ފަހަކަށް އައިސް އިސްރާއީލުން ލެބަނަންގެ ހިޒްބުﷲ އާއި ދެކޮޅަށް ދެމުން ގެންދާ ހަމަލާތަކުގައި އެ ޖަމާއަތުގެ އެތައް ސަތޭކަ މީހުން ވަނީ ޝަހީދުކޮށްލާފައެވެ. އަދި ބައި މިލިއަނެއްހާ މީހުން ގެދޮރުންނެރެ ވިއްސިވިހާލިކޮށްލާފައެވެ. އީރާނުގެ ރައީސް މަސްއޫދު ޕެޒެންކިއާން ވިދާޅުވެފައިވަނީ އިސްރާއީލުން ދެމުންގެންދާ މި ހަމަލާތަކުގެ މައިގަނޑު ބޭނުމަކީ ކޮންމެވެސް ބަހަނާއެއްގައި އެމެރިކާއާއި އީރާނުގެ ކުރިމަތިލުމަކަށް މަގުފަހިކުރުމެވެ. އަދި އީރާނާ ދެކޮޅަށް އިސްރާއީލުން ހަނގުރާމައެއް ކުރަން ނުކެރޭނެ ކަމަށާއި އެހެންމެވެގެން އޭގެތެރެއަށް އެމެރިކާއިން ވައްދަން ނަތަންޔާހޫ ރާވަމުންގެންދާ ކުޅިގަނޑެއް ކަމަށެވެ.
އިސްރާއީލުގެ މި ރޭވުން ކާމިޔާބުވުމާއި ނުވުން ބިނާވެފައި އޮތީ އެކްސިސް އޮފް ރެޒިސްޓެންސް އިން ހަރަކާތްތެރިވާ ގޮތެއްގެ މައްޗަށެވެ. އިސްރާއީލުން ގައްޒާގައި އަދި މިހާރު ލެބަނަންގައި ހަގީގަތުގައި ކުރަމުން ގެންދަނީ އެމެރިކާގެ ހަނގުރާމައެއް ނަމަވެސް އެ ހަނގުރާމަ ވަކި މިންގަނޑެއްގެ ތެރޭގައި ހިފެހެއްޓުމަށް އެކްސިސް އޮފް ރެޒިސްޓެންސްއިން ދެމުންގެންދަނީ ކާމިޔާބު ރައްދު ދިނުމެއް ކަމުގައި އެއްބަސްވާން ޖެހެއެވެ.
އެކްސިސް އޮފް ރެޒިސްޓޭންސް އުފެދުނީ ކިހިނެއް؟
އެންމެ ފުރަތަމަ އެ ޖަމާއަތް އުފެއްދުމުގެ ވިސްނުން އައި ކަމަށް ވަނީ 2011 ވަނައަހަރު ސީރިޔާ ހަނގުރާމައިގެ ތެރޭގައެވެ. އީރާނަކީ އަބަދުވެސް ސީރިޔާއާއި އެކު ވަރަށް ގާތް ގުޅުމެއް ބާއްވަމުންގެންދާ ގައުމެކެވެ. 1980 ގެ އަހަރުތަކުގެ ތެރޭގައި ހިޒްބުﷲ އުފެއްދުމަށް ސީރިޔާއިން ވަރަށްބޮޑަށް އެހީތެރިވެދިން ކަމަށް ބުނެއެވެ. އޭގެ ބަދަލުގައި އެ ޖަމާއަތުން ސީރިޔާގެ ރައީސް ބައްޝާރުލް އަސަދުއަށް ބައިއަތު ހިފީއެވެ. ސީރިޔާގެ ހަނގުރާމަ ދިގުލައިގެން ދިއުމާއެކު އީރާނުގެ އިންގިލާބީ ލަޝްކަރުން ހިޒްބު އާއެކު އެ ހަނގުރާމައިގާ ބައިވެރިވީއެވެ.
