ގަތަރުގެ ޝާހީ އާއިލާއިން އެމެރިކާގެ ރައީސަށް ޖައްވުތެރޭގެ ގަނޑުވަރެއް ހަދިޔާކުރަނީ

Loading

Facebook
Twitter
WhatsApp

އޭބީސީ ނިވްސް އިން މި ޚަބަރު އަޑުއިވުމުން ކުއްލިއަށް ހަނދާނަށް އައީ މީގެ ދުވަސްކޮޅެއް ކުރިން މި ދިވެހިރާއްޖޭގެ ރައީސްކަން ކުރެއްވި ބޭފުޅަކަށް ތުޙުމަތު ކޮށް އިވެމުން ދިޔަ އަޑުފަށް ގަނޑެކެވެ.                           

އެމެރިކާ ރައީސްގެ ރަސްމީ އެއާރކްރާފްޓަކަށް ބޭނުންކުރައްވާނެ އެއާފޯރސް -1،  ބޯއިން 8-747 ގެ ލަގްޒަރީ ޖަމްބޯ ޖެޓެއް ގަތަރުގެ ޝާހީ އާއިލާއިން ރައީސް ޓްރަމްޕަށް ހަދިޔާކުރައްވަން ނިންމަވައިފިއެވެ. ޚަބަރުތަކުގައި ބުނެފައިވާގޮތުން މިއީ ބޭރުގެ ގައުމަކުން އެމެރިކާގެ ރައީސަކަށް ދެއްވާ އެންމެ އަގުބޮޑު ހަދިޔާއެވެ.

މި ހަދިޔާ ރިޔާސަތުގެ މުއްދަތުގައި ޓްރަމްޕް ބޭނުން ކުރައްވާނެއެވެ. އެއަށްފަހު އެ ޖެޓްގެ ރަޖިސްޓަރީ ބަދަލުކުރެވޭނީ ޓްރަމްޕް ޕްރެޒިޑެންޝަލް ލައިބްރަރީ ފައުންޑޭޝަނަށް ކަމުގައި މަޢުލޫމާތު އެނގޭ ފަރާތަކުން އޭ ބީ ސީ ނިއުސް އަށް ކިޔާދީފައި ވެއެވެ. 2029 ޖެނުއަރީ 1 ގެ ކުރިން އެކަން ނިމިގެންދާނެއެވެ.                      

ރައީސް ޓްރަމްޕްގެ 2 ވަނަ ރިޔާސަތުގައި އެމެރިކާއިން ބޭރަށް ފުރަތަމަ ކުރައްވާ ދަތުރުފުޅުގައި ގަތަރަށް ވަޑައިގަތުމުން މިއަންނަ ހަފުތާގައި ރަސްމީގޮތުން މި ހަދިޔާ ޢިއުލާން ކުރެވޭނެކަމަށް ބުނެފާވެއެވެ. އެހެންނަމަވެސް ރައީސް ގަތަރުގައި ހުންނަވަނިކޮށް އެ ހަދިޔާ އަރުވަން ހަމަޖެހިފައި ނުވާކަމަށް ވައިޓްހައުސް އިން ބުނެފައިވެއެވެ.

ސޯޝަލް މީޑިއާއަށް އާދީއްތަ ދުވަހު ކުރެއްވި ޕޯސްޓެއްގައި އެ ހަދިޔާ ބަލާގަތުމުގެ ގާނޫނީ މިންތައް ފުރިހަމަ ކުރަމުން ގެންދާކަމަށް އެމެރިކާ ސަރުކާރުން ބުނެފައިވެއެވެ. ދިފާޢީ ވުޒާރާއިން ބުނެފައިވަނީ ސަރުކާރުން ކަންތައްކުރާނީ ވަރަށް ސާފުކޮށް ދެފުށް ފެންނަ ގޮތެއްގައި ކަމަށެވެ.                           

ވައިޓްހައުސް ޕްރެސް ސެކްރެޓަރީ ކެރޯލީނެ ލީވިޓް ވިދާޅުވެފައިވަނީ ބޭރުގައުމަކުން ދޭ ކޮންމެ ހަދިޔާއެއްވެސް ގަބޫލުކުރުން އެމެރިކާގެ ގާނޫނު ހުއްދަކުރާ ކަމަށެވެ. ބަންޑާރަ ނައިބު ޕާމް ބޮންޑިއާއި އަދި ވައިޓްހައުސްގެ އެންމެ އިސް ގާނޫނީ ވަކީލު ޑޭވިޑް ވޯރިންގްޓަންވެސް ވަނީ އެ ހަދިޔާ ގަބޫލުކުރުން ގާނޫނު މަނާނުކުރާ ކަމަށް ރައީސް ޓްރަމްޕަށް ދަންނަވާފައިވާނެ ކަމަށެވެ. ޑިޕާރޓްމެންޓް އޮފް ޖަސްޓިސްގެ ރައުޔަކީވެސް އެ ހަދިޔާ ދިނުމުގައި ވަކި ކަމެއް ޝަރުތުކޮށްފައި ނެތުމުން އެއީ ގަބޫލު ކުރެވިދާނެ ހަދިޔާއެއް ކަމަށެވެ.                         

