އެމެރިކާގެ އާ ޚާރިޖީ ވަޒީރު މާކޯ ރުބިއޯ ވަނީ އިސްރާއީލާއި ހަމާސް އާ ދެމެދު ޣައްޒާގައި ހަދާފައިވާ ހަނގުރާމަ ހުއްޓާލުމާއި، ޣައްޒާގައި ބަންދުކޮށްފައިވާ މީހުން ދޫކޮށްލުމުގެ އެއްބަސްވުން ތަންފީޒުކުރުން ކުރިއަށް ގެންދަން ޖެހޭ ކަމަށް ވިދާޅުވެފައެވެ.
ޔޫއޭއީގެ ޚާރިޖީ ވަޒީރު އަބްދުالله ބިން ޒައިދާއެކު ބޭއްވި ބައްދަލުކުރެއްވުމުގައި އެމެރިކާގެ އައު ޚާރިޖީ ވަޒީރު މާކޯ ރުބިއޯ ވަނީ ޣައްޒާގައި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާއި، ބަންދުކޮށްފައިވާ މީހުން ދޫކޮށްލުމާއި، މި ސަރަޙައްދަށް އިންސާނީ އެހީ ދިނުމާ ބެހޭގޮތުން މަޝްވަރާކުރައްވާފައެވެ. މީގެ އިތުރުން، ސަރަޙައްދީ ސަލާމަތާއި ހަމަޖެހުމަށް ޓަކައި މި އެއްބަސްވުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވައި، މި އެއްބަސްވުމަށް ޢަމަލުކުރެއްވުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ.
ރޫބިއޯ ވަނީ ސައުދީ ވަލީއަހުދު މުހައްމަދު ބިން ސަލްމާނާ ވެސް ވާހަކަ ދައްކަވާފަ އެވެ. 2018 ވަނަ އަހަރު އިސްތަންބޫލްގައި އެމެރިކާގެ ނޫސްވެރިޔާ ޖަމާލް ޚާޝުގްޖީ މަރާލުމަށް ބިން ސަލްމާން ރުހުން ދިން ކަމަށް އެމެރިކާގެ އިންޓެލިޖެންސް ރިޕޯޓެއްގައި ބުނެފައިވީ ނަމަވެސް ޖޯ ބައިޑަންގެ ސަރުކާރުން ވަލީއަހުދާ ދެކޮޅަށް ސީދާ ފިޔަވަޅު އެޅުމަށް ދެކޮޅުހެދި އެވެ.
ބިން ސަލްމާނާ އެކު ބޭއްވެވި މި ބައްދަލުކުރެއްވުމުގައި ރުބިއޯ ވިދާޅުވެފައިވަނީ ސީރިއާ، ލުބްނާން، ޣައްޒާ އަދި އެނޫން ވެސް ގައުމުތަކުގައި ހިއްސާވާ މަސްލަހަތުތައް ކުރިއެރުވުމަށް އުއްމީދު ކުރައްވާކަން އަންގަވާފައިވާ ކަމަށާއި އީރާނާއި އެގައުމުގެ ޕްރޮކްސީތަކުން ކުރިމަތިވެފައިވާ ނުރައްކާތަކަށް ވެސް އަލިއަޅުއްވާލައްވާފައިވާ ކަމަށެވެ.