އެތައް ދިމާލަކުން ހަމާލާ ދެމުން ގެންދާނަމަ އިސްރާއީލު ސިފައިންގެ ފައިތައް ވަޅުޖެހިދާނެ

Loading

Facebook
Twitter
WhatsApp

އިސްރާއީލުގެ އެންމެ މުގައްދަސް ދުވަސްތައް ކަމުގައި ބެލެވޭ ރޯޝް ހަޝާނާ ކުރިމަތި ވެފައިވާ މި ދަނޑިވަޅުގައި ލެބަނަންއަށް ހަމަލާދެމުން ގެންދާއިރު މަދުވެގެން 2 ދިމާއަކުން އިސްރާއީލުގެ ލަޝްކަރަށް ބޮޑެތި ގެއްލުންތަކެއް ލިބެމުންދާކަން ސިއްރެއް ނުކުރެވުނެވެ. ގިނަ އަދަދެއްގެ ސިފައިން މަރުވެ އަދި އެތައްބަޔަކަށް ބޮޑެތި ޒަޚަމްތަކެއް ވަނީ ލިބިފައެވެ. މިއީ އިސްރާއީލުގެ ހަމަލާތަކުގައި އެއްވެސް ރަހުމެއްނެތި ލެބަނަންގެ އެތައް މައުސޫމް ރައްޔިތުން މަރަމުން ގެންދާއިރު އެ ގައުމުގެ ރައްޔިތުންގެ ހިތުގައިވެސް ވޭންތަކެއް އަޅަމުން ގެންދާނެކަން އިސްރާއީލުގެ ސިފައިންނަށް ގުދުރަތުގެ އަންގާދިނުމެކެވެ.

 އިސްރާއީލުގެ ސިފައިންގެ އަނިޔާވެރި ކަމާއި ލެބަނަންގެ ރައްޔިތުން ކުރިމަތިލާން ޖެހިފައިވާއިރު ހިޒްބު ﷲ ގެ ލީޑަރ ސައްޔިދު ހަސަން ނަސްރު ﷲ ވެސް ވަނީ އިސްރާއީލުނގެ ހަމަލާގައި ޝަހީދުކޮށްލާފައެވެ. 

މެދުއިރުމަތީގައި ފުޅާވެގެން ހިނގައިދާނެ ހަނގުރާމައެއް ފެށިއްޖެނަމަ ލެބަނަނުންނާއި ސީރިޔާއިންނާއި އިރާގާއި އަދި ޔަމަނުގެ ހަމަލާތަކަށްވެސް އިސްރާއީލަށް ހުޅުވިގެންދާނެއެވެ. އިސްރާއީލުގައި ކިތަންމެ ތަޖްރިބާކާރު ލަޝްކަރު ތަކަކާއި އެންމެ މިޒަމާނުގެ ވަސީލަތްތަކެއް ލިބިފައި ހުރިކަމުގައި ވިޔަސް އީރާނުގެ އިތުރުން އެ ހުރިހާ ދިމާއަކުން އަންނާނެ ހަމަލާތަކުން ދިފާއުވެ ގަތުމަކީ މިލިޓްރީ ވިސްނުމަކުން ބަލާއިރު ކުރެވޭނެ ކަމެއް ނޫނެވެ. އޭގެ ވަރަށް ސާފު ހެއްކެއް ކަމުގައި މިދިޔަ ހަފުތާގައި އީރާނުން އިސްރާއީލަށް ދިން ހަމަލާ ފުދެއެވެ. އިސްރާއީލުގެ ލީޑަރޝިޕުން އެންމެ ފުރަތަމަ އެއީ “ ފެން ބަޑިއެކޭ “ ބުންޏަސް އިސްރާއީލުގެ އެއަރ ޑިފެންސް ފޫއަޅުވާލާފައި އީރާނުން ބޭނުންވާތަނަކަށް ( އެ ހަމަލާއަށް އިޝާރާތްކޮށް ވާހަކަ ދައްކާނަމަ ) އިސްރާއީލުގެ މިލިޓްރީ އެތައް އަމާޒަކަށް ކާމިޔާބު ކަމާއެކު ވަދެގަތުމަކީ “ ފެން ބަޑިއަކުން “ ކުރެވިދާނެ ކަމެއް ނޫނެވެ. އަދި އިސްރާއީލަށް ގެއްލުން ނުލިބޭނަމަ އެ ހަމަލާގެ ބަދަލު ހިފަން އިސްރާއީލުން ފޫގަޅައިގެން މަސައްކަތެއްވެސް ނުކުރާނެއެވެ. ފާއިތުވެގެން މިދާ އެއް އަހަރު ދުވަހު ލޮލުގެ ކުރިމަތިން ހާމަވަމުންދާ މަންޒަރު ތަކުން އިސްރާއީލުގެ މޮޅު މިލިޓްރީ އިންޓެލިޖެންސްގައި ގިނަ ދިމާތަކަކުން ނުފޯރާ ފޮށައިން ފޫގަޅަން އުޅޭކަން އެއްވެސް ޝައްކެއް ނެތް މިންވަރަށް ހާމަވެގެން ހިނގައްޖެއެވެ.