އެކްސިސް އޮފް ރެޒިސްޓޭންސްގެ ނަން ދެވިފައިވަނީ އެމެރިކާގެ އޭރުގެ ރައީސް ޖޯރޖް ޑަބްލިޔޫ ބުޝް 2002 ވަނަ އަހަރު އީރާނާއި އުތުރު ކޮރެޔާއާއި އަދި އިރާގަކީ “ އެކްސިސް އޮފް އީވިލް “ ކަމަށް ވިދާޅުވެ ވާހަކަ ދައްކަވާފައިވާތީއެވެ.
އެ ދުވަސްވަރު އިރާގުގެ ބައެއް އިސްލާމިކް ޖިހާދު ޖަމާއަތްތަކުން އަމިއްލައަކަށް އެ ޖަމާއަތްތަކަށް އިސްލާމިކް ރެޒިސްޓޭންސް ގެ ނަން ވަނީ ދީފައެވެ. މެދުއިރުމަތީގެ ބައެއް ގައުމުތަކަށް މެދުވެރިވެފައިވާ ޚުދުމުޚްތާރު ވެރިކަމާއި އަދި ޚާއްސަކޮށް އިސްރާއީލުން ފަލަސްތީނުގެ ބިންތަކަށް ވެރިވެގަނެގެން ތިބެ ފަލަސްތީނުގެ ރައްޔިތުން އަޅުވެތިކުރަމުން ގެންދާތީ އެ ހުރިހާ ޖަމާއަތްތަކެއް ގުޅިގެން އިސްރާއީލާއި އަދި އަރަބިންގެ ތެރޭގައި އޮތް ޚުދުމުޚްތާރު ވެރިކަމާ ދެކޮޅަށް ޖިހާދުކުރުމުގެ ރަމްޒެއްގެ ގޮތުގައި އެކްސިސް އޮފް ރެޒިސްޓޭންސް ބޭނުންކުރަން ފެށުނީއެވެ.
އެކްސިސް އޮފް ރެޒިސްޓޭންސްގައި ހިމެނެނީ ކޮން ޖަމާއަތްތަކެއް؟
އެކްސިސް އޮފް ރެޒިސްޓޭންސްގެ މައި ތަނބަކީ އިސްލާމިކް ރިޕަބްލިކް އޮފް އީރާނެވެ. އެ ޖަމާއަތުގެ އެހެން ބައިވެރިންނަކީ ސީރިޔާ ސަރުކާރާއި ސީރިޔާގެ ހަނގުރާމަވެރި ޖަމާއަތްތަކާއި އިރާގުގެ ޖިހާދީ ޖަމާއަތްތަކާއި ފަލަސްތީނުގެ އިސްލާމިކް ޖިހާދާއި އަދި ލެބަނަންގެ ހިޒްބުﷲ އެވެ. ޔަމަނުގެ ހޫތީ މުޖާހިދުން އެ ޖަމާއަތާ ގުޅިފައިވަނީ ޔަމަނުގެ ހަނގުރާމައިގާ ސައޫދީ ސިފައިންނާ ދެކޮޅަށް ހަނގުރާމަކުރަން ޖެހުމުން އީރާނުން ލިބެމުންދިޔަ ތާއީދާއި ފޯރުކޮށްދިން އެހީތަކާއެކު 2015 ވަނަ އަހަރުގައެވެ. ހަމާސްއިން އެ ޖަމާއަތުގެ ބައިވެރިއަކަށްވީ ސީރިޔާ ސަރުކާރާއި ހަމާސްއާއި ދޭތެރޭ ކުރިއްސުރެން އުފެދިފައިއޮތް ދެކޮޅުވެރިކަން އީރާނުގެ ބައިވެރިވުމާއެކު ނައްތާލުމަށް ފަހުގައެވެ.
