ނިއުކްލިއަރ 2 ބާރު ކަމަށް ބެލެވޭ އިންޑިއާއާއި ޕާކިސްތާނު ދެމެދުގައި ފެށުނު ދެކޮޅުވެރި މިސައިލް ހަމަލާތަކަށް ނިމުމެއް އަތުވެދާނެކަމަށް އުންމީދު ކުރެވެން ފަށައިފިއެވެ.
ދެ ގައުމުންވެސް މިހާރު ބުނަމުންގެންދަނީ އެއް ގައުމުން ހަމަލާ ނުދޭ ނަމަ އަނެއް ގައުމުންވެސް ހަމަލާ ނުދޭނެ ކަމަށެވެ.
ޕާކިސްތާނުގެ ޚާރިޖީ ވަޒީރު އިސްހާގް ޑަރް ވިދާޅުވެފައިވަނީ އިންޑިއާއިން ހަމަލާ ނުދޭ ނަމަ ޕާކިސްތާނުން ހަމަލާ ނުދޭނެ ކަމަށެވެ. އިނޑިއާއިން ހަމަލާ ދީފި ނަމަ ރައްދުގައި ހަމަލާ ދޭނެކަމަށެވެ. އެމަނިކުފާނު އިތުރަށް ވިދާޅުވެފައިވަނީ އެ ވާހަކަފުޅު އެމެރިކާގެ ޚާރިޖީ ވަޒީރު މާރކޯ ރޫބިއޯއަށްވެސް މިހާރު އޮންނާނީ ހިއްސާ ކުރައްވާފައި ކަމަށެވެ. އަދި ޚާރިޖީ ވަޒީރު ރޫބިއޯ އެމަނިކުފާނާ ގުޅުއްވުމުގެ ކުރިން އިންޑިއާގެ ޚާރިޖީ ވަޒީރާވެސް ގުޅުއްވާފައި ވާކަމަށެވެ.
ޕާކިސްތާނުން ރައްދު ހަމަލާ ދިނީ އިންޑިއާގެ ދެކޮޅުވެރިކަން ކެތްނުކުރެވޭ ހިސާބަށް ދިއުމުންނެވެ. އިންޑިއާއިން ބުނަނީ އެ ގައުމުން ޕާކިސްތާނުގެ އެއާރބޭސް އަށް ހަމަލާދިނީ ހޮނިހިރު ދުވަހު ޕާކިސްތާނުން ހައި ސްޕީޑްގެ އެތައް މިސައިލަކުން ޕަންޖާބު ސްޓޭޓްގެ އާންމުން ދިރިއުޅޭ ސަރަހައްދުތަކަށް ހަމަލާ ދިނުމުގެ ސަބަބުން ކަމަށެވެ. ޕާކިސްތާނުން ބުނެފައިވަނީ އިންޑިއާގެ ގިނަ މިސައިލްތަކެއް ޖައްވުތެރެއަށް ނައްތާލި ކަމަށެވެ.
އިންޑިއާގެ ޚާރިޖީވަޒީރު ސުބްރަމާނިއަމް ޖައިޝަންކަރާއެކު އެމެރިކާގެ ޚާރިޖީ ވަޒީރު މާރކޯ ރޫބިއޯ ދެއްކެވި ވާހަކަފުޅުގައި ދެކޮޅުވެރި ހަރަކާތަތައް ހުއްޓާލައި ދެ ގައުމުން ސީދާ ވާހަކަދައްކައިގެން ދެކޮޅުވެރިކަން ނިމުމަކަށް ގެންނަން ބާރު އެޅުއްވިކަމަށް ވެއެވެ. އަދި އެމެރިކާއިން އެ ކަމުގައި އެހީތެރިވެ ދޭނެކަމަށް ޚާރިޖިއްޔާގެ ތަރުޖަމާނު ޓަމީ ބުރޫސް ހާމަކޮށްފައިވެއެވެ.
އިންޑިއާއިން މައްސަލަ އިތުރަށް ގޯސްކުރަން ބޭނުން ނުވާކަމަށް ވަނީ އެނގިފައެވެ. އިންޑިއާއިން ކޮންޓްރޯލްކުރާ ކަޝްމީރުގެ 3 އެއާރބޭސް އަކަށް ޕާކިސްތާނުން ދިން ހަމަލާގައި އެ ސަރަހައްދުގެ ސިއްހީ ވަސީލަތްތަކާއި ސްކޫލްތަކަށް އަމާޒު ވެފައިވާކަމަށް ނިއު ދިއްލީގައި އިންޑިއާގެ މިލިޓްރީން ބޭއްވި ޕްރެސް ބްރީފިން އެއްގައި ވަނީ ހާމަކޮށްފައެވެ. އަދި ޕާކިސްތާނުގެ ހަމަލާތަކަށް އެކަށީގެންވާ ރައްދު ދީފައިވާނެކަމަށް ކާނަލް ސޮފިއްޔާ ގުރައިޝީ ހާމަކުރެއްވިއެވެ.
އެ ބްރީފިންގ ގައި ވިންގް ކޮމާންޑަރ ވިޔޯމިކާ ސިންގް ބުނެފައިވަނީ އިންޑިއާއިން ދެކޮޅުވެރިކަމަށް ނޭދޭ ކަމަށާއި އެހެންނަމަވެސް ރައްދު ނުދީ ދޫކޮށް ނުލެވޭނެ ކަމަށެވެ. ޕާކިސްތާނުގެ ހަމަލާތަކަށް އިންޑިއާއިން ރައްދު ދިނުމުގައި އަމާޒުކުރީ ހަމައެކަނި ޚާއްސަކޮށްފާހަގަ ކުރެވިފައިވާ މިލިޓްރީ ވަސީލަތްތަކަށާއި ރާޑަރ ތަކަށެވެ. ޕާކިސްތާނުގެ އެއްގަމު ސިފައިން ކުރިއަށް ޖެހެމުން އަންނަ ކަމުގެ ނިޝާންތައް ފެނިފައިވާތީ ދެކޮޅުވެރިކަން އިތުރަށް ގޯސްވެދާނެ ކަމަށްވެސް ބެލެވެއެވެ. އިންޑިއާ ސިފައިން ތިބޭނީ އަބަދުވެސް ތައްޔާރީ ހާލަތުގައެވެ.
ޕާކިސްތާނުގެ މިލިޓަރީން ބުނެފައިވަނީ އެގައުމުން މީޑިއަމް ރޭންޖުގެ ފާތިހް މަރުކައިގެ މިސައިލް ބޭނުން ކޮށްގެން ދިން ހަމަލާތައް އަމާޒުކޮށްފައިވާނީ ޕަތަންކޯޓާއި އުދަމްޕޫރުގައި ހުރި އެއާރބޭސް އަކާއި މިސައިލް ސްޓޯރޭޖަކަށެވެ.
އިންޑިއާ އާއި ޕާކިސްތާނުން ހާމަކުރި ވާހަކަތައް ކަށަވަރުކުރެވޭތޯ އެސޯޝިއޭޓެޑް ޕްރެސްއިން ކުރި މަސައްކަތް ކާމިޔާބެއް ނުވިއެވެ. ޕާކިސްތާނުގެ މިލިޓްރީ ތަރުޖަމާނު ލެފްޓިނެންޓް ޖެނެރަލް އަހްމަދު ޝަރީފް ޗައުދަރީ ބުނެފައިވަނީ އިންޑިއާއަށް ހަމަލާދިނުމަށްފަހު ޕާކިސްތާނުގެ އެއާރފޯސް ރައްކާތެރިކަމާއެކު އެނބުރި އައިސްފައިވާކަމަށެވެ.
ޕާކިސްތާނުން ދިން ރައްދު ހަމަލާތަކުގެ ޚަބަރު އަޑުއިވުމުން އިންޑިއާ ކަޝްމީރުގައި ދިރިއުޅޭ މީހުންނަށް ބާރުގަދަ ގޮވުންތަކުގެ އަޑު އެތަންމިތަނުން އިވިފައިވާކަމަށް ބުނެފައި ވެއެވެ. އޭގެތެރޭގައި ޖައްމޫއާއި ސްރީ ނަގަރ އަދި މިލިޓްރީ މަރުކަޒު އުދަމްޕޫރވެސް ހިމެއެވެ. ޖައްމޫގައި ދިރިއުޅޭ އެ ސަރަހައްދުގެ އެންމެ އިސް ޕޮލިސް އޮފިސަރ ޝެސް ޕައުލް ވައިދު ބުނެފައިވަނީ މިއަދު އަޑުއިވޭ ގޮވުންތައް މިވޭތުވެދިޔަ ދެ ރޭގައި އިވެމުންދިޔަ އަޑުފަށްގަޑާއި ތަފާތުކަމަށެވެ.
ޚަބަރުތަށް ބުނާގޮތުގައި އެ ގޮވުންތަކުގެ އަޑު އައީ ސިފައިންގެ ސައިޓް ތަކުންނާއި އެއާރޕޯރޓް ހިމެނޭ ސަރަހައްދުން ކަމަށްވެފައި ފައިޓަރ ޖެޓްތައް އުދުހޭ އަޑުވެސް ގަދަޔަށް އިވެމުން ދިއުމުން އެ ސަރަހައްދުގެ ހަމަހިމޭންކަން އޮތީ ގެއްލިފައި ކަމަށް ބެލެވުނެވެ.
އިންޓަރނޭޝަނަލް ކްރައިސިސް ގްރޫޕްގެ ފަރާތުން ވާހަކަދެއްކި ސީނިއަރ އެނަލިސްޓް ޕްރަވީން ދޮންތި ބުނެފައިވަނީ އިންޑިއާއި ޕާކިސްތާނުން ހަނގުރާމަ އިއުލާން ނުކުރި ކަމުގައިވިޔަސް ކުރަމުންގެންދަނީ ހަނގުރާމަ ކަމަށެވެ.
އިންޑިއާއިން ކޮންޓްރޯލްކުރާ ކަޝްމީރުގެ ބައެއް އިމާރާތްތައްވަނީ އިވެމުންދިޔަ ގަދަ އަޑުފަށްގަނޑާއެކު ހަލާކުވެފައެވެ. އިންޑިއާ ސިފައިންގެ ހަމަލާތަކުގައި ޕާކިސްތާނުން ކޮންޓްރޯލް ކުރާ ކަޝްމީރުގެ ބައެއް އަވަށްތަކަށްވެސް ބޮޑެތި ގެއްލުންލިބި މަރުވެފައިތިބި މީހުން އުފުލަމުން ގެންދާ މަންޒަރާއި ހަލާކުވެފައިވާ އިމާރާތްތައް ބަލާ ޗެކްކުރަމުންގެންދާ މަންޒަރު ވަނީ ފެނިފައެވެ.