އެމެރިކާގެ ބައެއް ސަރަހައްދު ތަކުގައި މީހުން ދިރިއުޅުން ތޮއް ޖެހެމުން ދިއުމުގެ ސަބަބުން ނިއުކްލިއަރ ކާރިސާއެއް ފަދަ ކަމެއް ދިމާވެއްޖެނަމަ ގައުމުގެ ރައްޔިތުންގެ ހަތަރުބައިކުޅަ ތިންބައި ވަރަށްމަދު ސިކުންތު ކޮޅެއްގައި އަނދާ އަޅިޔަށް ވެދާނެ ކަމުގެ ބިރު ބޮޑުވެފައިވާ ކަމަށް ތަޖްރިބާކާރުންގެ ދިރާސާ ތަކަށް ޙަވާދީ ވަރަށްފަހުން ހިންދުސްތާން ޓައިމްސް ގައި ޝާއިއުކޮށްފައިވާ ރިޕޯރޓެއް ކިޔާލީމެވެ. އެ ރިޕޯރޓުގައި ބާރުއަޅާފައިވާ މައުލޫމާތުތައް އަޅުގަނޑުމެންގެ ދިވެހިރާއްޖޭގެ ވެއްޓަށް އަމާޒުކޮށްލައިފިނަމަ ނިއުކްލިއަރ ކާރިސާއެއް ނޫނަސް ހިތަށް ބިރުވެރިކަމާއި ނުތަނަވަސްކަން ވައްދައިދޭނެއެވެ.
އެލިއުމުގެ މައިގަނޑު ކަންބޮޑުވުމަކީ ގިނަބަޔަކު އެއްތަނަކަށް ޖަމާކުރުމުގެ ނުރައްކާތެރިކަމޭ ބުނެވިދާނެއެވެ. އެލިއުން އަޅުގަނޑުމެންގެ ޙާލަތަށް އަޅާކިޔާލުން ވަރަށް ބޭނުމެވެ. ނިއުކްލިއަރ ހަނގުރާމައެއްގެ ޝިކާރައަށް ވެދާނެތީ ނުވަތަ ނުވެދާނެތީކީވެސް ނޫނެވެ. ދިވެހި ދައުލަތް ޢަދުލު އިންސާފުގެ މަތީން ހިންގަދޭން ޙަވާލުވެތިބޭ ސަރުކާރުތަކުން ފަހަކަށްއައިސް އެއްފަސްކުރުން ނުވަތަ ލާމަރުކަޒުކުރުން ފަދަ ރީތި ނަން ނަމުގައި ދައްކާ ވާހަކަތަކުގެ ފޮނިކަމުން ބޮލުގައި ރިހޭތީއެވެ.
ދިވެހި ގައުމުގައި އެއްފަސްކުރުމާއި ލާމަރުކަޒް ކުރުމުގެ ނަމުގައި ހިންގަމުންގެންދާ ސަރުކާރުގެ ސިޔާސަތުގެ ސަބަބުން ރައްޔިތުންނަށް ލިބޭ ތަނަވަސްކަމެއް އެބަ އޮތް ބާވައެވެ! ހަމަގައިމުވެސް ލާމަރުކަޒް ކުރުމުގެ ނަމުގައި މާލޭގެ ސަރަހައްދަށް ރައްޔިތުން އެއްކޮށްފައި ވަނިކޮށް ނުރައްކާތެރި ބަލިމަޑުކަމެއް އާންމެ ވެއްޖެނަމަ ކޮންޓްރޯލް ކުރުމުގައި ގޮންޖެހުންތަކެއް ކުރިމަތިވާނެއެވެ.
