އުރުދުންގެ ސަލާމަތަށް ނުރައްކާތެރި ޙަމަލާތަކެއް ދިނުމަށް މަސައްކަތްކުރި އުރުދުންގެ ބޮޑު ނެޓްވޯކެއް އުރުދުންގެ ސިއްރު ފުލުހުން ހައްޔަރު ކޮށްފައިވާކަމަށް އުރުދުން ސަރުކާރުން ބުނެފިއެވެ. އުރުދުންނުން މިގޮތަށް ބުނި ނަމަވެސް އުރުދުން ހައްޔަރުކުރީ، އިޒްރޭލުން ފަލަސްޠީނުގައި ހިންގާ ލޭއޮހޮރުވުން ތަކަށް ދެކޮޅު ހެދުމުގެ ގޮތުން އިޒްރޭލަށް ޙަމަލާ ދިނުމަށް އުޅުނު ނެޓްވޯކެއްކަމަށް ވެއެވެ.
އުރުދުންނުން ވަނީ މީގެ ކުރިން އީރާނުން އިޒްރޭލަށް ފޮނުވި މިސައިލްތަކެއް ވެސް އުރުދުންގައި ތިބޭ އެމެރިކާގެ ސިފައިން ގެ އެހީތެރިކަމާއެކު އިޒްރޭލަށް ފޯރުމުގެ ކުރިން ގޮއްވާލާފައެވެ. މިފަހަރު އުރުދުން އަތުލައިގަތް ހަތިޔާރުގެ ތެރޭގައި އަމިއްލައަށް އުފައްދާފައިވާ މިސައިލު ވެސް ހުރިކަމަށް ބުނެފައިވެއެވެ.
އުރުދުންގެ ރަސްގެފާނު ޢަބްދުﷲ ދާދިފަހުން އެމެރިކާއަށް ކުރެއްވި ދަތުރުގައި ފަލަސްޠީނުގެ ރައްޔިތުން ޣައްޒާއިން ބޭރުކުރުމާއި ގުޅޭގޮތުން ޓްރަމްޕު ދެއްކެވި ހުރިހާ ވާހަކައަކަށް “ ވެސް ރުހޭކަމަށް ވިދާޅުވިކަމަށް ވެއެވެ. އެހެން ނަމަ ވެސް އުރުދުންގެ ރައްޔިތުން އެކަމާ ނުރުހި ކެކިއަރަން ފެށުމުން ރަސްގެފާނު އެއްބަސްވީ ޣައްޒާގައި ޒަހަމުވާ މީހުން އުރުދުނަށް ގެނައުމަށް ކަމަށާއި، ޣައްޒާގެ ރައްޔިތުން އުރުދުންގައި ވަޒަންވެރި ކުރުވަން ބޭނުން ނުވާކަން ހާމަކޮށް ބަޔާނެއް ނެރުނެވެ.
އަދި އުރުދުންގެ ރަސްގެ ފާނު ޓްރަމްޕާއި ބައްދަލުކުރައްވާ ދެބޭފުޅުން ވާހަކަ ދެއްކެވި ވަގުތު ޢަބްދުއްﷲ ރަސްގެ ފާނު ޓްރަމްޕަށް މާބޮޑަށް އަޅުދާސް ވެ ފިނިވެފައި، އިންނެވިކަން ފާހަގަކުރެވުނުކަމަށް ބުނެ މެދުއިރުމަތީގެ ނޫސްތަކާއި ޢަރަބި ޤައުމުތަކުގެ ރައްޔިތުން ރަސްގެފާނަށް ފާޑުކިޔާފައި ވެއެވެ.
އުރުދުންގެ ޝާހީ ވެރިކަމާއި މިޞްރު ސަރުކާރަކީ ، އިޒްރޭލުން ހިންގާ ޤަތުލު ޢާއްމު ތަކަށް ސިއްރިއްޔާތުގައި އެހީތެރިވެދޭ ދެޤައުމުކަމަށް ބައިނަލްއަޤުވާމީ ބައެއް ފަރާތްތަކުން ފާހަގަ ކުރި ނަމަވެސް އެކަން އެދެ ޤައުމުން ދޮގުކުރެއެވެ. މިދެ ޤައުމަކީ ވެސް ފަލަސްޠީނާއި ބޯޑަރުން ގުޅިފައިވާ ދެޤައުމެވެ. އެހެންކަމުން އިޒްރޭލަށް ރައްކާތެރިކަން ފޯރުކޮށް ދިނުމުގައި މިދެޤައުމަކީ، އެމެރިކާގެ ބައިވެރިން ކަމުގައި އެމެރިކާ ބުނެއެވެ.
އެމެރިކާގެ ނުފޫޛާއި ބިރުދެއްކުމުގެ ސަބަބުން ސައޫދީ ޝާހީ ވެރިކަމުން ވެސް އިޒްރޭލާއެކު ސިއްރިއްޔާތުގައި ގުޅުންތައް ބާއްވާ ކަމުގެ ތުޙުމަތު ކުރެވިފައިވެއެވެ. އެހެންނަމަވެސް ސަޢޫދީ ރައްޔިތުން ގެ ނުރުހުން އަމާޒު ވާނެތީ ސައޫދީން ވަނީ، އިޒްރޭލާއި ޑިޕްލޮމެޓިކް ގުޅުން ޤާއިމު ކުރާނީ، ފަލަސްޠީނުގެ ދައުލަތެއް ޤާއިމުވުމުންކަމަށް ބުނަމުން ދެއެވެ.