އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޖައިޝަންކަރު މިއަދު ވިދާޅުވީ، ރާއްޖެއަކީ އިންޑިއާ އިން އަވައްޓެރި ގައުމުތަކަށް އިސްކަން ދިނުމަށް ގެންގުޅޭ ”ނެއިބަހުޑް ފަސްޓް“ ސިޔާސަތުގެ އެންމެ ސާފު މިސާލު ކަމަށެވެ.
ރާއްޖޭގެ ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލާ އެކު ބޭއްވި ރަސްމީ މަޝްވަރާތަކުގައި، ޖައިޝަންކަރު ވަނީ ރާއްޖެއަށް މިވަގުތު ކުރިމަތިވެފައިވާ މާލީ އަދި އިގުތިސާދީ ދަތިކަމުން އަރައިގަތުމަށް އިންޑިއާ ސަރުކާރުން ފޯރުކޮށްދިން އެހީތެރިކަން ފާހަގަކުރައްވާފައެވެ. މީގެ ތެރޭގައި ހިމެނެނީ:
400މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕް ފެސިލިޓީއެއް
ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) އިން ގަނެފައިވާ ޓީ-ބިލްތަކަށް އަނބުރާ ފައިސާ ދެއްކުން ފަސްކުރުން
”ދެ ގައުމުގެ ގުޅުމުގެ ތެރެއިން ފޯރުކޮށްދިން މި އެހީތެރިކަމުގެ ސަބަބުން، ރާއްޖެއަށް މިހާރު ކުރިމަތިވެފައިވާ ދަތިތަކަށް ކޮންމެވެސް ވަރެއްގެ ހައްލެއް ލިބުނު ކަމަށް އަޅުގަނޑުމެން އުއްމީދު ކުރަން. ރާއްޖެއާ އެކު އިންޑިއާ އަބަދުވެސް އޮންނާނެ,“ ޖައިޝަންކަރު ވިދާޅުވިއެވެ.
މަޝްވަރާތަކަށް ފަހު، ދެ މިނިސްޓަރުން ވަނީ ”ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްސް“ އެއްބަސްވުމުގެ ތިންވަނަ ފޭސްގައި ސޮއިކުރައްވާފައެވެ. މި އެއްބަސްވުމުގެ ދަށުން އަތޮޅުތަކުގައި ސީދާ ރައްޔިތުންނަށް ފައިދާކުރާ މަޝްރޫއުތައް ހިންގޭނެއެވެ.
މީގެ އިތުރުން ދެ މިނިސްޓަރުން މަޝްވަރާކުރެއްވި ކަންތައްތަކުގެ ތެރޭގައި:
އިންޑިއާގެ ހިލޭ އެހީ އާއި ލައިން އޮފް ކްރެޑިޓްގެ ދަށުން ހިނގަމުންދާ މަޝްރޫއުތަކުގެ މަސައްކަތް
ދެ ގައުމުގެ އިގުތިސާދީ ގުޅުން އިތުރަށް ބަދަހިކުރެވޭނެ ގޮތްތައް
ރާއްޖޭގެ ތަރައްގީގައި އިންޑިއާގެ ދައުރު
މި ސަރުކާރު ވެރިކަމަށް އައި ފަހުން ދެ ގައުމުގެ ގުޅުން ވަގުތީގޮތުން ގޯސްވި ނަމަވެސް، މިހާރު ވަނީ އެ ގުޅުން ވަރަށް ބޮޑަށް ރަނގަޅުވެފައެވެ