ގާނޫނާއި ގަވާއިދާ ހިލާފަށް ދިވެހިރާއްޖެއަށް ބިދޭސީން ގެނައުމުގެ ވިޔަފާރިކޮށް ޖިނާއީ ކުށްކޮށްގެން ފައިސާ ހޯދައި މަނީލޯންޑްރިންގ އަމަލުތަކެއް ހިންގާފައިވާ މައްސަލައިގައި ބިދޭސީއެއްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވައިފިއެވެ.
މި މައްސަލައިގައި ދައުވާ ކުރަން ފޮނުވާފައި ވަނީ ބަންގުލަދޭޝް އަށް ނިސްބަތްވާ ޝަހާދަތު ހޮސައިން، (34އ) އެވެ.
މީނާ ހައްޔަރުކޮށްފައި ވަނީ 2025 ޖަނަވަރީ 21 ވަަނަ ދުވަހު ކޯޓު އަމުރުގެ ދަށުންނެވެ.
ފުލުހުން ބުނީ ޝަހާދަތު ހޮސައިންއަކީ 2014 ވަނަ އަހަރުން ފެށިގެން ހަތަރު ވޯކްޕާމިޓެއްގައި ދިވެހިރާއްޖޭގައި އުޅެމުން ގޮސްފައިވާ މީހެއްކަން ތަހުގީގުގެ ތެރެއިން ދެނެގަނެވިފައިވާ ކަަމަށެވެ. އަދި އޭނާ ގެންގުޅޭ މޯބައިލް ފޯނާއި ލެޕްޓޮޕްގައި އެކި ކުންފުނިތަކުގެ ރަޖިސްޓްރީއާއި ލޯގޯ، ސްޓޭމްޕާއި ބިދޭސީން ހިމެނޭގޮތަށް އެކި މީހުންގެ ސޮޔާއި ވޯކްޕާމިޓާއި ކޯޓާ ނެގުމަށް ބޭނުންވާ ލިޔެކިޔުމުގެ އިތުރުން ބިދޭސީންގެ ޕާސްޕޯޓު ކޮޕީއާއި ބައެއް ދިވެެހިންގެ އައިޑީކާޑު ފޮޓޯ ވެސް ފެނިފައިވެއެވެ.
މީގެ އިތުރުން، ފުލުހުން ބުނީ އޭނާ ވޯކްޕާމިޓް ސައިޓުތަކަށް ވަދެފައިވާކަމުގެ ވެބް ހިސްޓްރީ ވެސް ތަހުގީގަށް ލިބިފައިވާ ކަމަށެވެ.