އައިޖީއެމްއެޗު ކައިރީގައި މީހަކު ހުއްޓާ، އޭނާގެ ބޮލުގައި މަރުތޭލަކުން ޖަހައި ޒަހަމްކޮށްލި މައްސަލާގައި މިއަދު ހައްޔަރުކުރި މީހާގެ ބަންދަށް ކްރިމިނަލް ކޯޓުން މިއަދު 10 ދުވަސް ޖަހައިފި އެވެ.
މި މަހުގެ ހަތަރު ވަނަ ދުވަހުގެ ރޭ ހިންގި މާރާމާރީ އަށް ފަހު، ފުވައްމުލަކު، ބަނަފްސާގޭ ހުސައިން އަރީޝް، 31، މިއަދު ހެނދުނު ހައްޔަރުކުރީ އޭނާ މެލޭޝިއާއަށް އެތެރެވުން ހުއްޓުވުމަށް ފަހު، އެހެން ފްލައިޓެއްގައި ރާއްޖެ ގެނެސް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.
ފުލުހުން ބުނިގޮތުގައި އޭނާ ރާއްޖެއިން ފުރައިގެން ދިޔައީ ހައްޔަރުކުރަން ކޯޓު އަމުރެއް ހޯދާފައި ވަނިކޮށެވެ.
އޭނާގެ މައްޗަށް ކުރެވެނީ ޖަމާއަތް ހަދައިގެން ތޫނު ހަތިޔާރު އަދި ނުރައްކާތެރި ހަތިޔާރު ބޭނުން ކޮށްގެން މާރާމާރީ ހިންގަން ރޭވުމާއި މާރާމާރީ ކުރަން އުޅުނު ކަމުގެ ތުހުމަތެވެ.
ކޯޓުގައި އަރީޝް ބުނެފައިވާ ގޮތުގައި އިރެއްގައި ކުށުގެ ވެށީގައި އުޅުނަސް، ކުށްތަކާ ދުރުގައި އުޅޭތާ ފަސް އަހަރު ވަނީ ވެފަ އެވެ. އޭނާ ބުނި ގޮތުގައި އޭނާ އަކީ މިހާރު އާއިލާއާ އެކު ރީތި ދިރިއުޅުމެއް އުޅެމުންދާ މީހެކެވެ.
މައްސަލާގައި އެއްބާރުލުން ދޭނެ ކަމަށް ފާހަގަކޮށް، އަރީޝް ވަނީ ބަންދަށް ލުޔެއް ދިނުމަށް ވެސް ބަންދު މަޖިލީހުގައި އެދިފަ އެވެ.
ފުލުހުން ކޯޓުގައި ބުނި އަރީޗް އަކީ އެ މާރާމާރީގައި އެންމެ އިސްކޮށް ހަރަކާތްތެރިވާ މީހާ އެވެ.
މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން ސިލްސިލާކޮށް މާރާމާރީ ހިންގަމުން އަންނަ ކަމަށާއި މިހާރު އެކަން ކުރަމުން ދަނީ ތޫނު ހަތިޔާރު ހިފައިގެން ކަމަށް ވުމުން ކޮންމެ މީހަކަށް ވެސް ބޮޑު އަނިޔާއެއް ވެދާނެ ކަމުގެ ބިރު އެބަ އޮތް ކަމަށް ވެސް ފުލުހުން ބުނެފައިވެ އެވެ.
ފުލުހުން މިއަދު ބުނި ގޮތުގައި ޑްރަގާއި މާރާމާރީ ފަދަ މައްސަލަތަކުގެ 26 ރެކޯޑެއް އަރީޝްގެ އެބަ އޮތެވެ. އެއީ:
1- މާރާމާރީގެ 15 ރެކޯޑެއް
2- މަސްތުވާތަކެތީގެ ހަ ރެކޯޑެއް
3- މީހުންގެ މުދަލަށް ގެއްލުން ދިނުމުގެ ތިން ރެކޯޑެއް
4- ތޫނު ހަތިޔާރު ގެންގުޅުމުގެ ދެ ރެކޯޑެއް.