އަންނަ ހޮނިހިރު ދުވަހުން ފެށިގެން ޗައިނާއިން އެމެރިކާގެ ހުރިހާ މުދަލަކުން ނަގާ ޓެރިފް 84 އިންސައްތައިން 125 އިންސައްތައަށް ބޮޑުކުރަން ނިންމައިފިއެވެ.
ޗައިނާގެ އިމްޕޯޓުތަކަށް އެމެރިކާއިން ނަގަމުން އަންނަ ”ރެސިޕްރޯކަލް“ ޓެރިފްއާ މިހާރު އާ ޓެރިފް އެއްވަރުވެފައިވާއިރު، ޗައިނާއިން ބުނެފައި ވަނީ އެ ޓެރިފް އެއަށްވުރެ މައްޗަށް ނުދާނެ ކަމަށެވެ. އަދި އެމިރިކާއިން މަތިކުރާވަރަކަށް އެގައުމުންވެސް މަތިކުރާނެކަމަށް އަންގާފައެވެ.
އެމެރިކާއިން މީގެ ކުރިން ޗައިނާއަށް ނަގަމުން އައި ޓެރިފްތައް ބާލާނަމަ، އިމްޕޯޓް ކުރާ މުދަލުން މިހާރު ނަގާ ރޭޓަކީ 145 އިންސައްތައެވެ.
ޗައިނާގެ ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ އެމެރިކާއިން ބޮޑު ޓެރިފްތަކެއް ނަގަމުން ދިޔަ ނަމަވެސް، އިގްތިސާދީ މާނައެއް ނެތް ކަމަށާއި ދުނިޔޭގެ އިގްތިސާދުގެ ތާރީހުގައި ވެސް ޖޯކަކަށް ވެގެންދާނެ ކަމަށެވެ.
“މިހާރުގެ ޓެރިފް ލެވެލްގައި ޗައިނާއަށް އެކްސްޕޯޓްކުރާ އެމެރިކާގެ މުދަލަށް މާކެޓް އެކްސެޕްޓެންސެއް ނެތް. އެމެރިކާއިން ޓެރިފް ބޮޑުކުރާ ކުޅިވަރު ކުޅެމުން ދާނަމަ ޗައިނާއިން އެކަމަށް ރައްދުދޭނެއެވެ. އެހެންނަމަވެސް، ޗައިނާގެ މަސްލަހަތަށް އަރައިގަތުމުގައި ދެމިތިބުމަށް އެމެރިކާއިން ބާރުއަޅައިފިނަމަ، ޗައިނާއިން ވަރުގަދަ ރައްދު ދީދީ ހުންނާނެއެވެ. އަދި މިކަން ނިމުމަކަށް އަންނަންދެން ރައްދުދިނުން ކުރިޔަށްދާނެކަމަށްވެސް އެ ބަޔާނުގައިވެއެވެ.
އެމެރިކާގެ ބާޒާރުތައް ހުޅުވުމުގެ ކުރިން އެސްއެންޑްޕީ 500 އަދި ޑައު ޖޯންސް މި ޚަބަރާ ގުޅިގެން ދަށަށް ގޮސް، ބާޒާރުގެ އުދަނގޫކަމުގެ ހަފުތާއެއްހާ ދުވަސް ވަނީ އިތުރުކޮށްފައެވެ. ޗައިނާއިން މިކަން އިއުލާނުކުރިތާ ކުޑަ އިރުކޮޅެއްގެ ތެރޭގައި ޔޫރޯއާ އަޅާބަލާއިރު ޑޮލަރު ވަނީ ގާތްގަނޑަކަށް ދެ ޕަސެންޓް ދަށަށް ގޮސްފަ އެވެ.
އޭޕްރީލް މަހުގެ 2 ވަނަ ދުވަހު ”ރެސިޕްރޯކަލް“ ޓެރިފްތަކެއް އިއުލާނު ކުރެއްވުމަށްފަހު، ރައީސް ޓްރަމްޕް ވަނީ މި ހަފްތާގެ ކުރީކޮޅު، މި ޓެކްސްތަކުގެ ބޮޑުބައެއް 90 ދުވަހަށް މެދުކަނޑާލައްވައިފައެވެ.
ޓްރަމްޕް ޗައިނާ ބާކީކުރީ، ޗައިނާއިން 84 އިންސައްތަ ޓެކްސް ނެގުމާ ގުޅިގެން، އެ ޤައުމުން 125 އިންސައްތަ ޓެރިފް ބޮޑުކުރައްވާނެކަމަށް ޗައިނާގެ ރައީސް އިއުލާނު ކުރެއްވުމާ ގުޅިގެންނެވެ.
ޓްރަމްޕް ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ދުނިޔޭގެ ބާޒާރުތަކަށް ޗައިނާއިން ދައްކަމުން އަންނަ އިހުތިރާމް ކުޑަކަމުގެ މައްޗަށް ބިނާކޮށް، އެމެރިކާއިން ޗައިނާއަށް ނަގާ ޓެރިފް 125 އިންސައްތައަށް އުފުލައި، ވަގުތުން ވަގުތަށް އަމަލުކުރަން ފަށާނެ ކަމަށެވެ.
“ލިބަރޭޝަން ޑޭ“ ޕެކޭޖުގެ ބޮޑު ބައެއް ހުއްޓާލަން ރައީސް ނިންމެވީ ހިއްސާގެ ބާޒާރުގައި ލޭ އޮހޮރުވުމާއި ބޮންޑް ޔީލްޑް އާދަޔާ ހިލާފަށް އިތުރުވުމާ ގުޅިގެންނެވެ. އިންވެސްޓަރުން އާންމުގޮތެއްގައި އެމެރިކާގެ ޓްރެޝަރީތަކަށް ޖަމާވަނީ ސޭފް ހެވަން އެސެޓެއްގެ ގޮތުގައި ދެކޭތީ އެވެ.