ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެކުގައި ބާއްވާ ގޮތަށް ބަދަލުކުރަން ސަރުކާރުން ނިންމާފައިވާ ކަމަށް ރައީސް ޑރ.މުހައްމަދު މުޢިއްޒު އިއުލާނުކުރައްވައިފިއެވެ.
ރައީސް މިކަން އިއުލާނުކުރައްވާފައި ވަނީ މިއަދު އިއްވި ރިޔާސީ ބަޔާނުގައެވެ.
މިދިޔަ އަހަރު ގައުމުގެ ކަންކަން ރަނގަޅު ކުރުމަށް ރައްޔިތުންގެ މަޖިލީހުން 30 ބިލެއް ފާސްކޮށްފައިވާ ކަމަށާއި މި އަހަރު ވެސް ސަރުކާރުގެ ފަރާތުން މުހިންމު ގިނަ ބިލުތަކެއް މަޖިލީހަށް ހުށަހަޅާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފައެވެ.
މި އަހަރަށް މަޖިލިސް ފެށުމަށް ބާއްވާ ފުރަތަމަ ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ވިދާޅުވީ މިދިޔަ އަހަރު ސަރުކާރުގެ ފަރާތުން 35 ބިލެއް މަޖިލީހަށް ހުށަހެޅުނު ކަމަށެވެ. އެއީ މުޅިން އަލަށް ހުށަހެޅުނު އަށް ބިލަކާއި 21 ގާނޫނަކަށް އިސްލާހު ގެނައުމުގެ ބިލުގެ އިތުރުން ގާނޫނު އަސާސީއަށް އިސްލާހު ގެނައުމަށް ހުށަހެޅުނު ބިލެވެ.
ފާސްކުރި އެންމެ މުހިންމު ބިލެއްގެ ގޮތުގައި ރައީސް ފާހަގަ ކުރެއްވީ، ބޭރުގެ ސިފައިން ދާއިމީކޮށް ތިބުން ހުއްޓުވުމަށްޓަކައި ގާނޫނުއަސާސީއަށް ގެނައި އިސްލާހާއި ދިވެހިރާއްޖޭގެ ސަރަހައްދަށް އުނި އިތުރެއް އަންނާނެ ކަމެއް ކުރުމުގެ ކުރިން މަޖިލީހުގެ ރުހުން ހޯދަން ޖެހޭނެ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހެވެ.
ހަމައެއާ އެކު އިންތިހާބުވި ޕާޓީ ބަދަލު ކުރުމުން މަޖިލިސް މެންބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގެނައި އިސްލާހަކީ ވެސް މުހިންމު އިސްލާހެއްގެ ގޮތުގައި ރައީސް ފާހަގަ ކުރެއްވި އެވެ.
”މި އިސްލާހުތަކުގެ ތެރޭގައި އަޅުގަނޑު ވައުދުވެފައިވާ ގޮތަށް ދިވެހިރާއްޖޭގައި އަމަލުކުރަމުންދާ ކަފާލާތުގެ ނިޒާމް އިތުރަށް ހަރުދަނާކޮށް ފުރިހަމަ ކަފާލާތުގެ ނިޒާމެއް ގާއިމް ކުރުމަށް ގާނުނަށް ގެނެވުނު އިސްލާހުތަކާއި އޮންލައިން ފްރޯޑްގެ މައްސަލަތަކާއި ސައިބާ ވަޔަލަންސް މައްސަލަތައް ހުއްޓުވުމަށްޓަކާ ގާނޫނަށް ގެނެވުނު އިސްލާހުތައް ހިމެނޭ،“ ރައީސް ވިދާޅުވި އެވެ
މި އަހަރުގެ ފުރަތަމަ ދައުރުގައި ހުށަހަޅަން ގަސްދު ކުރާ އެންމެ މުހިންމު ބިލެއްގެ ގޮތުގައި ރައީސް ފާހަގަކުރެއްވީ ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބުގައި އެކުގައި ބާއްވާ ގޮތަށް ބަދަލުކުރަން ގެންނަ އިސްލާހުގެ ބިލެވެ.
އެ ބަދަލާއެކު، ނޮވެންބަރު 11 ގައި ރިޔާސީ ދައުރު ފެށޭ ގޮތަށް ގާނޫނު އަސާސީއަށް އިސްލާހު ގެނައުމަށްޓަކައި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް އެހުމަށް ވެސް މި ދައުރުގައި ސަރުކާރުން ހުށަހަޅާނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ
One Response
Good idea. Less expenses