އެކްސިސް އޮފް ރެޒިސްޓޭންސަކީ މިލިޓްރީގޮތުން ކިހާ ބާރުގަދަ ބައެއްތަ؟
މިދިޔަ ހަފުތާގައި ބަދަލުކުރެވުނު ހަމަލާތަކުގެ ކުރިން ހިޒްބުﷲ ބަލައިގަނެވިފައިވަނީ މިލިޓްރީ ގޮތުން މި ވަގުތު ދުނިޔޭގައި އޮތް އެންމެ ބާރުގަދަ ޕަރަ-މިލިޓްރީ ޖަމާއަތުގެ ގޮތުގައެވެ. ހިޒްބުﷲ އިން ހާމަކޮށްފައިވާގޮތުގައި އެއްލައްކަ ސިފައިންގެ ލަޝްކަރެއް އެ ޖަމާއަތުގެ ދަށުގައި ހަރަކާތްތެރިވަމުން ގެންދާނެއެވެ. އެހެންނަމަވެސް ސީއައިއޭ އިން އަންދާޒާލޮށްފައިވަނީ ހިޒްބުﷲ ގެ މިލިޓްރީ ބާރަކީ ބައިލައްކަ ސިފައިން ކަމަށެވެ.
ހިޒްބު ގެ ބާރުގެ ދަށުގައި ދެލައްކައާއި ގާތްކުރާ އަދަދަކަށް ގައިޑެޑް އަދި އަންގައިޑެޑް ރޮކެޓް ހުރިކަމަށާއި ގިނަ އަދަދެއް ޓޭންކާއި އޭޕީސީ ( ޢާރމާރޑް ޕަރސަނަލް ކެރިއަރ ) ހިމެނެއެވެ.
ފަހަކަށްއައިސް ކަމިކާޒޭ ފަދަ ދުރު ރާސްތާގެ މިސައިލްތައްވެސް އެ ޖަމާއަތުގެ ބާރުގެ ދަށުގައި ހުރިކަން ވަނީ އެނގިފައެވެ.
މިދިޔަ ބުދަ ދުވަހު ހިޒްބުﷲ އިން އިސްރާއީލުގެ ތެލް އަވީވަށް ހަމަލާ ދިނުމުގައި ފުރަތަމަ ފަހަރު ބެލިސްޓިކް މިސައިލްވަނީ ބޭނުންކޮށްފައެވެ. ހިޒްބުﷲ އިން ބުނެފައިވަނީ އެ ހަމަލާގެ އަމާޒަކީ އިސްރާއިލުގެ މޮސާޑްގެ މައި މަރުކަޒު ކަމަށެވެ.
ހިޒްބުﷲ އަށް އީރާނުންވެސް ހަތިޔާރު ފޯރުކޮށްދޭ ކަމަށްވެއެވެ. އެހެންނަމަވެސް އެ ޖަމާއަތުން ވަނީ އަމިއްލައަށް ހަތިޔާރު އުފެއްދުމުގެ ގާބިލުކަން ވަނީ ހޯދާފައެވެ.
ހިޒްބުﷲ ގެ ގިނަ ހަތިޔާރު ތަކެއް ނައްތާލާފައިވާނެ ކަމަށް އިސްރާއީލުން ވަރަށް ފަހުން ބުނެފައިވެއެވެ.
އެމެރިކާގައި ހަރަކާތްތެރިވަމުންގެންދާ ހޫތީ މުޖާހިދުންގެ މައުލޫމާތު ރަނގަޅަށް އެނގޭ މުހައްލިލު މުހަންމަދު ބާޝާ ބުނެފައިވާ ގޮތުގައި ޔަމަނުގެ ހޫތީ މުޖާހިދުންގެ އަތުގައި ޔަމަނު ސަރުކާރު ސިފައިންގެ އަތުން އަތުލާފައިވާ ވަރަށް ގިނަ ހަތިޔާރުތަކެއް ހުންނާނެއެވެ. 2014 ގައި ޔަމަނުގެ ވެރިރަށް ސަންޢާ ހޫތީ މުޖާހިދުންގެ ބާރުގެ ދަށަށް ދިޔައިރު އެތައް ހާސް މިސައިލަކާއި ރޮކެޓެއް ހުންނާނެއެވެ. އޭގެ ތެރޭގައި ސޮވިއެޓް ޔޫނިއަން ޒަމާނުގެ ހަތިޔާރުވެސް ހިމެނޭނެއެވެ. އަދި މިހާރަކަށް އައިސް އޭގެތެރެއިން ބައެއް ހަތިޔާރު ޒަމާނާ ގުޅޭގޮތަށް އީރާނުން ތަރައްގީ ކޮށްދެމުންވެސް ގެންދެއެވެ. ހޫތީ މުޖާހިދުންގެ މައިގަނޑު އަމާޒަކަށް ވެފައި އޮތީ އިސްރާއީލުގެ އިގްތިސާދު ހީނަރު ކޮށްލުމެވެ. ރެޑްސީގެ ތެރެއިން އިސްރާއީލަށް ދަތުރުކުރާ ބޯޓުފަހަރަށް ހަމަލާ ދެމުންގެންދިއުމެވެ. ފުރުސަތު ލިބޭ ވަރަކުން ސީދާ އިސްރާއީލަށްވެސް ހޫތީ މުޖާހިދުން ގެންދަނީ ހަމަލާ ދެމުންނެވެ.
