އިލެކްޝަން ކޮމިޝަން (އީސީ)ގެ މެންބަރަކު އިސްތިއުފާ ދެއްްވުމާ ގުޅިގެން ހުސްވެފައިވާ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު އެ ކޮމިޝަނުން މިއަދު ހުޅުވާލައިފި އެވެ.
އިލެކްޝަން ކޮމިޝަނުން އިސްތިއުފާ ދެއްވާފައިވަނީ އެކޮމިޝަނުގެ ނައިބް ރައީސްކަން ކުރެއްވި އަހުމްދު އަކްރަމްއެވެ.
އެކޮމިޝަނުން ނެރުނު އިއުލާނުގައި ބުނެފައިވާގޮތުން ކޮމިޝަނުގެ މެންބަރުކަމަށް އެދި މި މަހުގެ 30ގެ ކުރިން ރައީސް އޮފީހަށް ހުށަހަޅަން ޖެހޭނެއެވެ.
ކޮމިޝަނުގެ މެންބަރުކަމަށް އެދޭ ފޯމާ އެކީ އިގްރާރާއި، ކުށާއި ދަރަނީގެ ރެކޯޑް ފޯމާއި ސިޔާސީ ޕާޓީއެއްގައި ރަޖިސްޓްރީ ކޮށްފައިވޭތޯ ބެލުމަށް އިލެކްޝަންސްސް ކޮމިޝަނުން ސާފްކުރަންޖެހޭ ފޯމްގެ އިތުރުން ކުރިމަތިލާފަރާތުގެ ވަނަވަރު ވެސް ހުށަހަޅަންޖެހޭނެ ކަމަށް އެކޮމިޝަނުން ހާމަކުރެއެވެ.
އީސީގެ ނައިބުރައީސްކަން އަދާކުރެއްވި އަކްރަމް މަގާމުން އިސްތިއުފާ ދެއްވާފައިވަނީ މިދިހަ ބުރާސްފަތި ދުވަހުގައެވެ. މަގާމުން އިސްތިއުފާ ދެެއްވައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އޭނާ ފޮނުވި ސިޓީގައި ވިދާޅުވެފައިވަނީ އޭނާ އިސްތިއުފާ ދެއްވީ އޭނާ މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުގެ މިނިވަންމުއައްސަސާތަކާ ބެހޭ ކޮމިޓީން ނިންމުމުންކަމަށެވެ.
އަކްރަމް ވަކިކުރަން މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ނިންމީ ޖިންސީފުރައްސާރަކުރިކަމުގެ ތުހުމަތުކޮށް އޭނާއާ ދެކޮޅަށް އިލެކްޝަން ކޮމިޝަނުގެ އަންހެން މުއައްޒަފުންތަކެއް ހުށަހެޅި މައްސަލައެއް ބެލުމަށްފަހު އެވެ.