މިއަދު މިއޮތް ސަރުކާރަކީ، އަމިއްލަ މަޞްލަޙަތުނެތް އެއްވެސް ކަމެއް ރަނގަޅު ކުރަން ބޭނުންވާ ސަރުކާރެއް ނޫންކަމަށް ބުނާތީ އެއަޑު އަހާ ކޮޅުން ލާކަށެއް ނެތެވެ. މި ވާހަކައަކީ ޙަޤީޤަތެއް ކަން ނުވަތަ ނޫންކަން ބެލުމަކީ ހަމަބުއްދިން ކުރަންޖެހިއްޖެ ކަމެކެވެ. ހަމަ ބުއްދިން ވިސްނޭނީ، ތިމާ ކުރާ ކޮންމެކަމެއް ބައްލަވާ ދެނެވޮޑިގެންވާ އެއްކައުވަންތަ ފަރާތެއް ވާކަމާއި ޢަމަލުތައް ކިރާނެ ދުވަހެއް އޮތްކަމާއި ހަރާމް ޙަލާލު އޮތްކަމާއި ނަރަކަ އާއި ސުވަރުގެ ވާކަން ދަނެ އެކަން ހިތުގެ އަޑިން ޤަބޫލުކޮށް ކުރާ ކޮންމެ ކަމެއް އަމާނާތްތެރި ކަމާއި އިޙްސާންތެރި ކަމާއެކު ކުރުންމަތީ ހުންނަ މީހަކަށެވެ.
ރާއްޖެއަށް ޑިމޮކްރަސީ ކިޔާ އެއްޗެއް ގެނައުމަށް ފަހު ފާއިތުވީ ވެރިކަންތަކާއި މިހާރު ހިނގަމުންދާ ވެރިކަމާއި، ހުރިތަފާތަކީ ކޮބާހެއްޔެވެ؟ ތަފާތެއް ވޭހެއްޔެވެ؟ އެއްގޮތް ކަންތަކާއި އެއްގޮތް ނޫން ކަންތައް އަޅާ ނުކިޔޭނެ ކަންކަމަކީ، ކޮބާ ހެއްޔެވެ؟ ޖަވާބަކީ، ބައިވަރު އެއްގޮތް ކަންތައްތަކެއް އެބަހުއްޓެވެ.އެއްގޮތް ކަންކަމީ ޚިޔާނާތާއި ފަސާދައެވެ.
ފުރަތަމަ ޚިޔާނާތަކީ ވަޢުދާ ޚިލާފަށް ދައުލަތުގެ މަޤާމުތަކަށް ޝަރުޠު ހަމަނުވާ އެތައް ބަޔަކަށް ސަރުކާރުން ވަޒީފާ ދިނުމެވެ. ސިޔާސިީ ގޮތުން ވީ ބޮޑު ވަޢުދަކީ، ތަޢުލީމީ ތަޖުރިބާކާރު މީހުންނަށް ވަޒީފާގެ އިސްކަން ދޭނެކަމަށެވެ. އެހެނެއްކަމަކު ކުރިންވީ ވަޢުދު ކެންސަލުވެ ހައްޔަރުގެ ރެކޯޑެއް ތަޢްލީމާއި ތަޖުރިބާ މީހުން މުހިއްމެއް ނުވިއެވެ. ޝަރުޠަކަށްވީ، ޖަގަހާގައި އުޅުނު މުއްދަތާއި އިދިކޮޅު ފަރާތްތަކަށް ފޮށެން ކެރުމެވެ. އަދި ޢާއިލާގައި ތިބި މީހުންގެ ޢަދާއި ޕާޓީއަށް ސޮއި ގެންނަން ކެރުމެވެ. ވެރިކަމުގައި ތިބި ބޮޑަކާއި ގުޅިފައި އޮތުމެވެ.ނުވަތަ ދަންނަ “ އެކަމަށް “ މޮޅުމީހަކަށް ވުމެވެ.