އެއާރފޯސް 1 ގެ ބޭނުމަށް ވަގުތީ ގޮތުން އެއާރކްރާފަޓެއް ދިނުމުގެ މަޝްވަރާތައް ގަތަރުގެ ދިފާއީ ވުޒާރާއާއި އެމެރިކާގެ ދިފާއީ ޑިޕާރޓްމެންޓުން މިހާރު ކުރެވެމުން ދާކަމަށް ގަތަރު މީޑިއާގެ އެޓާޝޭ އަލީ އަލް އަންސާރީ ނެރެފައިވާ ބަޔާނެއްގައި ބުނެފައިވެއެވެ. އެއާރކްރާފްޓް އެމެރިކާއަށް ހަވާލު ކުރުމަށްފަހު އެމެރިކާގެ ރައީސް ދަތުރުފުޅު ކުރެއްވުމަށްޓަކައި ބޭނުންވާ އެހެން ވަސީލަތްތައް ގާއިމް ކުރެވިގެންދާނެ ކަމަށް މަޢުލޫމާތު އެނގޭ ފަރާތްތަކުން ވަނީ ކިޔާދީފައެވެ.                                                 

އެވިއޭޝަން ތަޖްރިބާކާރުން ވިދާޅުވަނީ ރައީސް ޓްރަމްޕް އަށް މި ލިބިވަޑައިގަންނަވާ ހަދިޔާގެ މާކެޓް އަގަކީ އެމެރިކާގެ ރައީސް ދަތުރުފުޅު ކުރެއްވުމަށްޓަކައި ބޭނުންވާ އެހެން ވަސީލަތްތައް ގާއިމް ކުރުމުގެ އަގު ނުހިމަނައި 400 މިލިއަން ޑޮލަރ ކަމަށެވެ.

އެއާރކްރާފްޓްގައި އެމެރިކާގެ ރައީސް ދަތުރުފުޅު ކުރައްވަން ބޭނުންވާ ވަސީލަތްތައް ގާއިމް ކުރުން އޭވިއޭޝަން ކޮމްޕެނީ އެލް-3 ހަރިސް އަށް ކޮމިޝަންކޮށްފައިވާ ކަމަށް އެން ބީ ސީ ނިއުސް އަށް ވަނީ އެނގިފައެވެ. މި ޚަބަރު އެންމެ ފުރަތަމަ ޝާއިއުކޮށްފައިވަނީ ވޯލްސްޓްރީޓް ޖާރނަލުންނެވެ.        

އެން ބީ ސީ ނިއުސް އިން މި ޚަބަރު އާންމު ކުރުމާގުޅިގެން ޑިމޮކްރެޓިކް ސެނޭޓް ޗަކް ޝޫމަރ ސޯޝަލްމީޑިއާގައި ބުނެފައިވަނީ އެއީ ރިޝްވަތު ނޫންކަމަށާއި ބޭރުގައުމެއްގެ ނުފޫޒުގައި ޝަރަފްވެރި ކަމާއެކު ފައިދަމާލާނެ އިތުރު ޖާގައާއެކު ލިބގެން ދިޔައީކަމަށެވެ. ޑިމޮކްރެޓުން ބާރުއަޅަމުން ގެންދަނީ އެ އެއާރކްރާފްޓްގެ އަގު އަދާކުރުމަށެވެ.  އެއާރފޯސް 1 ގެ ފްލީޓުގައި ބޭނުންކުރާ 200-747 ގެ 2 ޖަމްބޯ ޖެޓަކީ  1990 ވަނަ އަހަރުންފެށިގެން ބޭނުންކުރަމުން ގެންދާ 2 އެއާރކްރާފްޓެކެވެ. އެ 2 އެއާރކްރާފްޓްގެ ބަދަލުގައި އެހެން އުޅަނދުފަހަރަށް 2018 ގައި ވަނީ އޯޑަރ ދީފައެވެ. ބޯއިން ކުންފުނިން އެ 2 އެއާރކްރާފްޓް ނިމޭވަރުވާނީ 2029 ގައި ކަމަށް ބުނުމުން ރައީސް ޓްރަމްޕް ހުންނަވަނީ ހިތްޕުޅު ހަމަޖެހިވަޑައިނުގެންފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް