ބިންވެރިޔާ ސްކީމުގެ ދަށުން ގުޅިފަޅުގެ ނުހިއްކާ އޮތް ސަރަހައްދުން ކުރީ ސަރުކާރުން ދޫކުރި ގޯތިތައް ހިއްކި ސަރަހައްދުން ދޫކުރާ ގޮތަށް ނިންމައިފިއެވެ.
ގުޅިފަޅުގެ ނުހިއްކާ އޮތް ސަރަހައްދުން ދޫކޮށްފައިވާ ގޯތިތައް ހިއްކި ސަރަހައްދުން ދޫކުރާ ގޮތަށް ބަދަލުކޮށް އާ ލޭންޑް ޔޫސް ޕްލޭން ވަނީ ޕްލޭނިން މިނިސްޓްރީން ކުރި އިއުލާނެއްގައި އާންމުކޮށްފައެވެ.
އެގޮތުން އެ އިއުލާނުގައި ބުނީ ކުރީގެ ހައުސިން، ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓް މިނިސްޓްރީން މިދިޔަ އޮކްޓޫބަރު މަހުގެ 15 ވަނަ ދުވަހު ގެޒެޓުކޮށްފައިވާ ގުޅިފަޅުގެ ފާސްކޮށްފައިވާ ލޭންޑް ޔޫސް ޕްލޭނަށް ބަދަލު ގެނެސް އެ މަހުގެ 27 ވަނަ ދުވަހު ގެޒެޓުކުރި ޕްލޭނަށް ބަދަލުތައް ގެނެސްފައިވާ ކަމަށެވެ.
ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް އިއްޔެ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ގުޅިފަޅުން ގޯތި ލިބުނު މީހުންގެ މެދުގައި މަސް ތެރޭގައި ގުރުއަތުލުން ބާއްވައި ބިންތަކުގެ ރަޖިސްޓްރީ ހަދައި ދޭން ފަށާނެ ކަމަށެވެ.
މިދިޔަ ފެބްރުއަރީ މަހު ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ދެތިން މަސްދުވަސް ތެރޭގައި ގުޅިފަޅުގެ ނުހިއްކާ އޮތް ސަރަހައްދުން ގޯތި ލިބުނު ފަރާތްތަކަށް ހިއްކި ސަރަހައްދުން ގޯތި ކަނޑައަޅައި، ރަޖިސްޓްރީ ހަވާލުކުރާނެ ކަމަށެވެ.