ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސައިން ޒިޔާދުގެ ނަން މަތީގައި ވަގު ފޯމެއް ފުރައި ވެރިކަން ކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އަށް ވެއްދުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށް އެ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރުމަށް ކަމާ ގުޅުންހުރި އިދާރާތަކަށް ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އިން ގޮވާލައިފިއެވެ.
އެމްޑީޕީއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ޕީއެންސީއަށް ވަނުމަށް ފޯމު ފުރާފައި ނުވާ މި ޕާޓީގެ ބައެއް އާންމު މެމްބަރުންނާއި ގައުމީ މަޖިލީހުގެ މެމްބަރުން ވެސް އެމްޑީޕީގެ ދަފްތަރުން އުނިކޮށް ޕީއެންސީގެ ހިމަނާފައިވާތީ އެ މައްސަލަ އިލެކްޝަންސް ކޮމިޝަނުގެ ސަމާލުކަމަށް މި ޕާޓީން ވަނީ އެކި ފަހަރު މަތިން ގެނެސްފައި ކަމަށެވެ. އަދި އެ މައްސަލާގައި އިލެކްޝަންސް ކޮމިޝަން (އީސީ) އާއެކު ބޭއްވި ބައްދަލުވުމުގައި ވެސް މި ޕާޓީން ވާނީ ވަގު ފޯމެއް ބަލައިގަނެ، ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްގެ ޕާޓީ އީސީން ބަދަލުކޮށްފިނަމަ އެ މެމްބަރެއްގެ ގޮނޑި ގެއްލުމުގެ ފުރުސަތު ގާނޫނުއަސާސީއަށް މިފަހުން ގެނައި ބަދަލާއެކު އޮތްކަމުގެ ކަންބޮޑުވުން ހިއްސާކޮށްފައި ކަމަށެވެ.
ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެފައިވާ ގޮތަށް ޕީއެންސީއަށް އެއް ލައްކަ މެމްބަރުން ހަމަކުރަން ކަމަށް ބުނެ މީހުންގެ ސޮއި ފޯޖުކޮށްގެން ހުށަހަޅަމުންދާ ފޯމުތައް ޕްރޮސެސް ކުރުން ހުއްޓާލުމަށް ވެސް މި ޕާޓީން އީސީގައި އެދިފައިވާނެ ކަމަށް ވެސް އެމްޑީޕީއިން ބުންޏެވެ.
“މި ހުރިހާ ކަންބޮޑުވުންތަކެއް ހިއްސާކޮށްފައި ވަނިކޮށް އީސީގެ ތެރެއިން ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްގެ ނަމުގައި ހުށަހެޅި ވަގު ފޯމެއް އެޕްރޫވް ވެގެންދިޔުމަކީ ބަލައިގަނެވޭނެ ކަމެއް ނޫނެވެ.“
އެމްޑީޕީއިން ވަނީ ޑިޕާޓްމަންޓު އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން (ޑީއެންއާރު) ގެ ޑޭޓާބޭސްއިން ވެރިކަން ކުރާ ޕާޓީން ކުރަމުންދާ ވައްކަންތައް ހުއްޓުވައި ދައުލަތުގެ އިދާރާތަކަށް ނުފޫޒު ފޯރުވައި ޕާޓީއަށް މެމްބަރުން އިތުރުކުރުމަށް ކުރަމުންދާ މަސައްކަތްތައް ތަހުގީގުކޮށް ފިޔަވަޅު އެޅުމަށް ކަމާ ގުޅުންހުރި އިދާރާތަކަށް ގޮވާލައިފައެވެ.