އިސްރާއީލުގެ ސަލާމަތާ ބެހޭ ކަންތައްތައް ދިރާސާ ކުރުމުގައި ގިނަ ދުވަސްތަކެއް ހޭދަކުރަމުން ގެންދާ މައިކަލް މިލްޝްޓެއިން ދަ ގާރޑިއަންއަށް ކިޔާދީފައިވާ ގޮތުގައި ގައްޒާއާއި ލެބަނަންގެ ހަނގުރާމައިގާ މިލިޓްރީ ގޮތުން ބައެއްކަހަލަ ކާމިޔާބީތައް އިސްރާއީލުން ހޯދައިފިއެވެ. އެހެންނަމަވެސް ދުރު ރާސްތާއަށް ޕްލޭން ކުރެވިގެން އެއްވެސް އަމާޒަކަށް ވާސިލުވެވިފައިވާ ކަމަށް ބެލެވޭކަށް ނެތެވެ. އިސްރާއީލުން މިހާތަނަށް ހިންގާފައިވާ މިލިޓްރީ ހަރަކާތްތައް އެންމެ ރަނގަޅަށް ސިފަކުރެވޭނީ ގައުމެއްގެ ސިފައިންނާ ކުރިމަތި ލުމެކޭ ނުބުނެ ހަނގުރާމަވެރި ބައެއް ޖަމާއަތްތަކާ ދެކޮޅަށް ހިންގަމުންގެންދާ ހަރަކާތެއްގެ ގޮތުގައި ބަޔާންކުރެވިދާނެއެވެ. ހަނގުރާމައެއްގެ ގޮތުގައި ސިފަ ނުކުރެވޭނެއެވެ. މީގެ ވަރަށް ސާފު ހެއްކަކީ “ ހަމާސް އަކީ މިލިޓްރީ ބާރެއް ނޫން ކަމަށާއި އެއީ ހަމައެކަނި ގެރިއްލާ ހަނގުރާމެވެރި ޖަމާއަތެއް ކަމަށާއި ގައްޒާވެސް މިހާރު އެއޮތީ ވީރާނާ ކޮށްލާފައޭ “ އިސްރާއީލުގެ ލީޑަރޝިޕުން އިއުލާން ކުރަމުން ގެންދިއުމެވެ.  ހަމާސް އަކީ މިލިޓްރީ ބާރެއް ކަމަށް ގަބޫލުކުރަނީ ކޮން ގައުމަކުން ހެއްޔެވެ ؟  ހަގީގަތުގައިވެސް ހަމާސްއަކީ މިލިޓްރީ ބާރެއް ނޫނެވެ. އިސްރާއީލުގެ މި ބަޔާންކުރުމަކީވެސް ވަރަށް ދެކޮޅު ނުޖެހޭ ވާހަކައެކެވެ. އަދި މިހާރުވެސް އިސްރާއީލު ސިފައިންގެ އެންމެ ބޮޑު ބިރަކީ މިހާރު ކޮންމެވެސް ވަރަކަށް އެކި ދިމަދިމާލަށް ބެހިގެން ގޮސްފައިވާ ހަމާސްގެ މުޖާހިދުން އަނެއްކާވެސް އެއްތަން ވުމެވެ. މިއިން ޔަގީން ކުރެވެނީ ހަމާސް ބަލި ނުކުރެވޭ ކަމެވެ. އާންމު ރައްޔިތުންނާއި އަންހެނުންނާއި ކުޑަކުދިން ހިމެނޭގޮތުގައި ސާޅީސް ހާހަށްވުރެން ގިނަ ފަލަސްތީނުގެ ރައްޔިތުން ޝަހީދު ކޮށްލައިފިއެވެ. މިއީ އިސްރާއީލަށް ލިބުނު ކާމިޔާބީއެއްކަމަށް ގަބޫލުކުރާ އެއްވެސް ގައުމެއް ދުނިޔޭގައި ނެތެވެ.