އެންމެފަހުގެ މައުލޫމާތުތަކުން އެނގޭ ގޮތުގައި ޑްރޯންގެ ފައިބަރ ގްލާސް ބޮޑީ ގަނޑު މިހާރު ތައްޔާރުކުރަނީ ހޫތީ މުޖާހިދުން އަމިއްލައަށް ޔަމަނުގައެވެ. ޑްރޯންގެ އިންޖީނާއި ޖީ ޕީ އެސް އާއި އެހެނިހެން ބައިތައް ޖަރުމަނާއި ޗައިނާ އަދި އެނޫންވެސް އެހެން ގައުމުތަކުން ވަގަށް އެތެރެ ކުރަނީއެވެ.
އިރާގާއި ސީރިޔާގައި ހަރަކާތްތެރިވަމުންގެންދާ އެކްސިސް އޮފް ރެޒިސްޓޭންސް ޖަމާއަތުގައި 67000 ސިފައިންނާއި ތަފާތު ވައްތަރުގެ ޒަމާނީ ހަތިޔާރު ލިބިފައިހުރިކަން ވަނީ ހާމަވެފައެވެ. އިރާގުގެ މުޖާހިދުންވެސް ވަރަށް ގިނައިން އެމެރިކާގެ އަމާޒުތަކަށާއި އަދި އިސްރާއީލަށްވެސް ހަމަލާ ދެމުންގެންދާކަން މީޑިއާތަކުގައި ފާހަގަކުރަމުންގެންދެއެވެ.
އިސްރާއީލުގެ ހަމަލާތަކުގައި ހަމާސްގެ ގިނަ ބަޔަކު ޝަހީދުވެފައި ވުމާއެކު ހަމާސް މިހާރުވަނީ ބަލިކަށިވެފައިކަމަށް ގަބޫލުކުރެވެއެވެ.
އެކްސިސް އޮފް ރެޒިސްޓޭންސްގެ ބައިވެރިންގެ މެދުގައި ނޭޓޯފަދަ އެއްބަސްވުމެއް އޮވޭ ހެއްޔެވެ؟
އެކްސިސް އޮފް ރެޒިސްޓޭންސް އިއްތިހާދެއްގެ ގޮތުގައި ބަނދެވިގެން ތިބުމުގެ ބާރަކީ އީރާނެވެ. ވޯޝިންގްޓަން އިންސްޓިޓިއުޓުގެ މައިކަލް ނައިޓްސް މައުލޫމާތު ދީފައިވާ ގޮތުގައި އެކްސިސް އޮފް ރެޒިސްޓޭންސް އިއްތިހާދެއްގެ ގޮތުގައި ހަރަކާތްތެރިވަމުން ގެންދިޔަ ނަމަވެސް ކޮންމެ ޖަމާއަތަކުންވެސް އަމިއްލައަށް ކަންތައް ނިންމުމުގެ އިޚްތިޔާރު އޮންނަނީ ލިބިފައެވެ. އެހެންގޮތަކަށް ބުނާނަމަ އެކްސިސް އޮފް ރެޒިސްޓޭންސަކީ އަމިއްލަ މިނިވަންކަމުގައި ހަރަކާތްތެރިވެވޭ ގޮތަށް އިޚްތިޔާރު ލިބިފައިވާ ފިކުރީ އެއްބައިވަންތަކަމުގެ އިއްތިހާދެކެވެ. މަޒްހަބީ ތަފާތުކުރުމަކީ އެ ޖަމާއަތްތަކުގެ ފަލްސަފާއެއް ނޫނެވެ. އެހެންނަމަވެސް ހުޅަނގުގެ މީޑިއާތަކުން ކެނޑިނޭޅި ކޮންމެވެސް ދިމާލަކުން އެ ޖަމާއަތްތަކުގެ މެދުގައި ކުނި ޖައްސަން މަސައްކަތްކުރަމުން ގެންދާކަމީ ދެބަސްނުވެވޭނެ ހަގީގަތެކެވެ.
