ސަރުކާރަށް އަހަރެއްވެގެން ދިޔައިރު ވެސް އައްޑޫ
ސިޓީއަށް ތަރައްގީގެ ނަމުގައި މޮހޮރެއް ޖެހިފައި ހުރި ތަން ވެސް ނުފެންނަ ކަމަށް އައްޑޫ މީދޫ ދާއިރާގެ މެންބަރު ޢަބްދުއްރަޙްމާން (އައްދު) ވިދާޅުވެއްޖެއެވެ.
2025 ގެ ބަޖެޓަށް ވާހަކަ ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާގައި ޢަބްދުއްރަޙްމާން ވިދާޅުވީ މި ސަރުކާރަށް އަހަރެއްވެގެން ދިޔައިރު ވެސް އިވެމުންދަނީ އައްޑޫ ސިޓީ ރައްޔިތުންގެ ޝަކުވާ ކަމަށާއި، މި ސަރުކާރަށް އަހަރެއްވެގެން ދިޔައިރު ވެސް އައްޑޫ ސިޓީއަށް ތަރައްގީގެ ނަމުގައި މޮހޮރެއް ޖެހިފައި ހުރި ތަން ވެސް ނުފެންނަ ކަމަށެވެ.
“ދެން ކުރަނީ ކައުންސިލުން ކުރާ ކަމެއް. އަދި އިވެނީ ހުސް ވާހަކަ. އައްޑޫ ރައްޔިތުން ފަސް އަހަރުވަންދެން މި ވާހަކަ މަތީގައި ތިބެދާނެ ކަމަކަށް އަޅުގަނޑަކަށް ގަބޫލެއްނުކުރެވޭ.“
ޢަބްދުއްރަޙްމާން ވިދާޅުވީ މި ސަރުކާރުން މަޖިލިސް އިންތިޚާބާ ދިމާކޮށް ކަޑަޖަހައި ހިއްކަން މަސައްކަތް ފަށާފައިވާ ތަނުގެ މަސައްކަތް ވީހިސާބެއް އެނގޭ ބަޔަކު ނެތް ކަމަށާއި، އެ ތަން ހިކެނީ ދިޔަވަރު ހިކޭ ގަޑީގައި އެކަނި ކަމަށެވެ.
“މީދޫގެ ރަށްގިރުމުގެ ސީރިއަސް މައްސަލައެއް އެބައޮތް. ކަމާބެހޭ ވުޒާރާއާ އަޅުގަނޑު ވާނީ މަޝްވަރާކޮށްފަ. މިކަމަށް
ހައްލެއް ލިބޭނެކަން އަޅުގަނޑަށް އެއްވެސް ފަރާތަކުން އަދި މި ބަޖެޓަކުން ވެސް ފެންނާކަށް ނެތް.“
މީގެއިތުރުން ޢަބްދުއްރަޙްމާން ވިދާޅުވީ ރަށުގެ އިޖުތިމާއީ
އެތައް މައްސަލައެއް އެބަހުރި ކަމަށާއި، ވައްކަމާއި ޑުރަގު ވިޔަފާރި ފުޅާވެފައިވާއިރު، ފުލުހުންގެ ކެޕޭސިޓީއެއް ނެތް ކަމަށެވެ. އަދި ހެލްތު ސެންޓަރުގެ ހާލު އެހާ ދަށް ކަމަށާއި، ސްޓާފުން މަދުއިރު، ރަށުން ބޭހެއް ނުލިބޭ ކަމަށެވެ.
“2024 ވަނަ އަހަރު ބަޖެޓުގައި ހިމެނުނު އިޖުތިމާއީ މަރުކަޒު، އިންޑޯރ ސްޕޯޓްސް ކޮމްޕްލެކްސް، ފުޓުބޯޅަދަނޑު އަޕްގްރޭޑް، ސައިޓް މިޔުޒިއަމް ވީތަނެއް ވާތަނެއް އެނގޭ މީހަކު ނެތް.“
އޭނާ ވިދާޅުވީ ބަޖެޓަށް ވޯޓުދޭން ރިއާޔަތްކުރާނީ ދާއިރާގެ ރައްޔިތުންގެ ވިސްނުން ހުރި ގޮތަކަށް ކަމަށާއި ދާއިރާގެ ރައްޔިތުންގެ ވިސްނުން ހޯދަމުންދާ ކަމަށެވެ.
“ރަައްޔިތުން އެދުނު ގޮތަށް އަޅުގަނޑު ބަޓަނަށް ފިއްތާނެ ވާހަކަ ދަންނަވަން. އަޅުގަނޑަށް އުފާވެރިކަމަކީ ރައްޔިތުން އެދޭ
ގޮތަށް ބަޓަނަށް ފިއްތުމުގެ ފުރުސަތު އަޅުގަނޑަށް އޮތީމަ.“ އޭނާ ވިދާޅުވިއެވެ.