ނިއުކްލިއަރ 2 ބާރު ކަމުގައިވާ އިންޑިއާއާއި ޕާކިސްތާނުން މިސައިލް ޙަމަލާތަކެއް ބަދަލު ކުރުމަށްފަހު ހުޅުވިގެންދާ ހަނގުރާމައަކަށް މިސްރާބު އަމާޒު ކުރަނީ ބާވައެވެ! މިއީ މުޅި ދުނިޔެއަށާއި އަދި ވަކިން ކާއްސަ ކޮށް މި ސަރަހައްދުގެ ގައުމުތަކަށް ވަކިން ބޮޑު ސުވާލެކެވެ. އަދި އެހެންވެއްޖެނަމަ މި ސަހައްދަށް ވަރަށް ނުރައްކާތެރި މުސީބާތަކަށް ވާނެއެވެ.
މިދިޔަ އޭޕްރިލް މަހުގެ 22 ވަނަދުވަހު އިންޑިއާގެ ޕަހަލްގަމްގައި ހިންގި ލޭއޮހޮރުވުމާގުޅިގެން މި ހިނގާ މޭ މަހުގެ 7 ވަނަ ދުވަހު 80 އެއާރކްރާފްޓް ބޭނުންކޮށްގެން ޕާކިސްތާނުގެ ޓެރަރިސްޓުންނާއި ގުޅުންހުރިކަމަށް އިންޑިޔާއިން ބުނާ، ކޭމްޕްތަކާއި ވަސީލަތްތަކަށް ހަމަލާދީ ހަލާކު ކޮށްލާފައިވާނެ ކަމަށް އިންޑިއާއިން ވަނީ ބުނެފައެވެ. އެހެންނަމަވެސް ޕާކިސްތާނުން ބުނެފައިވަނީ އިންޑިއާއިން ހަމަލާދީފައިވަނީ ޕަވަރ ލައިންތަކަށާއި މިސްކިތްތަކަށް ކަމަށެވެ. އަދި އާންމު ރައްޔިތުންގެ 31 މީހުން މަރާލާފައިވާ ކަމަށެވެ.
އިންޑިއާއިން ޕާކިސްތާނުގެ 3 އެއާރބޭސް އަކަށް ހަމަލާދީފައި ވަނިކޮށް ހޮނިހިރު ދުވަހު އިންޑިއާގެ އަމްރިތުސަރ އާއި ޖައްމޫ ކަޝްމީރަށް ޕާކިސްތާނުން ވަނީ ވަރުގަދައަށް ހަމަލާތަކެއް ދީފައެވެ. އިންޑިއާގެ މިސައިލްތައް ޕާކިސްތާނުގެ ނޫރް ޚާން އެއާރބޭސް އަށާއި މުރީދު އަދި ޝޯރކޮޓް އަށް އަމާޒުވެފައިވާ ކަމަށް ޕާކިސްތާނުގެ މިލިޓްރީ ތަރުޖަމާނު ބުނެފައިވެއެވެ. ޕާކިސްތާނުގެ އެއާރ ސްޕޭސް މިއަދު މެންދުރާހަމަޔަށް މިހާރުވަނީ ބަންދުކޮށްފައެވެ.
އިންޑިއާގެ ސުޕަރސޯނިކް ކްރޫޒް މިސައިލް ހަރުކޮށްފައިވާ މަނަވަރުތައް މިދިޔަ ހުކުރު ދުވަހު ޕާކިސްތާނުގެ ސަރަހައްދު ކައިރިއަށް ޖަމާވެފައިވާކަމަށް ބައެއް ޚަބަރުތަކުގައި ބުނެފައިވެއެވެ. އިންޑިއާގެ ދިފާއީ ވުޒާރާއިން ބުނެފައިވަނީ އެ ގައުމުގެ ކަނޑު ސިފައިންގެ ހުޅަނގު ފްލީޓް ޕާކިސްތާނުގެ ކަރާޗީ ސަރަހައްދަށް ފޮނުވާފައިވާނެ ކަމަށެވެ.
