2030 ވަނަ އަހަރާ ހަމައަށް ރާއްޖޭގެ ޖީޑީޕީގެ 15 އިންސައްތަ ހިއްސާ ކުރާނީ ޑިޖިޓަލް ދާއިރާއިން: ރައީސް

Loading

Facebook
Twitter
WhatsApp


2030 ވަނަ އަހަރާ ހަމައަށް ރާއްޖޭގެ ޖީޑީޕީގެ 15 އިންސައްތައަށް ޑިޖިޓަލް އިޤްތިޞާދު ފުޅާކުރެވޭނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.


ބެންގަލޫރުގައި ބޭއްވި ބިޒްނަސް ފޯރަމެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، އިންޑިއާއަކީ އައު ޓެކްނޮލޮޖީ އަދި ޑިޖިޓަލް ދާއިރާއިން ބޮޑެތި ކުރިއެރުންތަކެއް ހޯދަމުންދާ އަދި ސަރަޙައްދުގެ ޓެކްނޮލޮޖީގެ ލީޑަރު ޤައުމު ކަމަށެވެ. އެންމެ ފަހުގެ ޓެކްނޮލޮޖީ ރާއްޖެއަށް ގެނެސް ޑިޖިޓަލް ޚިދުމަތްތައް ފުޅާކުރުމުގެ ފުރުޞަތު އިންޑިއާގެ އިންވެސްޓަރުންނަށް ދައުލަތުން ދެމުންދާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
”ރާއްޖޭގައި ޑިޖިޓަލް ދާއިރާގެ ފުރުޞަތުތަކާއި އާޓިފިޝަލް އިންޓެލިޖެންސްގެ ދާއިރާ ފުޅާކުރުމަށް އިންޑިއާގެ އިންވެސްޓަރުންނަށް ދަޢުވަތު އަރުވަން. ރާއްޖޭގައި އިންވެސްޓްކުރާ ފަރާތްތަކަށް ރާއްޖޭގެ ސްޓްރެޓީޖިކް ލޮކޭޝަނާއި ޒުވާން މަސައްކަތްތެރިންގެ އާބާދީގެ ފައިދާ ލިބިގެންދާނެ،“ އެމަނިކުފާނު ވިދާޅުވިއެވެ.
އިންޑިއާއާ ޖެހިގެން ރާއްޖެ އޮތުމުން އެޤައުމުގެ އިންވެސްޓަރުންނަށް ރާއްޖެއަށް އިންވެސްޓްމަންޓް ގެނައުން ފަސޭހަވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. ދެ ޤައުމުގެ ދުރު ޒަމާންވީ ގުޅުމާއި، އެއްގޮތް ޘަޤާފަތާއި އާދަކާދައިގެ ސަބަބުން ވެސް އިންވެސްޓަރުންނަށް އައިސް ޚިދުމަތްތައް ފުޅާކުރުން ފަސޭހަވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އިންޑިއާގައި ލިބެންހުރި ޑިޖިޓަލް ޚިދުމަތްތައް ބޭނުންކޮށްގެން ރާއްޖޭގެ ޑިޖިޓަލް ދާއިރާ ފުޅާކުރެވޭނެ ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ. ރާއްޖޭގައި ރުޕީ ކާޑު ތަޢާރަފުކުރުމަކީ އޭގެ ފެށުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ތަޢުލީމީ ދާއިރާއާއި، އިންފޮމޭޝަން ޓެކްނޮލޮޖީ އަދި ޞިއްޙީ ދާއިރާގައި ގިނަ ފުރުޞަތުތަކެއް ހުރި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ޚާއްޞަކޮށް ޒަމާނީ ޚިދުމަތްތައް ފޯރުކޮށްދޭ ޞިއްޙީ ދާއިރާގައި އިންވެސްޓްކުރުމަށް އިންވެސްޓަރުންނަށް ގޮވާލެއްވިއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް