ގާނޫނުއަސާސީއަށް ގެނައި އިސްލާހުތައް ބާތިލުކުރުމަށް ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅައިފި

Loading

Facebook
Twitter
WhatsApp

މި މަހުގެ 20 ވަނަ ދުވަހު ގާނޫނުއަސާސީއަށް ގެނައި އިސްލާހުތައް ބާތިލުކުރުމަށް ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅައިފިއެވެ.

މަޝްހޫރު ގާނޫނީ ވަކީލު އަދި ކެންދޫ ދާއިރާގެ ކުރީގެ މެންބަރު ޢަލީ ޙުސައިން މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީއަށް 6 ވަނަ އިސްލާހު ގެނެސްފައިވަނީ ގާނޫނުއަސާސީގެ 4، 8، 26، 75 އަދި 90 ވަނަ މާއްދާއާ ޚިލާފަށް އަދި ގާނޫނުއަސާސީގެ އަސާސީ އޮނިގަނޑާ ވެސް ޚިލާފަށް ކަމަށެވެ.

އެހެންވެ އެ އިސްލާހު ބާތިލުކުރުމަށް އެދި ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅާފައިވާ ކަމަށް ޢަލީ ވިދާޅުވިއެވެ.

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނުނުއަސާސީއަށް 6 ވަނަ އިސްލާހު ގެނައުމުގ މި ބިލަކީ، 20 ނޮވެމްބަރ 2024 ވީ ބުދަ ދުވަހު ބޭއްވެވި 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ 52 ވަނަ ޖަލްސާއިން ފާސްކުރި ބިލެކެވެ.

މި ބިލުން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީއަށް ވަނީ މައިގަނޑު ފަސް އިސްލާހެއް ގެނަސްފައެވެ. މި ބިލުގެ އެންމެ ފާހަގަކޮށްލެވޭ އެއް އިސްލާހަކީ ގާނޫނުއަސާސީގެ 73 ވަނަ މާއްދާގެ (ރ) ގެ ފަހަތަށް އަކުރެއް އިތުރުކޮށް ހިމަނާފައިވަާ ބަދަލުތަކެވެ. މި ބަދަލުތަކާއެކު ރައްޔިތުންގެ މަޖިލިސް މެންބަރުންގެ ގޮނޑި ގެއްލޭނެ އާ ތިން ހާލަތެއް ވަނީ އިތުރުކުރެވިފައެވެ. އެއީ ސިޔާސީ ޕާޓީއެއްގެ ޓިކެޓުގައި އިންތިޚާބުވެފައިވާ މެންބަރަކު އެހެން ޕާޓީއަކަށް ބަދަލުވުމުން ނުވަތަ އަމިއްލަގޮތުން ކުރިމަތިލައިގެން އިންތިޚާބުވި މެންބަރަކު ޕާޓީއަކަށް ބަދަލުވުން ނުވަތަ ރައްޔިތުން މަޖިލީހުގެ މެންބަރަކު، އެ މެންބަރަކު ރައްޔިތުންގެ މަޖިލީހުގެ އުމުރުގެ ތެރޭގައި، ތަމްސީލުކުރާ ޕާޓީއިން އަމިއްލައަށް ވަކިވުމުން ނުވަތަ ޕާޓީއިން ވަކިކުރުމެވެ.

މީގެއިތުރުން ގާނޫނުއަސާސީގެ 3 ވަނަ މާއްދާގެ (ހ) އަދި (ށ) އަށް ގެނެވުނު ބަދަލާއެކު ދިވެހިރާއްޖޭގެ ސަރަހައްދަށް އެއްވެސް ބަދަލެއް ގެނެވޭނީ ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ ހަތަރުބައިކުޅަ ތިންބައިގެ އަޣުލަބިއްޔަތުން ފާސްކުރާ ގާނޫނަކުންނެވެ.

ހަމައެއާއެކު ގާނޫނުއަސާސީގެ 251 ވަނަ މާއްދާގެ (ނ) އަށް ގެނެވުނު އިސްލާހުގެ ދަށުން، އެއްބަސްވުމެއްގެ ދަށުން ނުވަތަ އެނޫންވެސް ގޮތަކުން، ރާއްޖެއިން ބޭރުގެ ފަރާތްތަކަށް ދިވެހިރާއްޖޭގެ ސަރަހައްދުގެ އެއްވެސް ބައެއް އަސްކަރީ ބޭނުމަކަށް ބޭނުންކުރުމުގެ ހުއްދަ ދެވޭނީ ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަޣުލަބިއްޔަތުން ފާސްވެގެންނެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް