ފުލުހުންގެ ޚިދުމަތުގެ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ގިނަ އަދަދެއްގެ މަސްތުވާތަކެތަކެއްޗާއެކު ހަ މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން މިއަދު ބުނީ އެ އޮޕަރޭޝަނުގައި ހަ މީހަކު ހައްޔަރުކޮށް 2 ކިލޯއާ ގާތްކުރާ އަދަދެއްގެ މަސްތުވާތަކެތި އަތުލައިގެންފައިވާ ކަަމަށެވެ.
މީގެ އިތުރުން ފައިސާއާއި، އިލެކްޓްރޯނިކް ވަސީލަތްތަކާއި، ކެނަބިސް އެކުލެވޭ އުފެއްދުންތައް ވެސް އަތުލައިގެންފައިވާ ކަމަށް ފުލުހުން ހާމަކުރެއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ގއ. ދާންދޫ / ބޯގަންވިލާ، ޙަސަން ޢަލީ (26އ) އާއި ޅ. ކުރެންދޫ / މެދުރިގެ، މުޙައްމަދު އަލީޝް އަޙްމަދު (28އ) އާއި ހދ. ނޮޅިވަރަންފަރު ސާރާޒް، ވަލީދު މުޙައްމަދު (26އ) އާއި ސ. ފޭދޫ / ފެނިގެއްލިދާގެ، ޖައިލަމް މުޙައްމަދު ޒަކީ (28އ) އާއި ފ. ދަރަނބޫދޫ / ނާރެސް، ޝަޔާން އިސްމާޢީލް ވަޙީދު (18އ) އާއި އއ. ތޮއްޑޫ / ތުނޑި، އިބްރާހީމް މައިޝަމް މާހިރު (21އ) އެވެ.
މި މެއި މަހުގެ 14 އަދި 15 ވަނަ ދުވަހު ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި މި އޮޕަރޭޝަނުގައި މާލެއާއި ހުޅުމާލެ ހިމެނޭގޮތަށް 7 ތަނެއް ބަލައި ފާސްކޮށްފައިވެއެވެ.
ފުލުހުން ބުނީ ހެރޮއިންއާއި މެތަމް ފެޓަމިން އަދި ކެނަބިސް ހިމެނޭ ގޮތުން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ތަކެތި ފެނިފައިވާ ކަމަށެވެ. މި ތަކެތީގެ ވަގުތީ ބަރުދަނަކީ 1943.76 ގްރާމެވެ. މީގެ އިތުރުން، ނިކޮޓިން-ސްޓައިލް ވޭޕް ކާޓްރިޖްތަކާއި، ”މޫންޝައިން“ ކެނަބިސް ބުއިންތަކާއި ފްލޭވަރ ކުރެވިފައިވާ ތެޔޮ ވެސް އަތުލައިގެންފައިވެއެވެ.
މީގެ އިތުރުން 90،000 އަށްވުރެ ގިނަ ދިވެހި ރުފިޔާ އާއި 3،605 އެމެރިކާ ޑޮލަރުގެ އިތުރުން 6 މޯބައިލް ފޯނާއި 2 ލެޕްޓޮޕް ވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށް ފުލުހުން ބުނެފައި ވެއެވެ.
މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ޖައިލަމް މުޙައްމަދު ޒަކީ (28އ) 5 ދުވަހަށް، އިބްރާހީމް މައިޝަމް މާހިރު (21އ) އާއި ޝަޔާން އިސްމާޢީލް ވަޙީދު (18އ) 10 ދުވަހަށް އަދި ޙަސަން ޢަލީ (26އ) އާއި މުޙައްމަދު އަލީޝް އަޙްމަދު (28އ) އާއި ވަލީދު މުޙައްމަދު (26އ) 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވެއެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.