ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރުގެ މަގާމުން މުޢާޒް މުޙައްމަދު ރަޝީދު އިސްތިއުފާ ދެއްވައިފިއެވެ.
މިއަދުން ފެށިގެން ފެނަކައިގެ އެމްޑީގެ މަގާމުން އިސްތިއުފާދެއްވިކަން ހާމަކުރައްވައި ރައީސް ޑރ.މުޙައްމަދު މުޢިއްޒަށް ފޮނުއްވި ސިޓީ މުޢާޒް ވަނީ ސޯޝަލް މީޑިއާގައި ހިއްސާކުރައްވާފައެވެ.
މުޢާޒް ވިދާޅުވީ ފެނަކައިގައި އުފެދިފައިވާ ދަރަންޏަށް ބަލާއިރު، ހަމައެކަނި ހިންގުމުގެ ޚަަރަދު ކުޑަކޮށްގެން މިހާރު ވެއްޓިފައިވާ ހާލަތުން ކުންފުނި ސަލާމަތް ނުކުރެވޭނެ ކަމަށާއި، މި ހާލަތުން އަރައިގަތުމަށްޓަކައި ކުންފުނިން ތައްޔާރުކޮށްފައިވާ ޕްލޭންތައް ކަމާ ގުޅުންހުރި ހުރިހާ ފަރާތްތަކާ ހިއްސާކުރެވިފައިވާ ކަމަށެވެ.
ނަމަވެސް މިއަދާ ހަމައަށް އައިއިރު ވެސް މިކަމަށް އަލިމަގެއް ފެނިފައިނުވާ ކަމަށް މުޢާޒް ވިދާޅުވިއެވެ.
މުޢާޒް ވިދާޅުވީ މި ފާއިތުވި އޮކްޓޫބަރު އަދި ނޮވެމްބަރު މަހުގެ މުސާރަ މުވައްޒަފުންނަށް މަސް ފެށުނުއިރު ވެސް ޖަމާކޮށްދެވިފައިނުވާ ކަމަށެވެ. މިއީ ފަހުގެ ތާރީޚެއްގައި އެ ކުންފުނީގައި ހިނގާފައިވާ ކަމެއް ނޫން ކަމަށް ވެސް މުޢާޒް ވިދާޅުވިއެވެ.
“މި ކުންފުނީގެ ބެލެނިވެެރި ފަރާތް ކަމުގައިވާ މާލީ ވުޒަރާއަށް މި ކަންކަމުގައި ހުރި ދަތިތަކާއި، އިސްވެ ދެންނެވުނު ހާލަތުން އަރައިގަތުމަށްޓަކައި މަޝްވަރާކޮށްގެން ގޮތެއް ހޯދުމަށް ތަފާތު އެކި ފަހަރު މަތިން ވާނީ ދެންނެވިފައެވެ. އެނގިވަޑައިގަންނަވާނެ ފަދައިން ރައްޔިތުންނަށް ފޯރުކޮށްދޭ މިފަދަ އަސާސީ ޚިދުމަތަކުން އެންމެ ހިނދުކޮޅަކަށް ވެސް ވަކިވާންޖެހުން އެއީ، އޭގެ ސަބަބުން އަޅުގަނޑާއި، ކުންފުންޏާއި އަދި މަނިކުފާނަށް ވެސް އޭގެ ބަދުނާމު ފޯރާނެ ކަމެއްގެ އިތުރުން އެތަކެއް ރައްޔިތުންނަށް އެކަމުގެ ތަކުލީފު އުފުލަންޖެހޭނެ ކަމެކެވެ.“
އެހެންކަމުން ކުންފުންޏަށް ލިބޭ އާމްދަނީއަށްވުރެ ކުރަންޖެހޭ ޚަރަދު ބޮޑުވުމުން ދެމެހެއްޓެނިވި ގޮތެއްގައި ޚިދުމަތްތައް ފޯރުކޮށްނުދެވޭނެ ހާލަތަކަށް ކުންފުނީގެ އޮޕަރޭޝަން ހާލަތު ވެއްޓިފައިވާތީ، އޭނާ ހުރެގެން އިތުރަށް މިކަން ރަނގަޅު ކުރެވޭނެ އަލި މަގެއް ފެންނަން ނެތުމުން، މިއަދުން ފެށިގެން މަގާމުން އިސްތިއުފާ ދެއްވާފައިވާ ކަމަށް މުޢާޒްގެ ސިޓީ ނިންމަވައިލައްވަމުން ވިދާޅުވެފައިވެއެވެ.
ފޮޓޯ: މިހާރު.
One Response
ބޮޑު ވގ ކާނެ ވަރަކަށް ކައިގެން ރައްކާ ވަނީ! ޕާސްޕޯޓް ހިފަހައްޓާ ތަހްގީގުކުރޭ!