އަތޮޅުތަކާއި ރައްރަށުގެ ތަރައްގީއާއި ކަންކަން ކުރުމަށްޓަކައި ލޭންޑް ޔޫސް ޕްލޭން (އެލް.ޔޫ.ޕީ ) އެއްގެ އެންފޯސްމެންޓް ބޮޑުވެ އެއްވެސް ކަމެއް ކުރިޔަށްގެންދިއުން ދަތިވާވަރުވެފައިވާއިރު ސުވާލަކީ ކޮބާތޯއޭ މި ގައުމުގެ މައިސަރުކާރުތަކުގެ އެލް.ޔޫ.ޕީ ؟! ހަމަ މޮންމެ ސަރުކާރަކުން ކުރީސަރުކާރުން ކޮށްފާވާ އެއްވެސް ކަމެއް ކަމުނުގޮސްގެން އެ ސަރުކާރުން އެޅި ބުޑުތައް ނުނިންމާ ދޫކޮށްލާފަައި އަލުން ބުޑުތައް އެޅެނީ ކީއްވެތޯއެވެ. މަޢުލޫއިން ބޭރުވާކަށް ނެތީމެވެ.
ދާދިފަހުން ލާމަރުކަޒީ ނިޒާމްގެ ދަށުން ހިންގަވަން ގަސްދުކުރައްވާފައިވާ ތަރައްގީގެ މަޝްރޫއު ތަކެއް އެ ނިޒާމް ބަލަހައްޓަވާ ވަޒީރުވަނީ ހާމަކުރައްވާފައެވެ. މާލެ ސަރަހައްދުގައި އެޗް. ޑީ. ސީ. ގެ ކުލީ ކޮޓަރި ތަކަކަށް ރާއްޖެތެރޭގެ ރައްޔިޔުންގެ ދިރިއުޅުން ހޭނުވުމަށްފަހު ދެން ރާއްޖެތެރެ ލާމަރްކަޒު ކުރެއްވުމުގެ ބޭނުމާއި ދޭތެރޭ ސުވާލު އުފެދެއެވެ. މިކިޔެނީ ކީކޭކަން އެބޭފުޅުނަށް އެނގުނަސް ރައްޔަތުމީހާ އަކަށް ނުއެނގެއެވެ.
ވިސްނިވަރަކަށް ރައްޔަތުމީހާ ބޮލަށް ވަންނަނީ ރައްޔިތުން މާލެ ސަރަހައްދަށް ގެންނަވާފައި އެއްބަޔަކަށް މާލެކައިރިން ކަނޑުފަޅުން ގޯތި ދެއްވައި އަނެއްބަޔަކަށް އެޗް ޑީ ސީ ގެ ކުލީ ކޮޓަރި ތަޢާރުފް ކުރެއްވުމުން ރާއްޖެތެރޭގެ ރަށްތައް އެއޮތީ ލާމަރްކަޒު ވެފައޭ ބުނެގެން ފަރުޖެއްސޭނެތޯއެވެ؟ ރައްޔިތުންގެ މަޖިލީހުން ފާސްކުރައްވާފައިވާ ގާނޫނުތަކެއްގެ ދަށުން ކުރައްވާ ކަމަކަށްވާތީ އެއީ ގާނޫނާ ޚިލާފް ކަންތަކެކޭ އަޅުގަނޑުމެން ބުނާކަށް ނެތީމެވެ. އެހެންނަމަވެސް އެ ގޮތަށް ލާމަރްކަޒް ކުރުމުން ރައްޔިތުންނަށް ލިބޭ މަންފާއެއް ނެތްކަމުގައި ބުނެ ރައްޔަތުންގެ ގިނަބަޔަކު އެބަ އަޑުއުފުލައެވެ.
ރާއްޖެތެރޭން މާލެއަށް ހިޖުރަކުރި މިހާރު ޓެކްސީކުރާ ރައްޔަތުމީހަކާއި ސުވާލުކޮށްލުމުން ޖަވާބު ދިނެވެ. ދުވާލަކު 16 ގަޑިއިރު ޓެކްސީ ދުއްވައިގެން އަށާރަ ވަރަކަށް ހާސް ރުފިޔާ މަހަކު ގެޔަށް ގެންދެވެއެވެ. އެޕާރޓްމެންޓްގެ ކުއްޔާއި ބިލްތަކަށް ދިހަވަރަކަށް ހާސް ރުފިޔާ ޚަރަދުކުރުމަށްފަހު ކެއިން ބުއިމާ ދަރިންގެ ސްކޫލް ޚަރަދު ކޮށްފައި ބާކީ ކުރެވޭ އެއްޗެއް ނޯވެއެވެ.
