ޣައްޒާގެ މައްސަލަ: ޔޫރަޕިއަން-އަރަބި ކޯލިޝަނުން އިތުރު ޕްލޭނެއް ހުށަހަޅައިފި

Loading

February 15, 2025
profile
Facebook
Twitter
WhatsApp

ޑިޕްލޮމެޓިކް ގޮތުން ޔޫރަޕްގެ ގައުމުތަކުން ދަނީ އަރަބި ބައިވެރިންނާ ގުޅިގެން ޣައްޒާ މުސްތަގުބަލުގައި ހިންގުމާއި ސަލާމަތާއި ރައްކާތެރިކަމަށް އިތުރު ޕްލޭނެއް ހުށަހަޅަން މަސައްކަތް ކުރަމުންނެވެ. މިއީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ޣައްޒާ ހިފުމަށްފަހު، ޓޫރިސްޓް މަންޒިލަކަށް ހެދުމަށް ހުށަހެޅުއްވި ހުށަހެޅުމާ ގުޅިގެން ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރަމުންދާ ދަނޑިވަޅެއްގައެވެ. ފަރަންސޭސި ވިލާތުގެ ރައީސް އިމަނުއެލް މެކްރޮން ވަނީ މިހާރަށްވުރެ ރަގަޅު އަދި ސްޓްރެޓެޖިކް ވިސްނުމަކަށް ގޮވާލައްވާފައެވެ.


މިއުނިކް ސެކިއުރިޓީ ކޮންފަރެންސްގައި ޖަރުމަނު، ފަރަންސޭސިވިލާތް، އިނގިރޭސިވިލާތް އަދި އިޓަލީގެ ޚާރިޖީ ވަޒީރުން ޢަރަބި މަންދޫބުންނާ އެކު މިކަމާ ބެހޭގޮތުން މަޝްވަރާކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. މިސްރު އިސްވެ ހުންނަވާ އަރަބި ގައުމުތަކުން ދަނީ ފަލަސްތީނު އޮތޯރިޓީގެ ތާއީދު އޮންނަ ފަލަސްތީނު ނޫން ކޮމިޓީއެއްގެ ދަށުން ޣައްޒާ އާރާސްތުކޮށް ހިންގުމަށް ބާރު އަޅަމުންނެވެ. ސަލާމަތީ އިންތިޒާމުތައް ހަމަޖެއްސުމަކީ މަޝްވަރާގެ މައިގަނޑު ނުކުތާއަކަށް ވާއިރު، އެ އޮނިގަނޑަށް އިތުރު ހައްލެއް ގެނައުމަށް ސައުދީގައި ސަމިޓެއް ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ. ނަމަވެސް އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ސްޓޭންޑާއި އެ ސަރަހައްދުގައި ހަނގުރާމަ ހުއްޓާލުމާ މެދު އަދިވެސް ވަނީ ނުތަނަވަސްކަން އުފެދިފަ އެވެ. ވޯލްޑް ބޭންކާއި އީޔޫ އަދި އދ އިން ލަފާކުރާ ގޮތުގައި ޣައްޒާގެ އުމްރާނީ ގެއްލުން 30 ބިލިއަން ޑޮލަރަށް އަރަ އެވެ.
ހަމާސް ޖަމާއަތުން ވަނީ އަންނަ ހޮނިހިރު ދުވަހު އިސްރާއީލުގެ ތިން މީހަކު ދޫކޮށްލާނެކަން ކަށަވަރުކޮށްދީފަ އެވެ. ފަލަސްތީނުގެ ގައިދީން ބައިވެރިކޮށްގެން ކުރިއަށްގެންދާ ހަވަނަ ބަދަލުގެ ދަށުން ރަހީނުކުރި މީހުން ކަމަށްވާ ޔައިރް ހޯން، އެލެގްޒެންޑާ ޓްރޫފާނޯވް އަދި ސަގުއީ ޑެކެލް-ޗެން މިނިވަން ކުރަނީ އެވެ. ހަނގުރާމަ ހުއްޓާލުމާ ހިލާފުވެފައިވާ ކަމަށް ރިޕޯޓްކޮށްފައިވީ ނަމަވެސް، ބަދަލު ކުރުމުގެ މަރުހަލާ ކުރިއަށް ދާއިރު، ޣައްޒާއަށް އިންސާނީ އެހީ ގެނައުމުގެ ފުރުސަތު ދިނުމާއި، ގެދޮރު ގެއްލިފައިވާ މީހުން އެނބުރި ގައުމަށް ގެންދިއުމުގެ ފުރުސަތު ވަނީ ހުޅުވާލައިފަ އެވެ.
އިސްރާއީލުން 16 މަސް ދުވަހު ދިން ބޮމުގެ ހަމަލާތަކާއި އެއްގަމު ހަމަލާތަކުގެ ސަބަބުން ޣައްޒާއަށް ބޮޑެތި ގެއްލުންތަކެއް ވެފައިވާއިރު، ޣައްޒާގައި ދިރިއުޅޭ ފަލަސްތީނުގެ ރައްޔިތުން ދަނީ ދިރިއުޅުން އާރާސްތުކުރުމަށް މަސައްކަތް ކުރަމުންނެވެ. ކާބޯތަކެއްޗާއި ފެން ފަދަ ޒަރޫރީ ވަސީލަތްތަކުގެ ދަތިކަން ގިނަ އާއިލާތަކަކަށް ކުރިމަތިވެފައިވާއިރު، ވަގުތީ މަރާމާތުތަކަކީ ހަލާކުވެފައިވާ ގެތަކަށް ވަގުތީ ހައްލެއް ހޯދުމުގެ ގޮތުން ކުރާ ކަމެކެވެ. ގެއްލުނު އާއިލާގެ މީހުން ހޯދުމަށާއި ހަލާކުވެފައިވާ މުޖުތަމައުތައް އަލުން އާރާސްތުކުރަން މަސައްކަތް ކުރަމުންދާއިރު ނަފްސާނީ ގޮތުން ލިބޭ ގެއްލުން އަދިވެސް ބޮޑެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް