މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ މެންބަރުކަމަށް މ.ހާވިލާ، މޫސާ ރިޟްވާން އިއްޔެ ޢައްޔަންކުރައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ރިޟްވާން އެ މަޤާމަށް ޢައްޔަންކުރައްވާފައި ވަނީ ރައްޔިތުންގެ މަޖިލީހަށް ނަން ހުށަހަޅައިގެން މަޖިލީހުގެ ރުހުން ލިބިވަޑައިގަތުމުންނެވެ. ރިޟްވާން ވަނީ 2016ވަނަ އަހަރު ޕޮލިޓިކަލް ސައިންސް އަދި އިންޓަރނޭޝަނަލް ރިލޭޝަންސްގެ ދާއިރާއިން ބެޗެލަރސް ޙާޞިލްކުރައްވާފައެވެ.
އަދި މީޑިޔާ އާއި މީޑިޔާ ހިންގުމުގައި 2009 ވަނަ އަހަރުން ފެށިގެން އޭނާ ވަނީ ޢަމަލީ ގޮތުން ހަރަކާތްތެރިވެވަޑައިގެންފައެވެ. މީގެ އިތުރުން، ބައިނަލްއަޤްވާމީ އިދާރާތަކާއި ސަރުކާރުގެ ވުޒާރާތައް ގުޅިގެން މުޅި ރާއްޖޭގައި ހިންގި ފެންނާރު މަޝްރޫޢާއި މޯލްޑިވްސް އަރބަން ޑިވެލޮޕްމަންޓް އެންޑް ރެޒިލިއެންސް ޕްރޮޖެކްޓް، އަދި، ސްޓްރެންތެނިންގ ލޯ-ކާބަން އެނަރޖީ އައިލެންޑް ސްޓްރެޓެޖީސް (އެލް.ސީ.އީ.އައި) މަޝްރޫޢުގައި ޢަމަލީ ދައުރެއް ރިޟުވާން ވަނީ އަދާކުރައްވާފައެވެ.