އަހަރެމެން މިގެންދަނީ ދުޝްމަނުންގެ ހަމަލާއަށް ފާރަލައި ބަލަމުންނެވެ. ކަނޑު ސިފައިންގެ ލަޝްކަރު ޖަމާކުރުމުގެ މަގްސަދަކީ ދުޝްމަނުންގެ ހަރަކާތްތަކަށް ފާރަލުމާއި އަދި ބޭނުންވެއްޖެ ހިނދެއްގައި އެކަށީގެންވާ ފިޔަވަޅު އެޅުމެވެ. ދަ ޓެލިގްރާފަށް މަޢުލޫމާތު ހިއްސާ ކުރި ފަރާތުން ބުނެފައި ވެއެވެ.
މީގެ އަށެއްކަ ދުވަހުގެ ކުރިއްސުރެން އެއުޅަނދުތައް ގެންދަނީ ޕާކިސްތާނުގެ ސަރަހައްދުން 300 ވަރަކަށް މޭލު ދުރުރުގައި ބައިނަލް އަގްވާމީ ކަނޑުގައި ތިބެގެން ފާރަލަމުންނެވެ. އެ ލަޝްކަރުގައި އެއާރކްރާފްޓް ކެރިއަރ އާއި ޑެސްޓްރޯޔަރ އާއި ޕްރިގޭޓް އަދި އެންޓައި-ސަބްމެރިން ޝިޕްސް ހިމެނިފައިވާނެއެވެ.
ތަޖްރިބާކާރުންގެ ނަޒަރުގައި ކާރާޗީގެ ބަނދަރަށް ޙަމަލާދިނުމުން ޕާކިސްތާނުގެ އިގްތިސާދަށް ވަރަށް ބޮޑެތި ގެއްލުން ކުރިމަތި ވެގެން ދާނެއެވެ. ކަރާޗީއަކީ ޕާކިސްތާނުގެ މައި ބަނދަރު ކަމަށްވެފައި އެ ގައުމަށް އެތެރެ ކުރާ މުދަލާއި ކަނޑު ސިފައިންނަށް ބޭނުންވާ ވަސީލަތްތަކުގެ ފަސްދޮޅަސް އިންސައްތ އެތެރެ ކުރެވެނީ ޚަރާޗީގެ ބަނދަރުންނެވެ.
އިންޑިއާގެ އުތުރާއި އަދި ހުޅަނގު ސަރަހައްދުގެ 15 ސިޓީއަކަށް މިސައިލް އާއި ޑްރޯން ބޭނުންކޮށްގެން ޕާކިސްތާނުން ދިން ޙަމަލާތައް ފޭލި ކޮށްލުމަށްފަހު އިންޑިއާގެ ކަނޑު ސިފައިންގެ ޙަރަކާތްތައް އެންމެ ފުރަތަމަ ރިޕޯރޓް ކޮށްފައިވަނީ ޓައިމްސް އޮފް އިންޑިއާއިންނެވެ.
އިންޑިއާގެ ގިނަ މިސައިލްތަކެއް ޖައްވުތެރޭން ހަލާކުކޮށްލާފައި ވާނެކަމަށް އިސްލާމް އާބާދުން ބުނެފައިވެއެވެ. އަދި “ އަހަރެމެން ދޭނެ ރައްދުގެ އިންތިޒާރުގައި “ ތިބުމަށް އިންޒާރު ދީފައި ވެއެވެ.
ފަހުގެ ޙަމަލާތައް ފެށިފައި މިވަނީ އިންޑިއާގެ ބައެއް ސަރަހައްދުތަކަށް ޕާކިސްތާނުން މިސައިލް ޙަމަލާ ތަކެއް ދިނުމާގުޅިގެންކަމަށް ބުނެފައިވެއެވެ. އިންޑިއާއިން ކޮންޓްރޯލް ކުރާ ކަޝްމީރުގެ އެއާރޕޯރޓްތަކުން ބާރުގަދަ އަޑުފަށްގަނޑެއް އިވިފައިވާ ކަމަށް ޚަބަރުތަކުން އެނގެއެވެ. ހުކުރު ދުވަހުގެ ރޭ އިންޑިއާ ކަޝްމީރުގެ ސްރީނަގަރ އިންޓަރނޭޝަނަލް އެއާރޕޯރޓުން ބާރުގަދަ 10 ވަރަކަށް ބާރުގަދަ ގޮވުން ވަނީ އަޑުއިވިފައެވެ.
ޕާކިސްތާނުގެ ޙަމަލާތައް އަމާޒުކޮށްފައިވަނީ ސިކުންގެ މުގައްދަސް އަމްރިތުސަރ އާއި ޕަންޖާބުގެ އެކިއެކި ހިސާބުތަކަށް ކަމުގައި ރޮއިޓާރސް އިން ބުނެފައި ވެއެވެ. ޖައްމޫ ކަޝްމީރުގައި ހުކުރު ދުވަސް ހޭދަވެގެންދިޔައީ އަލިކަމެއް ނެތި އަނދިރި ކަމުގެ ތެރޭގައެވެ. އަހުރެން ދިރިއުޅޭ ސަރަހައްދަށްވެސް ދޭތެރެ ދޭތެރޭން ބާރުގަދަ ގޮވުންތަކެއްގެ އަޑު އިވިއިވި ހުރި ކަމަށް ޗީފް މިނިސްޓަރ އުމަރު އަބްދުއްލާ އެކްސް ލައި ލިއުއްވާފައި ވެއެވެ.
ޕާކިސްތާނުގެ ޙަމަލާތަކުގެ ރައްދުގައި ލާހޯރުގެ އެއާރ ޑިފެންސް ނިޒާމަށް އިންޑިއާއިން ޙަމަލާދިން ކަމަށް އިންޑިއާއިން ބުނެފައިވެއެވެ. އިންޑިއާއިން ފޮނުވި 48 ޑްރޯން ނައްތާލާފައިވާނެ ކަމަށާއި ލާހޯރުގެ އެއާރ ޑިފެންސް ނިޒާމަށް އެއްވެސް ގެއްލުމެއް ނުލިބޭ ކަމަށް ޕާކިސްތާނުން ވަނީ ބުނެފައެވެ. އަދި އިންޑިއާއިން ޙަމަލާދޭން ބޭނުންކުރި ބައެއް ފައިޓަރ ޖެޓްތައް ވާނީ ވައްޓާލާފައި ކަމަށްވެސް ޕާކިސްތާނުން ބުނެފައި ވެއެވެ. މިކަހަލަ ހަނގުރާމަތަކުގައި ދެފަރާތުންވެސް އަބަދުވެސް އެބައެއްގެ ކާމިޔާބުތައް މީޑިޔާއަށް ބުނެދެއެވެ.
އިންޑިއާއިން ދިން ޙަމަލާތަކުގައި މަރާލާފައިވާ ކުޑަ ކުދިންތަކެއްގެ ފޮޓޯ ދައްކަމުން ރާވަލްޕިންޑީގައި އޮތް މިލިޓްރީ މަޢުލޫމާތު ދިނުމެއްގައި އެ މުއައްސަސާގެ ތަރުޖަމާނު ލެފްޓިނެންޓް ޖެނެރަލް އަޙްމަދު ޝަރީފް ޗައުދަރީ ބުނެފައިވަނީ އިންޑިއާގެ ޙަމަލާތައް އަދިވެސް އަންނާނެ ކަމަށާއި އިންޑިއާއިން ބޭނުންވަނީ ނިއު ނޯރމްސް ތަކެއް އެކަށަ އަޅާށެވެ. އަހަރެމެން އެ ފުރުސަތު އިންޑިއާއަށް ދޭނެކަމަށް ހީކުރަނީ ހެއްޔެވެ! މި ފޮޓޯ ތަކަށް ބަލާފައި އަހަރެމެން ރައްދު ދޭއްވީ ގޮތެއް ބުނެދީބަލާށެވެ.