މާލޭގައިވެސް ޓެކްސީ ދުއްވުން ނޫން އެހެން މަސައްކަތެއް ނުލިބެއެވެ. އަދި ދުއްވާނެ ޓެކްސީ އެއްވެސް ކިތައް މީހުންނަށް ލިބޭނެ ހެއްޔެވެ؟ ރަށުގައި ބޯހިޔާވަހި ކަމެއް ލިބިފައިހުރިނަމަ ދިހަހާސްރުފިޔާގެ އާމްދަނީ އަކުންވެސް ހަތަރު ފަސްހާސް ރުފިޔާ ފަހަށް ރައްކާ ކުރެވޭނެއެވެ. ވަޒީފާގެ ފުރުސަތުތައް މާލެއެކޭ ރާއްޖެތެރެއެކޭ މާބޮޑުތަފާތެއް ނެތެވެ.
އާންމުގޮތެއްގައި މަދުބަޔަކު މަސްވެރިކަން ކުރާއިރު އަނެއް ބަޔަކު އުޅެނީ ރިސޯރޓުތަކުގެ ވަޒީފާގައެވެ. ރިސޯރޓްތަކުގެ ވަޒީފާއަކީ މިހާރު އެތަންތަނުގައި މަސައްކަތްކުރާ ބިދޭސީންތައް ފޮނެވާލެވިއްޖެނަމަ އަދިވެސް ގިނަ ދިވެހިންނަށް ހުޅުވާލެވިދާނެ ދާއިރާއެކެވެ. ދިވެހީން ވަޒީފާތަކަށް ފިރިފުރާ ކުރެވޭނީ ވެރިކަމުގައި ތިބި ބަަޔަކަށް ސަނާކިޔައިގެން ދައުލަތުގެ ކިންފުނިތަކުން ކަމެއްކުރަން ނުޖެހޭ ވަޒީފާގެ ފުރުސަތު ނުހޯދާ މަސައްކަތެއް ކޮށްގެން އުޅެން ދަސްކޮށްދީގެނެވެ. ދުވަހަކުން ދުވަހު ގައުމުގެ ޒުވާނުން މަސައްކަތައް އަހުލުވެރި ނުކުރެވި ކަންނެތް ބައެއްގެ ގޮތުގައި މިދަނީ ހަދަމުންނެވެ. ކަމެއްނުކޮސް ދާހިއްލުމެއްނެތި ދައުލަތުގެ ކޮންމެވެސް ބޭނުންނެތް ކުންފުންޏަކުން ވަޒީފާތަކެއް ލިބޭނަމަ ދެން ފެންނާނީ މިދެންނެވި ކަންނެތް ކަމެއްކުރަން ނުދަންނަ ރައްޔަތުމީހާ ނޫންތޯއެވެ؟
އަޅުގަނޑުމެންގެ އެއްފަސްކުރުމާއި ލާމަރުކަޒު ކުރުމުގެ ކަންތައް ކުރިއަށް ދާ ގޮތާ ދޭތެރޭ ރައްޔިތުން އެތައް ފަހަރަކު ވަރަށްބޮޑަށް ވިސްނަވާ ހުވަފެނީ ދުނިޔެއިން ބޭރަށް ނުކުންނަން ލަސްވެއްޖެއެވެ. އަޅުގަނޑުމެންގެ މުސްތަގްބަލް އެންމެ ރަނގަޅު ގޮތުގައި ބިނާކުރުމަށްޓަކައެވެ. ރައްޔަތުންގެ ޚާދިމުން (ވެރީންގެ) ދޮގާއި މަކަރާއި ޙީލަތްތެރިކަމުން އެއްކިބާވެ ވިސްނާ ފިކުރުކުރާ ބަޔަކަށް ދިވެހީން އަލުން އެބަވާންޖެހެއެވެ.
