ރާއްޖެ އެތެރެކުރި 3.48 ކިލޯގެ މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމްސްއިން އަތުލައިގެންފިއެވެ.
ކަސްޓަމްސްއިން މިއަދު ބުނީ މި މަހުގެ 5 ވަނަ ދުވަހު ވައިގެ މަގުން ބްރެޒިލްއިން ރާއްޖެ އައި ބްރެޒިލްގެ 33 އަހަރުގެ އަންހެނެއްގެ ލަގެޖު ބަލައި ފާސްކުރިއިރު، މަސްތުވާތަކެތިކަމަށް ޝައްކު ކުރެވޭ 2440 ގްރާމްގެ ތަކެތި ފެނިފައިވާ ކަމަށެވެ.
އެ ތަކެތި ތަހުލީލު ކުރިއިރު މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކޮކެއިންއަށް ޕޮޒިޓިވްވެފައިވާ ކަމަށާއި، އެ ތަކެތީގެ މަގުމަތީ އަގު 6,100,000 ރުފިޔާއަށް އަރާކަމަށް ކަސްޓަމްސްއިން ބުންޏެވެ.
މީގެއިތުރުން މި މަހުގެ 7 ވަނަ ދުވަހު ޕޯސްޓު މެދުވެރިކޮށް ގެނައި ޕޭކޭޖެއް ބަލައި ފާސްކުރި ކުރުމުގައި މަސްތުވާތަކެތިކަމަށް ޝައްކު ކުރެވޭ 1040 ގްރާމްގެ ތަކެތި ފެނިފައިވާ ކަމަށް ކަސްޓަމްސްއިން ބުންޏެވެ.
ކަސްޓަމްސްއިން ބުނީ އެ ތަކެތީގެ މަގުމަތީ އަގު 1,040,000 ރުފިޔާއަށް އަރާކަމަށެވެ.
ކަސްޓަމްސްއިން ބުނީ ބްރެޒިލްގެ އަންހެން މީހާއާއި، ޕޯސްޓް މެދުވެެރިކޮށް ގެނައި ޕެކޭޖް ބަލައި ދިޔަ 40 އަހަރުގެ ދިވެހި ފިރިހެނަކާއި، މި ދެ މައްްސަލާގައި އަތުލައިގަތް މަސްތުވާތަކެތި ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށެވެ.