އަޅުގަނޑުމެންގެ މި ލިއުމަކީ ފާޑު ކިއުމުގެ ލިއުމެކެވެ. ހިތް ހަމަނުޖެހިގެން ބޭރުކޮށްލާ ޝުއޫރުތަކެކެވެ.
ރައީސުލްޖުމްހޫރިއްޔާ، ސަރުކާރުގެ އެއްވެސް ވަޒީފާއަކަށް އައްޔަންކުރައްވާ ބޭފުޅަކު، ތިމަންނައަށް އެ ދެއްވީ ހުރިހާ ގައުމެއްގެ ވިސާ ޖައްސަވާފައި އޮތް ޕާސްޕޯޓެކޭ ހީކޮށްގެން ނުވާނެއެވެ. ދައުލަތުގެ ފައިސާއަކީ ހުރިހާ ރައްޔިތުންގެ ހިއްސާ އެއްވަރަކަށް އޭގައި އެކުލެވިފައިވާ އެއްޗެކެވެ. ސަރުކާރުގެ ވަޒީފާއެއް ލިބުމަކުން ތިމާއަށް ނޭނގޭ ކަންތަކުގެ ތެރެއަށް ވަދެ އެ ފައިސާ އިސްރާފުކުރުމަށް ދިވެހި އެއްވެސް ރައްޔިތަކު ނޭދޭނެއެވެ. އަމުދުން ގައުމުގެ ދަރަނި އިންތިހާއަށް އުފުލި ރައްޔިތުންގެ މުސްތަގުބަލުގެ ކަރުގައި ކަސްތޮޅު އަޅުވާފައިވާއިރު އަޅުގަނޑުމެން ނުރުހުން ފާޅުކުރާނަމެވެ.
އަޅުގަނޑުމެންގެ އަމާޒަކީ ވަކި މީހެއްގެ ފަސްބައިގައި އެލިގަތުމެއް ނޫނެވެ. ހަގީގަތް ހާމަކޮށްދީގެން ގައުމު އިތުރަށް ދަރަނިވެރިކުރުވުމުން ސަލާމަތްކުރުމެވެ. އެއްވެސް މީހަކާ ދޭތެރޭ އަޅުގަނޑުމެން ޒާތީ ނުރަނގަޅު ވިސްނުމެއް ނޯންނާއެވެ.
މިދިޔަ ސެޕްޓެމްބަރު މަހުގެ ފަހުކޮޅުން ފެށިގެން އޮކްޓޯބަރ މަހުގެ ކުރީކޮޅުވެސް އަޅުގަނޑުމެން ދިވެހި ރައްޔިތުންނަށް ހީކުރެވެން ފެށީ ކުރިއަށް އޮތްތަނުގައި އިހަވަންދިއްޕޮޅުގައި ބޭރު ގައުމުތަކުގެ ބޯޓުފަހަރަށް ތެލާއި، ފެން ފޯރުކޮށްދިނުމުގެ ޚިދުމަތް ފުޅާވެގެން ގޮސް ގައުމަށް ބޭނުންވާ ބޭރުފައިސާގެ ބޮޑު ހިއްސާއެއް އެ ސިނާއަތުން ދިވެހި ގައުމަށް ލިބިގެންދާނެ ކަމަށެވެ. އަދި ދިވެހިރާއްޖޭގައި އުފުލެމުންދާ ގައުމީ ދަރަނިތައް ސައިޒްކޮށް ތިރިކުރުމަށް ބޮޑު ބާރަކަށް ވެގެންދާނެ ކަމަށެވެ.
އިރުމަތިން މެދުއިރުމައްޗަށާއި ހުޅަނގަށް އަދި ހުޅަނގާއި މެދު އިރުމަތިން އޭޝިޔާއަށް ދަތުރުކުރާ ބިޔަ ބޯޓުފަހަރުތަކުގެ ތެރެއިން ބައެއް ބޯޓުފަހަރު ރާއްޖޭގެ އުތުރުން ހުރަސްކުރަމުން ގެންދާއިރު އެ ބޯޓުފަހަރަށް ތެލާއި ފެން ފޯރުކޮށްދީގެން ގައުމަށް ލިބޭނެ ބިޔަ ބޮޑު އާމްދަނީ އިޝްތިހާރުކޮށްލީ ވަކި ސުމާރެއް ބަލައިގެނެއް ނޫނެވެ. އަދި ކުރިމަގުގައި ބޯޓުފަހަރު ބީއްސައިގެން މަރާމާތުކޮށްދިނުމާއި ސާރވޭތަކަށް މަގުފަހިކޮށްދިނުމުގެ މަސައްކަތް ފަށައި އުތުރުގެ އަތޮޅުތައް އެހެން ލެވަލްއަކަށް ގެންގޮސް ރައްޔިތުންގެ ޖީބުތަކަށް ހެޔޮ ބަދަލެއް ގެނުވާނެ ކަމުގެ ފޮނި ހުވަފެންތަކުގެ ވާހަކަވެސް އޮތީ ދިވެހި މީޑިއާތަކުގެ އެންމެ ފަލަ ސުރުޚީތަކަށްވެފައެވެ.
