރައްވާ ކަމަށެވެ.