ފައިނަލުގައި އައްޑޫގެ މައްޗަށް 2-0 ގެ ނަތީޖާއަކުން މޮޅުވެ ގޯލްޑް ކަޕްގެ ޗެމްޕިއަންކަން ބ. އޭދަފުށިން ހޯދައިފި އެވެ.
މެޗު ފެށުމުގެ ކުރިން މުބާރާތުގެ ޗެމްޕިއަން ޓީމަށް ދޭ ތަށި ލޯންޗު ކުރި އެވެ. ގިނަ އަދަދެއްގެ ސަޕޯޓަރުން ވަދެ ތިބި ގަލޮޅު ދަނޑުގެ ޕިޗަށް ތަށި ހިފަހައްޓާލައިގެން ނުކުތީ ރާއްޖޭގެ ފުޓްބޯޅައިގެ އެންމެ ކާމިޔާބު ކުޅުންތެރިޔާ އަލީ އަޝްފާގް (ދަގަނޑޭ) އެވެ.
މުބާރާތުގެ ފައިނަލާ ހަމައަށް އައްޑޫ ކުރި ދަތުރުގައި އެއްވެސް މެޗަކުން އެ ޓީމު ބަލިވެފައެއް ނުވެ އެވެ. ދެވަނަ ބުރުގެ ފުރަތަމަ މެޗުގައި ކ. މާފުށި އަތުން އޭދަފުށި ބަލިވި އެވެ
ގަލޮޅު ދަނޑުގައި އައްޑޫގެ ޓީމަކުން އޭދަފުއްޓާއި ދެކޮޅަށް މި ނުކުތީ 36 އަހަރަށް ފަހު އެވެ. މީގެ ކުރިން އޭދަފުއްޓާއި ދެކޮޅަށް ގަލޮޅު ދަނޑުގައި މެޗަކަށް ނުކުތީ 1988 ގަ އެވެ. ސ. ފޭދޫ ޓީމުން އޭދަފުއްޓާ ދެކޮޅަށް ކުޅުނު އެ މެޗު ނަތީޖާ ބުރަވީ އޭދަފުށީގެ ކޮޅަށެވެ. އެ މެޗު އެ ޓީމުން ކާމިޔާބު ކުރީ 2-0 ންނެވެ.
އައްޑޫގެ މޮޅުވުމުގެ ރޭހަށް ނިމުން ގެނައުމަށް، އޭދަފުއްޓަށް އެންމެ ފުރަތަމަ ފުރުސަތު ފަހިކޮށްދިނީ ކުރިން ފުރަތަމަ ޑިވިޝަނުގައި ވެސް ވާދަކުރި މުހައްމަދު ފާސިރު (ފާއްޓޭ) އެވެ.
ފުރަތަމަ ހާފުގައި ނެގި ކޯނަރުތަކުން އޭދަފުށިން އައްޑޫގެ ގޯލަށް ނުރައްކާ ކުރި އެވެ.
އޭދަފުށީގެ ލަނޑު ފާއްޓޭ ޖެހީ ވެސް ހަމްޒާ މުހައްމަދު (ހަމްޕް) ނަގައި ދިން ކޯނަރު ބޮލުން ފޮނުވާލައިގެންނެވެ.
އޭގެ ފަހުން އިޝާން އިބްރާހިމް (ސައްޓު) ނަގައި ދިން ކޯނަރަކުން ވެސް ނުރައްކާ ކުރި އެވެ.
ދެވަނަ ހާފުގައި އިބްރާހިމް މަހްދީ ހުސައިން (ފޭދޫ އިއްބެ) ނަގައިދިން ބޯޅައިން ނުރައްކާތެރި ފުރުސަތެއް ތަނަވސް ކުރި އެވެ. ފޭދޫ އިއްބެ ދިން އެ ބޯޅަ ލިބުނީ އިބްރާހިމް ވަހީދު ހަސަން އަށެވެ. އޭނާ އަށް އެ ބޯޅަ ޖެހެން ނެތުމުން ކުރިއަށް ބޯޅަ ކޮއްޕާލައި އިސްމާއީލް އީސާ އަށް އެ ބޯޅަ ތަނަވަސްކޮށް ދިނެވެ. އެކަމަކު އީސަ ފޮނުވާލި ބޯޅައިގައި ބާރެއް ނެތެވެ.
އޭދަފުށީގެ ދެވަނަ ލަނޑު އަލީ ފާސިރު (ސެންޓޭ) ޖެހީ މެޗުގެ 90 ވަނަ މިނެޓްގަ އެވެ. އައްޑޫގެ ޑިފެންޑަރުން ތިބީ އޭނަ އާ މެދު އެހާ ބޮޑަށް ސަމާލުކަން ދީގެނެއް ނޫނެވެ. ހަމްޕް ކުރީގައި ހުރުމުން އައްޑޫގެ ޑިފެންޑަރުން ސަމާލުކަން ދިނީ އޭނާ އަށެވެ. ހަމްޕްގެ ފަހަތުން އަރައި އޭނާ އަށް ލިބުނު ބޯޅަ ގޯލްގެ ތެރެއަށް ފޮނުވާލި އެވެ.