އިހަވަންދިއްޕޮޅުން ބައިނަލް އަގްވާމީ ބޯޓުފަހަރަށް ޚިދުމަތް ފޯރުކޮށްދޭނެ މަރުކަޒަކަށް ހަދާނެ ގޮތުގެ ތަފްސީލު ކުރެހުންތަކާއި ތަފްސީލުތައް އެކަމާ ހަވާލުވެގެން އުޅުއްވާ ބޭފުޅުން ގެންދެވީ ރެޔާދުވާލު ރައްޔިތުންނަށް ކަށަވަރުކޮށްދެއްވަމުންނެވެ. ގްރީކުގެ ބައެއް މުއްސަނދިންގެ ސާޅިހަށްވުރެން ގިނަ ބޯޓުފަހަރު ހުރިކަމާއި މިބާވަތުގެ ކަމާ ގުޅުން ނެތް ވާހަކަތަކެއްވެސް އަޑު އިވިގެންދިޔައެވެ.
އެހެންނަމަވެސް އެ އިޝްތިހާރުތަކަށް މަސްދުވަސް ވާން ކައިރިވެފައިވާއިރު މިހާރު އެވާހަކަތައް ހިނދި އިޝްތިހާރުތަކުގެ ކުލަ ނުފެންނަވަރަށް ފަނޑުވެއްޖެހެން ހީވެއެވެ.
ސަރުކާރުގެ ބައެއް ކުންފުނިތަކުން އެއްވެސް އާމްދަނީއެއް ގައުމަށް ނުލިބޭއިރު އަދި އެތަންތަން ހިންގަން ހަވާލުކޮށްފައި ތިބޭ އިސް މީހުން ބޭނުންހާ ގޮތަކަށް ދައުލަތުގެ ފައިސާ އަމިއްލަ ބޭނުމަށް ޚަރަދުކޮށް ބާކީ އެއްޗެއް ނެތިއްޔާ ދަރަންޏަށް ނަގައިގެން އިސްރާފު ކުރަމުންދާއިރު އެމީހުންނާ ދޭތެރޭ ސަރުކާރުން ނަސޭހަތް ދީފައި ހަމަޖައްސާލުމުގެ ސިޔާސަތެއް ގެންގުޅުއްވިޔަސް ދިވެހި ރައްޔިތުން އެކަމާ ނުރުހޭނެކަން ސަރުކާރަށް އެނގެން ޖެހޭނެއެވެ. ކޮންމެ ކޮންމެ މީހަކަށް ދުލުންނާއި ގަލަމުން އެމީހުންގެ ނުރުހުން ފާޅުނުކުރެވިދާނެއެވެ. އެކަމަކު ދެމީހަކު ބައްދަލުވެއްޖެއްޔާ ފާޅުކުރަމުން ދަނީ ގައުމު ދަރައި ވިކެމުންދާ ވާހަކައާއި ކޮރަޕްޝަނާއި ފަސާދަ އަތްނުފޯރާ ހިސާބަށް ދިއުމުގެ ހިތްދަތި ޝުއޫރުތަކެވެ.
އިހަވަންދިއްޕޮޅުގެ މަޝްރޫއެއްގެ ވާހަކަ އަޑުއިވޭތާ އަހަރުތަކެއް ވެއްޖެއެވެ. މީގެ ކުރީގެ އެއްވެސް ސަރުކާރަކުން އެ މަޝްރޫއޫ ހިންގަން ބޭނުންނުވި ސަބަބެއް އޮންނާނެއެވެ. “ މިވެނި ސަރުކާރަކުން ނުކުރީމާ އަހަރެންގެ ސަރުކާރުން އެކަން ކުރެވޭކަން ދައްކާލާނަމޭ “ ބުނުމަކީ އެންމެ ރަނގަޅުގޮތެއް ނޫނެވެ. ސަރުކާރު ހިންގަންވާނީ ގައުމު ބޭނުންވާ ގޮތަކަށެވެ. ގައުމަކީ ހުރިހާ ދިވެހި ރައްޔިތުންނެވެ. ކުރީގެ ސަރުކާރުތަކުން އެ މަޝްރޫއު ނުހިންގެވި ސަބަބު ދެނެގަތުމަކީ “ އަހަރެން ދެރަވުމެއް “ ނޫނެވެ. އެއީ އެކަންކުރަންޖެހޭ ގޮތެވެ. ރައްޔިތުން ބޭނުންވާނީ މަޝްވަރާކޮށްގެން ކަންތައްކުރާ އުސޫލެއްކަން ކަށަވަރެވެ. މިސާލަކަށް ކުރީގެ ރައީސް ޔާމީނުގެ ސަރުކާރުން އެ މަޝްރޫއު ނުހިންގެވި ސަބަބު އޮޅުންފިލުވައިލެވިދާނެއެވެ.
ހަމަކަށަވަރުންވެސް ރައީސް ޔާމީނަކީ ވިޔަފާރިއާއި އިގްތިސާދީ ގިނަ ތަޖުރިބާތަކެއް ލިބިވަޑައިގެން ހުންނެވި ބޭފުޅެއްކަމާ ދޭތެރޭ އެއްވެސް ދިވެއްސަކު ޝައްކު ނުކުރާނެއެވެ. ރައީސް ޔާމީނުގެ ކެބިނެޓްގައި ވިޔަފާރިއާއި އަދި ކަނޑުދަތުރުފަތުރު ކުރުމުގެ ވަޒީރުކަން ފަސް އަހަރު ދުވަހު މިހާރުގެ ވިޔަފާރިއާ ބެހޭ ވަޒީރު އަދާކުރައްވާފައިވުމުން ރަނގަޅު ތަޖުރިބާތަކެއް ލިބިވަޑައިގެންފައި ހުންނާނެކަމަށް ކޮންމެ ދިވެއްސަކުވެސް އުންމީދު ކުރާނެއެވެ.
21 ވަނަ ގަރުނުގެ ހަތަރުބައިކުޅަ އެއްބައި ނިމިގެންދާއިރު ދުނިޔޭގައި ބޯޓު ދަތުރުކުރުމުގެ ދާއިރާއަށް އައިސްފައިވާ ބޮޑެތި ކުރިއެރުންތައް ފާޅުކަން ބޮޑުގޮތެއްގައި އާންމު ވެފައިވާއިރު ހަތަރުވަރަކަށް ހާސްޓަނުގެ ތެޔޮ ޓޭންކަރެއްގައި ބައިނަލް އަގްވާމީ ބޯޓުފަހަރަށް ތެލާއި ފެން ދެވިދާނެކަމަށް ހީކުރުމަކީ މޮޔަ ވިސްނުމެކޭ ނޫނީ ނުބުނެވޭނެއެވެ.
އޭޝިޔާ ސަރަހައްދަށް އެކަނި ބަލާލިއަސް ބައިނަލްއަގްވާމީ ކަނޑުގައި ބޯޓުފަހަރަށް ތެލާއި ފެން ފޯރުކޮށްދޭން ތައްޔާރަށް ތިބި އުޅަނދުފަހަރު ގުނާ އަދަދު ނުކުރެވޭނެއެވެ. އިމްޕޯރޓް ޑިއުޓީ ދެއްކުމަކާ ނުލައި ވަކި ގައުމެއްގެ ސަރަހައްދަށް ނުވަދެ ތިބެ ފޯރުކޮށްދޭ ތެލުގެ އަގު އާންމު ބާޒާރުތަކަށްވުރެން ވިހި ނުވަތަ ތިރީސް އިންސައްތަ އަގު ހެޔޮކަން އެނގެން ޖެހޭނެއެވެ. އަދި އެއަށްވުރެންވެސް ޚަރަދު ކުޑަކުރުމަށްޓަކައި މި ޒަމާނުގެ ބޯޓުފަހަރުގައި ސާފުނުކުރާތެޔޮ އެ ބޯޓުފަހަރަށް ބޭނުންވާ ގޮތަށް ބަދަލުކޮށްގެން ބޭނުން ކުރުމާއި އަދި ބޯޓުފަހަރުގައި ފެން އުފައްދާ ނިޒާމު ހުންނަނީ ގާއިމް ކޮށްފައިކަންވެސް އެނގެންޖެހޭނެއެވެ.
މިއިން އެއްވެސް ކަމެއް ބަލައި ދެނެގަތުމަކާ ނުލައި ރައްޔިތުންގެ މާލިއްޔަތާއި ފައިސާ އިސްރާފުކުރުން ބަލާނުގަންނާނެ ކަމާއި ރައްޔިތުންގެ ނުރުހުމާއި ކުރިމަތިލާން ޖެހޭނެކަން އަދި މާބޮޑަށް އެނގެންޖެހޭނެއެވެ. ދިވެހިރާއްޖޭގެ ޒުވާން ޖީލަކީ އިލްމުވެރި ދަރިންތަކެކެވެ. ބުނާ ކޮންމެ ވާހަކައެއް އެމީހުން ގަބޫލެއް ނުކުރާނެއެވެ. މިކަންވެސް ގަބޫލުކުރަން ޖެހޭނެއެވެ.
ބަންކަރިންގ ޚިދުމަތް ރަސްމީކޮށް ފެށުމުގެ ރަސްމިއްޔާތު. ފޮޓޯ: އެސްޓީއޯ