ފާހަގަކުރެވޭ އެހެން ޚަބަރުތަކަށް ބަލާއިރު ލާހޯރުގައި ދިރިއުޅޭ އެމެރިކާގެ ރަށްވެހިން ވަގުތުން ޕާކިސްތާނު ދޫކޮށް ދިއުމަށާއި ނުވަތަ ރައްކާތެރިކަން ލިބިގަތުމަށް އެމެރިކާގެ ކޮންސިއުލޭޓުން އަންގައިފިއެވެ.

އިންޑިއާއާއި ޕާކިސްތާނުގެ ނުރައްކާތެރި ވަމުންދާ މަސްރަހާ ގުޅޭގޮތުން ވާހަކަދައްކަމުން އެމެރިކާގެ ނައިބު ރައީސް ޖޭ ޑީ ވޭންސް ވިދާޅުވެފައިވަނީ އުސޫލެއްގެ ގޮތުން ބުނާނަމަ އެއީ އަހަރެމެންނާ ބެހޭ ކަމެއް ނޫނެވެ. އެމަނިކުފާހުގެ ބަސްފުޅުގައި “ ފަންޑަމެންޓަލީ އިޓްސް ނަން އޮފް އަވަރ ބިޒްނަސް “ ޓައިމްސް އޮފް އިިންޑިއާއިން ބުނެފާވެއެވެ.
ނަމަވެސް މިރާގެ އެންމެ ފަހުގެ ޚަބަރުގައި ބުނެފާވަނީ އެމެރިކާގެ ރައިސް ޓްރަމްޕްގެ އެދުމުގެ މަތީން އެ ދެގައުމުންވެސް އިތުރަށް ބޮޑުހަނގުރާމަ ފުޅާނުކޮށް ސުލްޙައިގެ ވާހަކަތަކަށް ފުރުސަތުދޭން އެއެބަސް ވެއްޖެކަމަށެވެ. އިންޑިއާ އާއި ޕާކިސްތާނުގެ ސިޔާސީ ދެކޮޅުވެރިކަމާ ގުޅިގެން ތުރުކީ ސަރުކާރުން ޕާކިސްތާނަށް ތާއިދުކޮށް ވާހަކަ ދައަކަމުން ގެންދާތީވެ އިންޑިއާގެ ޓްރެވަލް ބްރޭންޑް ގޯ ހޯމްސްޓޭއިން ޓާރކިޝް އެއާރލައިނާއެކު އޮންނަ ޕާރޓްނަރޝިޕް އުވާލައިފި ކަމަށް އެކްސް ގައި ކޮށްފައިވާ ޕޯސްޓަކުން ހާމަ ވެއެވެ. އަދި ޕާކިސްތާނާއި އިންޑިއާގެ ދެކޮޅުވެރިކަމުގައި ތުރުކީއާއި އަޒަރބާއިޖާނުން ޕާކިސްތާނަށް ތާއިދުކުރަމުން ގެންދާތީ އިންޑިއާގެ ސޯޝަލް މީޑިއާގައި ތުރުކީއާއި އަޒަރބާއިގެ ދަތުރުވެރިންނާ ދެކޮޅަށް ހިންގަމުންގެންދާ ކެމްޕޭން ފުޅާކުރަމުން އެ 2 ގައުމު އިންޑިއާގެ ޓްރެވަލް ލިސްޓުން އުނިކުރަންވެސް ގެންދަނީ ގޮވާލައިފާ ވެއެވެ.
One Response
ޓްރަމްޕް އެދިގެން ހަނގުރާމަ ހުށްޓާލަނީޔޯ އެބަކިޔާ ސޯސަލް މީޑިޔާ ތަކުނެ ހަމަ ދެންމެ. ބޮޑެތި ހަނގުރާމަތައް ކޮށް ގައުމުތަކުގެ ގިނަމީހުން ޙާއލުގައި ޖެހުމަކީ ވަރަށްވެސް ދެރަކަމެކެވެ. އިންޝާﷲ ތި ހަނގުރާމަ އިތުރަށް ފުޅާނުވެ ހުށްޓޭށިއެވެ. އާމީން!