އެކުވެރި ދައުލަތްތަކުގެ އާންމު މަޖިލީހުގެ 79 ވަނަ ސެޝަންގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެމެރިކާއަށް ކުރެއްވި ރަސްމީ ދަތުރުފުޅަށް ދައުލަތުގެ ބަޖެޓުން 2.4 މިލިއަން ރުފިޔާ ޚަރަދުވި ކަމަށް ރައީސް އޮފީހުން މިއަދު ބުނެފިއެވެ.
ރައީސް އޮފީހުން ބުނީ ރައީސް ޑރ. މުޢިއްޒު އދ. އަށް ކުރެއްވި ދަތުރުފުޅަށް ދިވެހި ސަރުކާރުން 2,455,583.01 ރުފިޔާ ޚަރަދު ކަމަށެވެ.
މިދިޔަ ރިޔާސީ ދައުރުގައި އދ. ގެ އެންމެ އިސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް އޭރުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ނިއުޔޯކަށް ވަޑައިގެންނެވީ ދެ ފަހަރުއެވެ. އެއީ 2019 އާއި 2021 ގައެވެ.
ރައީސް އޮފީހުން ބުނީ އޭގެތެރެއިން ފުރަތަމަ ދަތުރުފުޅަށް 4,171,832.42 ރުފިޔާ އަދި ދެވަނަ ދަތުރުފުޅަށް 5,349,505.88 ރުފިޔާ ސަރުކާރުން ހޭދަކޮށްފައިވާ ކަމަށާއި، ވީމާ މިފަހަރުގެ ދަތުރުފުޅަށް ސަރުކާރުން ކުރި ޚަރަދު ވަނީ ކުރީ ދެފަހަރާ އަޅާބަލާއިރު ވަރަށް ބޮޑަށް ކުޑަކުރެވިފައިވާ ކަމަށެވެ.
އދ. ގެ އާންމު މަޖިލީހުގެ 79 ވަނަ ސެޝަންގައި ބައިވެރިވެވަޑައިގަތުމަށްޓަކައި، ރައީސް ޑރ. މުޢިއްޒު އެމެރިކާގެ ނިއުޔޯކަށް ވަޑައިގެނެންނެވީ މިދިޔަ ސެޕްޓެމްބަރު މަހުގެ 20 ވަނަ ދުވަހުއެވެ. ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރާއްޖެއަށް ވަޑައިގެންނެވީ އެ މަހުގެ 29 ގައެވެ.