މިއީ ކުރީގެ ސަރުކާރުތަކުން ވެސް ދައުލަތުގެ މުދަލާއި ފައިސާ އަށް ދަހިވެތި ވެފައިވެފައިވާތީ ހަމަ ކަންކުރިގޮތެވެ. އެހެން ނޫންނަމަ ދައުލަތަށާއި ސަރުކާރަށް ޚިދުމަތްކުރުމަށް ޢައްޔަނުކުރީހީ ވަޢުދުވީ ގޮތަށް ތަޢުލީމާއި ތަޖުރިބާހުރި އަދި ކުށުގެ ވެށީގައި ޖެހިފައި ނުވާ މީހުންނެވެ. މިދަންނަވަނި، ”ޒުވާނުން“ނާއި އެކްޓިވިސްޓުން ބާކީ ކުރާށެކޭ ނޫނެވެ. އެހެނެއްކަމަކު ކޮންމެ މީހަކީ ވެސް މަޤާމުގެ މަސްޢޫލިއްޔަތު އުފުލޭވަރު މީހެއްތޯ ބަލުމަށެވެ.
ހައްޔަރު ރެކޯޑުއޮތްތޯ ވައްކަމުގެ ރެކޯޑެއް އޮތްތޯ އާއި ޢިލްމާ ތަޖުރިބާ އާއެކު ހަރުވެފައިވާ މިހެއްތޯ ބަލުމަށެވެ . އެތައް ބައިވަރު ތަޢުލީމީ ޒުވާނުންނެއް ، ބާކީވާގޮތަށް ކަންކަން ނުކުރުމަށެވެ. ދުވަސްވީ ތަޖުރިބާހުރި ޚިދުމަތްތެރިން ބާކީ ނުކުރުމަށެވެ.
ފައިސާއަށް ވަޒީފާތައް ވިއްކާ ދައުލަތް ހިންގަން ސަރުކާރަށް ބޭނުންވާ ވަރަށްވުރެ ދެގުނަ ތިންގުނަ ބޮޑުކޮށް މަތި ހަބޭހަށްބަރު ސަރުކާރެއް މިގޮތަށް ހިންގަން ހެޔޮނުވާނެ ކަމުގައެވެ. ފައިސާ އާއި ބާރު އޮތް ނަމަ އެކްޓިވިސްޓުން ލިބިދާނެއެވެ ، އެމީހުންނަކީ ވެސް އެހެންމީހަކަށް ނުވަތަ ބަޔަކަށް މަގުދެއްކޭ ވަރު ޒުވާނެއްތޯ އެކްޓިވިސްޓެއް ތޯ ބަލާށެވެ، ޒުވާންކަމުގެ ދޯކާގައި ސަރުކާރު ޖެހި ޢިލްމީ އަދި ތަޖުރިބާހުރި ހަރު މީހުން ބާކީ ނުކުރާށެވެ،
މިހާރު މިއޮތް ސަރުކާރަކީ ވެސް ދައުލަތުގެ މުދަލާއި ފައިސާއަށް ދަހިވެތި ކަމުގެ ސަރުކާރެއްކަމަށް ބުނަންޖެހެނީ، ޖުޑީޝަލް ސަރވިސް ކޮމިޝަންގައި ސިޔާސީ ފަރާތްތައް ނުހިނެނޭ ގޮތަށް އިޞްލާޙް ކުރުމަކީ ޕީ.އެން.ސީ.ގެ 100 ދުވަހުގެ ސިޔާސީ ވަޢުދެކެވެ. އެކަން މިހާރު ހަނދާންހުރި ކަމަކަށް ނުވެއެވެ، ނިމި ދިޔަ އެމް.ޑީ.ޕީ ގެ ސަރުކާރުގައި އޮތް ޖޭ.އެސް.ސީ ގެ މެޖޯރިޓީ އޮތީ، އެމް.ޑީ.ޕީ ގެ އެކްޓިވިސްޓުންނަށްކަމަށް ވާތީ، އޭރު އެކޮމިޝަން އޮތްގޮތެއް އެތަނުގައި ތިބި މީހުނެއް ވެސް ކަމަކު ނުދިޔަތާއެވެ؟ ކަމުނުދިޔައީ ޙަޤީޤަތުގައި ވެސް ނުރަނގަޅު އެތައް އެތަށް ކަމެއް ސިޔާސީ ބޭނުމަށް ކުރީތީއެވެ، އެއީ ޙަޤީޤަތެވެ، އެހެން ނަމަވެސް މިހާރު މިއޮތް ޖޭ.އެސް.ސީއަކީ ސިޔާސީ އެކްޓިވިސްޓުންގެ މެޖޯރިޓީ އޮތް ކޮމިޝަނެއް ނޫންތާއެވެ؟
އެހެން އެކަން އޮތްއިރު އެމް.ޑީ.ޕީ.ގެ އެކްޓިވިސްޓުން އޭރު ތިބި ޖޭ.އެސް.ސީގެ މެންބަރުން ފަންޑިޔާރުންގެ ޤާނޫނާއި ކޯޓުތަކާއި ބެހޭ ޤާނޫނާއި ރާއްޖޭގެ ޤާނޫނު އަސާސީ އާއި ޚިލާފަށް ހަދާފައިވާ އިދާރީ ޤަވާޢިދުތަކާއި އެއިދާރީ ޤަވާޢިދުތަކަށް އިތުރުކޮށްފައިވާ މާއްދާތައް އިޞްލާޙު ނުކޮށް އެތިބެނީ ކީއްވެ ހެއްޔެވެ؟ އޭރުކުރި ކަންކަން ރަނގަޅު ކަންކަމަށްވީހެއްޔެވެ؟ ޖޭ.އެސް.ސީގައި ސިޔާސީ މީހުން ނުތިބޭގޮތަށް އެކޮމިޝަން އެކުލަވާ ލުމަށް އޭރުވީ ވަޢުދު ، ވަޢުދަކަށް ނުވަނީ ހެއްޔެވެ؟ ޖޭ.އެސް.ސީ އިޞްލާޙުކުރުމަށް އޭރުވީ ސިޔާސީ ވަޢުދުތަކަކީ،ވެރިކަމަށް ކުޅުނު މެޗެކަށް ވީހެއްޔެވެ؟ރައްޔިތުންނަށް ދޯކާ ދިނީ ހެއްޔެވެ؟ އެކްޓިވިސްޓުންގެ ދޯކާގައި ކުރީގެ ސަރުކާރުތަކުން ވެސް ޖެހުނު ގޮތަށް މި ސަރުކާރުން ވެސް ޖެހުނީ ހެއްޔެވެ؟ ޖޭ.އެސް.ސީ އިސްލާޙު ކުރުމަށްވީ ވަޢުދަށް މިނޫން އެއްޗެއް އަދިއެއް ބުނެވޭކަށް ނެތެވެ. މިސަރުކާރު ގެ ހުރިހާކަމެއް ގޯހެކޭ ނުބުނަމެވެ. ދީނީ ސިޔާސަތު ކިތަމެހާ ވެސް ރަނގަޅެވެ، ރަމަޟާން މަހަށް ހަދިޔާގޮތުގައި ދެއްވި މަސްކޭހާއި ބާސްމަތީ ހަނޑޫ ވެސް ރަނގަޅެވެ. އެކަމަށް ރައްޔިތުން ޝުކުރުވެސް ކުރެއެވެ. އެހެނަސް މިދަންނަވަނީ ދެންހުރި ވަޢުދުތައް ވެސް ލަސް ނުކުރައްވައި ،ފުއްދަވާ ދެއްވުމަށެވެ. ދެވަނަ ދައުރެއް ގެ ވާހަކަ ދައްކާނީ އޭގެ ފަހުންނެވެ.
2 Responses
ދެވަނަ ދައުރޭ؟؟ މިދައުރު ނިންމޭތޯ ބަލާ! 4 މީހުނަށް ހިންގޭ އޮފީހަކަށް 26 30 މީހުން ލައިގެން ދައުލަތް ލޭކޮށާލާއިރު 2 ވަނަ ދައުރެކޭތޯ، ދިނިޔާތަށް 50 މީހުން ލައިގެން ހިންގާބަލަ. ހެޔޮފުޅުކަން ދައްކާނަން. ޔަގީނޭ ނުލާނެކަން.
Feyli Eee vaa Ehcheh noon , E ee dhivehi anhenunu thirin anna Fothi gandakah kiyaa nameh ,vegen ulheynee fail ,dhivehi koh kiyai ulhenee feyl ,