ހުއްޓިފައިހުރި ބިނާރުގެ މަސައްކަތްތައް އަލުން ފެށުމަށް ބޭނުންވާ ބޮޑުހިލަ ބަލްކުކޮށް ގެންނަން ނިންމަވާފައިވާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ ގދ. ރަތަފަންދޫއަށް މިއަދު ވަޑައިގެން، އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ.
އެގޮތުން ރައީސް ދެއްކެވި ވާހަކަފުޅުގައި ވަނީ މެޓީރިއަލް އަދި ފައިސާގެ ތާށިކަމާ ހެދި މަޑުޖެހިފައިހުރި މަޝްރޫއުތައް އަލުން ފެށްޓެވުމަށް ކުރައްވަމުންގެންދަވާ މަސައްކަތްޕުޅުގެ މައްޗަށް އަލިއަޅުވައިލައްވައިފައެވެ.
އޭގެތެރޭގައި ދިވެހިރާއްޖޭގެ އެކިއެކި ރަށްތަކުގައި މިގޮތަށް ހުއްޓިފައިހުރި މަޝްރޫއުތަކަށް ބޭނުންވާ ތަކެތި ހޯއްދެވުމަށް، މިފަދަ މަޝްރޫއުތަކަށް އެންމެ ބޮޑަށް ބޭނުންވާ ބޮޑުހިލަ ހޯދުމަށްޓަކައި، މިދިޔަ ހަފުތާ ތެރޭގައި މިކަމާ ގުޅިގެން ކުންފުނިތަކުގެ ވެރިންނާއި ފިނޭންސް މިނިސްޓަރާއި ކޮންސްޓްރަކްޝަން މިނިސްޓަރާއި ބައްދަލުކުރައްވައި، މިކަން ހަމަޖެއްސުމަށް ގޮތްތަކެއް ރޭވިފައިވާ ކަމަށާއި އެގޮތުން ބޮޑުހިލަ ބަލްކުކޮށް ގެނައުމަށް ނިންމާފައިވާ ކަމުގައި ރައީސް ވިދާޅުވިއެވެ. އަދި މިކަން ކުރުމަށް ރާވާފައިވާ ގޮތާއި އެކަމަށް ބޭނުންވާ ފައިސާ ވެސް މިދިޔަ ހަފުތާގެ ތެރޭގައި ހަމަޖައްސައިދީފައިވާ ކަމަށް ވިދާޅުވިއެވެ.
މީގެއިތުރުން ރައީސްގެ ވާހަކަފުޅުގައި ވަނީ ސަރުކާރުން މިއަހަރު ރަތަފަންދޫގައި ކުރިއަށްގެންދާނެ އިތުރު މަޝްރޫއުތަކުގެ މައްޗަށް ވެސް އަލިއަޅުވައިލައްވާފައެވެ.