އިސްރާއީލާ ދެކޮޅަށް އެ ޖަމާއަތްތަކުން އެއްބައިވަންތަކަން ސާބިތުކޮށް ދެމުންގެންދަނީ އީރާނުން ދީފައިވާ މަޝްވަރާއަށްވުރެން ބޮޑަށް އެ ޖަމާއަތްތަކުންވެސް އެގޮތް ބޭނުންވާތީއެވެ.
މިހާރު ހިނގަމުންދާ ގައްޒާ ހަނގުރާމައިގާ އެކްސިސް އޮފް ރެޒިސްޓޭންސް އިން ކުޅެނީ ކޮން ދައުރެއް؟
ގައްޒާ ހަނގުރާމައިގާ ހިޒްބުﷲ އިން އަދާކުރަމުން ގެންދާ ދައުރަކީ މައިގަނޑު ގޮތެއްގައި އުތުރުގެ ބޯޑަރ ސަރަހައްދުގައި އިސްރާއީލުގެ ސިފައިން ތިބުން މަޖްބޫރު ކުރުވައިގެން އިސްރާއީލުގެ ސިފައިންގެ ލަޝްކަރުތައް ބައިބައިކޮށްލުމެވެ. ލެބަނަން އާއި އިސްރާއީލު ގުޅޭ އުތުރުގެ ބޯޑަރ ސަރަހައްދު ދޫކޮށްލާފައި ހިނގައްޖެނަމަ ހިޒްބު ގެ ހަމަލާތަކުން އިސްރާއީލަށް ބޮޑެތި ގެއްލުންތަކެއް ދީފާނެކަން އިސްރާއީލުން ގަބޫލުކުރެއެވެ. ހިޒްބުﷲ އިން އިސްރާއީލުގެ ސިފައިން މިގޮތަށް ބައިބައި ކޮށްލުމުން ގައްޒާ ސަރަހައްދުގައި ހަރަކާތްތެރި ވަމުންގެންދާ ހަމާސްގެ މުޖާހިދުންނަށް ކޮންމެވެސް ވަރެއްގެ ލުޔެއް ލިބޭނެއެވެ.
މެދުއިރުމަތީގެ ނުރައްކާތެރިކަން އިތުރުވަމުންދާއިރު ދެނެގަންނަން ޖެހޭ އެންމެ މުހިންމު ހަގީގަތަކީ އިސްރާއީލުން ކުރަމުންގެންދާ ހަނގުރާމައަކީ އެމެރިކާއާއި ޔޫރަޕުން ހަތިޔާރު ދީގެން ކުރުވާ ހަނގުރާމައެއް ކަމެކެވެ. އެހެންނަމަވެސް ވާހަކަ ދައްކަނީ ސުލްހަ ގާއިމް ކުރުމަށެވެ. ހަމައެފަދައިން އީރާނުންވެސް އެކްސިސް އޮފް ރެޒިސްޓޭންސް ގައި ހިމެނޭ ޖަމާއަތްތަކަށް ހަތިޔާރު ފޯރުކޮށްދެމުންގެންދާއިރު އެންމެ ފުރަތަމަ ދައްކަނީ ސުލްހައިގެ ވާހަކައެވެ.