ހިޒްބު ﷲ ގެ ވާހަކައަކީވެސް ހަމަ މިކަހަލަ ވާހަކައެކެވެ. އެމެރިކާއާއި ހުޅަނގުގެ ގައުމުތަކުން ފޯރުކޮށްދީފައިވުރި އެންމެ މިޒަމާނުގެ ހަތިޔާރާއި ވަސީލަތްތް ތައް ބޭނުންކޮށްގެން އެ ޖަމާއަތުގެ އިސް ބޭފުޅުންތަކެއް ޝަހީދު ކޮށްލައިފިއެވެ. އެކަމަކުވެސް ހިޒްބު ﷲ އޭގެ ޒާތުގައި އެބަ ދެމި އޮތޭ ނޫނީ ނުބުނެވޭނެއެވެ.

މި ހުރިހާ ކުރިމަތިލުންތަކަކާއެކުވެސް އިސްރާއީލުން އީރާނާ ދެކޮޅަށް ކުރިމަތި ލުމަކަށް ދާނެ ސާފު ތަސައްވުރެން އެބަ އޮތް ހެއްޔެވެ ؟  މިއީ ޖަވާބު ހޯދުން ފަސޭހަ ސުވާލެއް ނޫންކަން އެނގެއެވެ.

ވަރަށްގިނަ މިލިޓްރީ ތަޖްރިބާކާރުންގެ ނަޒަރުގައި ދުރުގައިތިބެގެން އީރާނާ ދެކޮޅަށް ހަނގުރާމަ ކުރުމަކީ އިސްރާއީލުން އެތައްފަހަރަކު ވިސްނަން ޖެހޭނެ ކަމެކެވެ. އެޓްލާންޓިކް ކައުންސިލްގެ މެދުއިރުމަތީގެ ޕްރޮގްރާމުގެ ސީނިއަރ ފެލޯ ކާރމިއަލް އާރބިޓް  ބުލޫމްބާރގުގައި ވާހަކަ ދައކަމުން ބުނެފައިވަނީ “ މި ވާހަކަ ދެއްކެނީ މުޅިން ގޮތްނޭގޭ ކަންތައްތަކެއްގެ މައްޗަށެވެ. މިކަން ދެނެގަނެވޭނީ އެތައް ޒަމާނަކުންނެވެ. “  މިހާރުން މިހާރަށް ހަމައެކަނި ބުނެވޭނީ “ ކަލޭ ޖަހައިފިއްޔާ މަވެސް ޖަހާނަމޭ ”. މިކަހަލަ އެއްޗެކެވެ. އޭގެ ސަބަބުން އެއްވެސް ކަމަކަށް ރަނގަޅު ހައްލެއް ނުލިބޭނެއެވެ. އެހެންނަމަވެސް އެހެން ކިޔާލަ ކިޔާލަ ތިބެން ބައިނަލް އަގްވާމީ ދުނިޔެ އަޅާނުލައި ދޫކޮށްލައިފިނަމަ ތިންވަނަ ބޮޑުހަނގުރާމައެއް ފެށުމަކީ އެންމެ ކައިރިން ފެންނަން އޮތް ނުރައްކަލެވެ.

ކާރނެގީ އެންޑަވްމެންޓް ފޯރ ޕީސް ގެ ފަރާތުން ވާހަކަ ދެއްކި ނިކޯލް ރާޖެވްސްކީ ގެ ނަރަޒުގައި މެދުއިރުމަތީގެ ހާލަތު އިތުރަށް ގޯސްވަމުންދާނަމަ އީރާނުން ކޮންމެފަދަ ނުރައްކާތެރި ފިޔަވަޅެއްވެސް އަޅާފާނެކަން ދަންނަން ޖެހޭނެއެވެ.

އިސްރާއީލުގެ ހާރެޒް ނޫހުގެ މިލިޓްރީ މުހައްލިލު ލިއެފައިވާގޮތުގައި އީރާނާއި އިސްރާއީލުގެ ދެކޮޅުވެރިކަން މިއިން ޒަމާނަކު ނިމިދާނެ ކަމަށް ބަލައިގެންނުވާނެއެވެ. އީރާނުން ނުރައްކާތެރި ހަތިޔާރު އިތުރަށް އުފައްދަމުން ގެންދާނެއެވެ. އަދި އިސްރާއީލުންވެސް އެތަން ބަލަން ހަމަހިމޭނަކުން ނޯންނާނެއެވެ. 

އެމެރިކާގެ އާރމީ ވޯރ ކޮލެޖުގެ ފަރާތުން ވާހަކަ ދެއްކި ޑިރެކްޓަރ އެންތަނީ ފާފް ދެކޭގޮތުގައި އިސްރާއީލުން މިހާރު އެތިބީ މެދުއިރުމަތީގައި ފުޅާވަމުންދާ ނުރައްކާތެރި ދެކޮޅުވެރިކަމުގެ ތެރެއިން ދެން ނުނިކުމެވޭ ވަރަށް ގެނބިފައެވެ. އަދި އެ ގޮތުގައި ކުރިއަށްދާން ކަނޑައަޅައިފިނަމަ އެ ގައުމުގެ މިލިޓްރީއަށް ލިބިފައިވާ ވަސީލަތްތަކުގެ ހުދޫދުން ބޭރުވެގެން ދިއުން ވަރަށް ކައިރިއެވެ. އިސްރާއީލުން އަޅާ ނުލާ ތިބުން އިޚްތިޔާރު ކޮށްފިނަމަ އީރާނުގެ އެކްސިސް އޮފް ރެޒިންޓޭންސް ކުރު މުއްދަތެއްގެ ތެރޭގައި އަތް ނުފޯރާ ހިސާބަށް ކުރިއަށް ދެމިގަންނާނެއެވެ. ހަގީގަތުގައި އިސްރާއީލުގެ ކުރިމަތީގައި އޮތީ އެންމެ އިޚްތިޔާރެކެވެ. 

މެދުއިރުމަތީގެ މަސްރަހް ދިރާސީ ނަޒަރަކުން ވިސްނާނަމަ އިސްރާއީލަށް ރައްކާތެރިކަމާއެކު ދެމި އޮތުމަށް އޮތް ހަމައެކަނި ފުރުސަތަކީ ފަލަސްތީނުގެ މިނިވަން ދައުލަތެއް އުފެއްދުމާއެކު އަވަށްޓެރި އަރަބި ގައުމުތަކާއެކުވެސް ރަނގަޅު ސިޔާސީ އަދި އިގްތިސާދީ ގުޅުމެއް އުފެއްދުމެވެ. ދެކޮޅުވެރިކަމުގައި ދެމިއޮތުން އިޚްތިޔާރު ކުރުމަކީ އިސްރާއީލު ދުނިޔޭގެ ޗާޓުން ފޮހެވިގެން ހިނަގއިދާނެކަމުގެ ބިރު އޮތް ކަމެކެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް