ސާފު ހަކަތައަކީ ރާއްޖެ ހިމާޔަތްކުރުމަށް މުހިންމު ކަމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ

Loading

Facebook
Twitter
WhatsApp

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު މުޢިއްޒު ދެއްކެވި ވާހަކަފުޅުގައި، ދިވެހިރާއްޖެއާއި ދުނިޔެ ޙިމާޔަތްކުރުމުގައި، ސާފު ހަކަތައަކީ ވަރަށް މުހިންމު ކަމެއްކަމުގައި ވިދާޅުވިއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ކޮންމެ އަހަރެއްގެ ޖެނުއަރީ މަހުގެ 26 ވަނަ ދުވަހު ފާހަގަކުރާ ”ބައިނަލްއަޤްވާމީ ސާފު ހަކަތައިގެ ދުވަސް“ ފާހަގަކުރުމުގެ ގޮތުން އެކްސްގައި ފޮނުއްވި މެސެޖެއްގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، 2028 ވަނަ އަހަރުގެ ނިޔަލަށް ރާއްޖޭގެ ކަރަންޓުގެ 33 އިންސައްތަ އިޢާދަކުރަނިވި ވަސީލަތްތަކުން އުފެއްދުމަށް އަމާޒު ހިފާފައިވާކަން ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ރަސްމީ މެސެޖުގައި، މޫސުމަށް އަންނަ ބަދަލުތަކުގެ ނުރައްކާ ބޮޑު ޖަޒީރާ ޤައުމެއްގެ ހައިސިއްޔަތުން، އިޔާދަކުރަނިވި ހަކަތައިގެ ވަސީލަތްތަކަށް އިންވެސްޓްކުރުމަކީ ރާއްޖޭގެ މުސްތަޤްބަލަށް ޓަކައި ވަރަށް މުހިންމު ވަޢުދެއްކަމުގައި ވިދާޅުވިއެވެ.

އަދި އިޔާދަކުރަނިވި ހަކަތަ ކުރިއެރުވުމުގައި ރާއްޖެއިން ބޮޑެތި ކުރިއެރުންތަކެއް ހޯދާފައިވާކަން ފާހަގަކުރެއްވިއެވެ.

”ހަކަތައިގެ ގާނޫނާއި ހަކަތައިގެ ދާއިރާގެ މަގުޗާޓުގައި ހަކަތައިގެ ސަޕްލައި އަކީ އެކަށީގެންވާ، އިތުބާރު ހިފޭ، ދެމެހެއްޓެނިވި، ރައްކާތެރި އަދި އަގުހެޔޮ ހަކަތައެއް ކަން ކަށަވަރު ކުރުމަށް ގައުމުގެ ޕްލޭން ބަޔާންކޮށްފައިވާ،“ ރައީސް މުއިއްޒު ވިދާޅުވި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، އިޢާދަކުރަނިވި ހަކަތައަށް ކުރާ އިންވެސްޓްމަންޓްތަކުގެ ސަބަބުން ރާއްޖޭގެ ޕްރައިވެޓް ސެކްޓަރއިން ސާބިތުކަން ހާމަކޮށްދެއްވާފައިވާކަމަށާއި، މިފަދަ މަސައްކަތްތަކުގެ ސަބަބުން ދުނިޔޭގެ މޫސުމީ ލަނޑުދަނޑިތައް ޙާޞިލުކުރުމުގެ އިތުރުން، ރާއްޖޭގެ ހަކަތައިގެ ރައްކާތެރިކަމާއި، އިޤްތިޞާދީ ކުރިއެރުމަށް އިތުރު ކުރިއެރުންތަކެއް ލިބިގެންދާނެކަމުގައި ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ މުޢިއްޒުގެ މި ސަރުކާރުގެ ފުރަތަމަ އަހަރުގެ ތެރޭގައި ރާއްޖޭގެ އިޢާދަކުރަނިވި ހަކަތައިގެ ކެޕޭސިޓީ 53 މެގަވޮޓުން 70 މެގަވޮޓަށް އިތުރުކުރައްވައިފިއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް