ސަރުކާރުން 22 ރިސޯޓު ރަށެއްގެ އެއްބަސްވުން ބާތިލުކުރަން މަސައްކަތް ފަށައިފިއެވެ. ތަރައްގީ ނުކުރެވި ހުރި 22 ރަށެއްގެ ލީސް އެގްރިމަންޓް ބާތިލު ކުރުމާ ގުޅޭގޮތުން ގާނޫނީ ލަފާ ހޯދުމަށް ބަންޑާރަނައިބު އަހުމަދު އުޝާމްއާއި ހިއްސާކޮށްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓަރ އިބްރާހިމް ފައިސަލް ރައްޔިތުންގެ މަޖިލީހުގައި ވިދާޅުވެއްޖެއެވެ.
އިއްޔެގެ މަޖިލީހުގެ ޖަލްސާގައި ފައިސަލް މި ވާހަކަ ދެއްކެވީ މާފަންނު ދެކުނު ދާއިރާގެ މެންބަރު ރިފާއު (ބޮޗޭ) ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. ރިފާއު ފާހަގަކުރެއްވި ގޮތުގައި ޓޫރިޒަމަށް ދޫކޮށްފައިވާ ގިނަ ރަށްތަކެއްގައި އެއްބަސްވުން ހެދިތާ އެތައް އަހަރެއް ވީއިރުވެސް މަސައްކަތެއް ނުފެށިއެވެ. އަދި މިކަމުގެ ސަބަބާއި، ތަރައްގީކުރުމަށް ސަރުކާރުން ދީފައިވާ ލުއިތަކާ ބެހޭގޮތުން ސުވާލުކުރެއްވިއެވެ.
ޖަވާބުގައި ފައިސަލް ވިދާޅުވީ މިފަދަ 58 ރަށް ހުރި ކަމަށާއި، އޭގެ ތެރެއިން ބައެއް ރަށްތައް ވަރުވާއަށް ދީފައިވާތާ 30 އަހަރާ ގާތްވެފައިވާ ކަމަށެވެ. އަދި މިނިސްޓްރީ އޮފް ޓޫރިޒަމްއިން ވަރުވާ ހިފާފައިވާ ފަރާތްތަކާއެކު އެފަރާތްތަކުގެ ކަންބޮޑުވުންތަކާ ބެހޭގޮތުން މަޝްވަރާކޮށްފައިވާ ކަމަށް ވިދާޅުވިއެވެ.
ފައިސަލްގެ ވާހަކައިގައި، ރާއްޖޭގެ ވަރުވާ ހިފާ ފަރާތްތަކަށް ދިމާވާ މައިގަނޑު އެއް ދަތިކަމަކީ ރަށްތައް ތަރައްގީކުރުމަށް ފައިނޭންސް ހޯދުމުގެ ދަތިކަން ކަމަށް ފާހަގަކުރެއްވިއެވެ. ”އަޅުގަނޑުމެންނަށް ފާހަގަކުރެވޭ ގޮތުގައި މައިގަނޑު ގޮންޖެހުމަކީ ރާއްޖޭގައި އިންވެސްޓްމަންޓް ބޭންކެއް ނެތުން. ލޯކަލް ބޭންކުތަކުގައި މި ރަށްތައް ތަރައްގީކުރުމަށް ލޯނު ދެވޭވަރުގެ ކެޕޭސިޓީއެއް ނެތް“ ކަމަށް ފައިސަލް ވިދާޅުވިއެވެ. .
ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް (ޑީބީއެމް) އަށް ފާއިތުވި ހަފްތާގައި ސެންޓްރަލް ބޭންކުން ބޭންކިންގ ލައިސަންސް ދޫކޮށްފައިވާތީ، އެ ބޭންކުގެ ހިދުމަތް ފެށުމުން މި ދަތިތަކަށް ހައްލެއް ލިބިގެންދާނެކަމުގެ އުއްމީދު ފައިސަލް ފާޅުކުރެއްވިއެވެ.
މީގެ އިތުރުން ބައެއް ރަށްތަކުގައި ބޮޑެތި އަދަދުތަކުން އިންޓްރެސްޓް ޖަމާވެފައިވާ ކަމަށާއި، ސަރުކާރުން ފައިސާ ދެއްކުމުގައި ލުއިތަކެއް ނުދީ މި ރަށްތައް ތަރައްގީކޮށް މާކެޓް ކުރުމަށް ދަތިވާނެ ކަމަށްވެސް ފައިސަލް ވިދާޅުވިއެވެ.
އެގްރީމެންޓް ބާތިލުކުރުމަށް ހުށަހަޅާފައިވާ 22 ރަށަކީ ކޮބައިކަން ފައިސަލް ހާމަކުރައްވާފައެއް ނުވެއެވެ.