ދިވެހިރާއްޖޭގެ އެއްފަސްކުރުމާއި ލާމަރުކަޒް ކުރުމުގައި އެޗް ޑީ ސީ ގެ ދައުރު އެންމެ ބޮޑަށް ވައްތަރުވަނީ އިންޑިއާ އިސްތިއުމާރު ކޮށްގެން އުޅުނު އީސްޓް އިންޑިއާ ކުންފުނީގެ ޙަރަކާތްތަކާއެވެ. ދިވެހި ދައުލަތުގެ ބަޖެޓުންނާއި ރައްޔިތުންގެ ނަމުގައި ދަރަނި ނަގައިގެން ބިން ހިއްކުމަށްފަހު އެ ބިންތައް އެޗް. ޑީ. ސީ. ގެ މިލްކް ކަމުގައި ވެގެން ދިއުން ގަބޫލު ކުރެވޭނީ ކިހެނެއް ޔެއްޔެވެ؟ ދިވެހީންގެ ބިމުން ހިލޭ ދިވެހީނަށް ބޯހިޔާވެހިކަން ލިބިދެވެން ޖެހޭނެއެވެ.
ވަރަށް ފަހުން ހޯދި ހޯދުންތަކުން (އޮޑިޓަރ ނެރެވައިވާ ރިޕޯޓްތަކުން) ފެންނަން އޮތްގޮތުގައި ދިވެހި ސަރުކާރު ތަކުން ދައުލަތުން ކޮށްފައިވާ ވައްކަމާއި ފަސާދަ އަގު 100 އެއްހާ ބިލިޔަން ރުފިޔާއަށްވުރެ ބޮޑެވެ. އެއީ އެފްޕީއައިޑީ، އެމްއެމްޕީއަރސީ، ވެންޓިލޭޓަރު، ފެނެކާ މިފްކޯފަދަ އެތެއް ވައްކަމެއްގެ ރިޕޯޓް ތަކެވެ. މިފަދަ ވައްކަމުން ދައުލަތަށް ލިބިދީފައިވާ ގެއްލުމުންވެސް ރާއްޖޭގެ އެންމެނަށް ހިލޭ ބޯހިޔާވެހިކަން ލިބިދެވޭނެއެވެ. އޮޑިޓަރ ރިޕޯޓުން ފެންނަން އޮންނާނީ ވައްކަމުގެ މަދު ބައެއްކަމުގައި ހިސާބުކިތާބު ބަލަހަށްޓާ މާހިރުން އެއްބަސްވެއެވެ. ވީއިރު ސަރުކާރުގެ ތަކުގެ ޚިޔާނާތާއި ފަސާދަ ހުށްޓުވަށް ނެހޭނޫންތޯއެވެ؟
މުސްތަގްބަލްގައި ޚުދު މުޚްތާރު ވެރިކަމެއް އައިސް އެޗް ޑީ ސީ ގެ ޙިއްސާތައް މުއްސަނދިންނަށް ވިއްކާލައިފިނަމަ އެ ބިންތައް ޙިއްސާދާރުންނަށް މިލްކުވާނެބާވައެވެ މި ސުވާލު އުފެދެނީ ސަރުކާރުގެ އެއްވެސް ކުންފުންޏަކަށް ގައުމުގެ ބިން މިލްކުކޮށް ރަޖިސްޓަރީ ކޮށްދީފައިވާކަން އެނގެން ނެތީމައެވެ. ކުރީ ޒަމާނުގައި މާލޭގެ އިއްޒަތްތެރި ބައެއް ބޭފުޅުންނަށް ބިންތައް ވަގުފުކޮށްދީފައި ކުރިކަމަށްވެއެވެ. ނަމަވެސް އެތަންތަން ސަރުކާރަށް ނެންގެވީކަމަށް އިސްރަށްވެހިން ބުނެތެވެ. މިއީ އެބުނާ ޑިމޮކްރެސީގެ ޒަމާނެވެ. މީސްމީހުންނަށް މިލްކުވެފާހުރި އެއްޗެއް އަތުލުމަކީ ކުރެވިދާނެ ކަމެއް ނޫނެވެ.
މި ލިޔެވި ހާމަކުރުމަކީ އެ ގޮތަށް ކަންތައް މެދުވެރި ވެދާނެ ކަމުގެ ބިރު އޮތުމުން ދިވެހި ރައްޔިތުން އެއީ ނުވާނެ ކަމެއް ކަމުގައި ނުހިއްތެވުމަށް ހަނދާންކޮށް ދިނުމެކެވެ. މިއަދު ދުނިޔޭގެ އެންމެ ބާރުގަދަ އަދި އިންސާނުންގެ ހަމަހަމަކަމަށް ވާކާލާތު ކުރުމުގެ އެންމެ ކުރީ ސަފުގައި އޮތް އެމެރިކާގައި ކަންތައް ހިނގަމުންދާ ގޮތުން ފިލާވަޅު ލިބިގަތުމަށްޓަކައެވެ.
އެއްވެސް މީހެއްގެ ޒާތާއި ބެހުމަކީ މި ލިޔުން ހާމަކުރުމުގެ މަގްސަދެއް ނޫނެވެ. އެކަމަކު ދިވެހި ދައުލަތުގައި ހަމަކޮންމެ ދިވެއްސެއްގެ ހިއްސާވެސް އެކުލެވިފައިވަނީ އެއް މިންވަރަށް ކަމުގައި ގާނޫނު އަސާސީއިން ކަށަވަރުކޮށް ދޭތީވެ ސަރުކާރުން އެއްފަސްކުރުމާއި ލާމަރުކަޒް ކުރުން ކުރިއަށް ގެންދެވުމުގައި މާލޭ ސަރަޙައްދަށް މީހުން އެއްވުމަށް ކުރީގެ ބައެއް ސަރުކާރުތަކުންވެސް ބާރު އަޅުއަވާފައި ވުމާއެކު މިހާރުވެސް ރާއްޖެތެރެ ތަރައްގީކޮށް ރައްޔިތުންގެ ދިރިއުޅުން ތަނަވަސް ކުރުމަށް މަގު ފަހިކޮށް ދެއްވުމަށް ވުރެން އެޗް ޑީ ސީ މުއްސަނދި ކުރުމަށް މަގުފަހި ކޮށްދެއްވަމުން ގެންދާކަމަށް ފެންނާތީ ހިތްހަމަނުޖެހުން ހާމަކުރުމަށް މި ފުރުސަތުގެ ބޭނުންކުރީއެވެ.
އެޗް ޑީ ސީ އަށްވުރެން މާކުރިން އުފެދުނު ދައުލަތުގެ ކުންފުނިތައް ހުރި އިރު ބައެއް ކުންފުނިތަކަށް ދިވެހި ދައުލަތުގެ ބައެއް ބިންތައް އެއިރެއްގެ އޮންނަ ސަރުކާރަކުން ކުއްޔަށް ދީ ފައި ހުރިކަން އެނގެއެވެ. އެހެންނަމަވެސް އެޗް ޑީ ސީ އަށް ނޫނީ ބިންތައް މިލްކުކޮށް ދެއްވައި ރަޖިސްޓްރީ ކޮށްދެއްވާ ފައިވާކަން މީޑިއާއިން ވެސް އެނގިފައެއް ނެތެވެ.
ނުވިތާކަށް ގްރޭޓާރ މާލޭ އޭރިޔާ އާއި ތިލަފުށިވެސް އެވަނީ އެޗްޑީސީ އަށް ހިބަކޮށް ދީފައެވެ. މިތަންތަނަކީ ދައުލަތުގެ ބަޖެޓުން ޚަރަދުކޮށްގެއް އުފަށްދާފައިވާ ބިންތަކާއި އެސެޓް ތަކެކެވެ. ރައްޔަތުން ހޭލާތިބެ ދައުލަތް ހިންގުމަށް ޙަވާލުކުރެވޭ ސަރުކާރުތަށް ހަމަމަގަށް އެޅުވުމަކީ ރައްޔަތުމީހާގެ ޒިންމާއެކެވެ.