އަވަސް ކަޅިއަކުން ހިޒްބުﷲގެ ލީޑަރު ސައްޔިދު ހަސަން ނަސްރުﷲ  

Loading

Facebook
Twitter
WhatsApp

ސައްޔިދު ހަސަން ނަސްރު ﷲ ދުނިޔޭގެ އަލިކަން ދެކިވަޑައިގަތީ  އުތުރު ބެއިރޫތުގެ ރަށްބޭރުގެ ފަގީރު އަވަށެއް ކަމުގައިވާ ބުރުޖް ހައްމޫދުގައި 1960 ވަނަ އަހަރު އޯގަސްޓް މަހުގެ 31 ވަނަ ދުވަހުއެވެ. ބައްޕާފުޅަކީ ދެކުނު ބެއިރޫތަށް ނިސްބަތް ވެވަޑައިގަންނަވާ ފަގީރު ތަރުކާރީ ވިއްކާ މީހެކެވެ. އެއްބަޑު އެއްބަފާ އިތުރު 8 ބޭފުޅުން އާއިލާގައި ތިއްބައެވެ.

އިރާގުގެ ޝިޔައީންގެ މުގައްދަސް ސިޓީއެއް ކަމުގައިވާ ނަޖަފްގައި ސިޔާސީ އިލްމާއި ގުރުއާނުގެ އިލްމު ދަސްކުރައްވަން އިރާގުގައި އޮތް ސުންނީންގެ ވެރިކަމުގައި ޝިޔައީ އެކްޓިވިސްޓުން ފައްސާލުމާ ހަމަޔަށް ދެމި ހުންނެވިއެވެ. އެއަށްފަހު ލެބަނަންގެ ޝިޔާއީ އަމަލް މިލިޝިޔާއަށް ގުޅިވަޑައިގަތީއެވެ. 1982 ގައި އިސްރާއީލުން ލެބަނަންއަށް އަރައިގަތުމުން އަމަލް މިލީޝިޔާ ދޫކުރައްވައި ހިޒްބު ﷲ އާއި ގުޅިވަޑައިގަތީއެވެ.

ސައްޔިދު ހަސަން ނަސްރު ﷲ  އަރަބި ދުނިޔޭގައި ވަކި ފިރްގާއަކަށް ނިސްބަތްކުރެވޭ ދީނީ އިލްމުވެރިންގެތެރޭގައި ހިމެނިވަޑައިގަތީ 22 އަހަރު ވަންދެން އިސްރާއީލުން ލެބަނަންގެ ބޯޑަރ ސަރަހައްދުތަކަށް ވެރިވެގަނެގެން ތިބުމާ ދެކޮޅަށް ހިޒްބު ﷲ އިން 2000 ވަނައަހަރު ހަނގުރާމަކޮށް އިސްރާއީލުން އެ ސަރަހައްދު ދޫކޮށްދިއުން މަޖުބޫރު ކުރުމާ ގުޅިގެންނެވެ.

އިސްލާމިކް ރިޕަބްލިކް އޮފް އީރާނުގެ ފުރިހަމަ ރުހުން ލިބިވަޑައިގެން ހުންނެވި އަދި އިސްރާއީލުން އެންމެ ރުޅިއަންނަ ސައްޔިދު ހަސަން ނަސްރު ﷲ އަކީ ލެބަނަންގެ އެންމެ ނުފޫޒު ގަދަ ސިޔާސީ ލީޑަރ ކަމުގައި ބުނުމަކީ ދޮގަކަށް ނުވާނެއެވެ. އެމަނިކުފާނަކީ ޝިޔަޢީ މަޒަހަބުގެ ސަޕޯރޓަރުންގެ ކުރިމަތީގައި ވަރަށްބޮޑު އަޅުވެރިއެކެވެ. އެމަނިކުފާނުގެ ބާރުގެ ދަށުގައި ލެބަނަންގެ ސަރުކާރުގެ ސިފައިންނަށް ލިބިފައި ނުވާ މިލިޓްރީ ބާރުވެރިކަން ވަނީ ގާއިމް ކުރެވިފައެވެ. 

2006 ވަނައަހަރު އިސްރާއީލާ ދެކޮޅަށް ހިންގި ވަރުގަދަ ހަނގުރާމައަށްފަހު ހަސަން ނަސްރު ﷲ އާންމުކޮށް ފެނުން ވަރަށް މަދުކަން ފާހަގަކުރެވެއެވެ. އެމަނިކުފާނު ދިރިއުޅުއްވާތަނެއް ނޭގެއެވެ. އަމުރުތަކާއި އިރުޝާދުތައް ދެއްވަނީ ވީޑިއޯ މެދުވެރިކޮށެވެ. އެހެންނަމަވެސް ވީޑިއޯ ކުރައްވަނީ ކޮންތަނަކުންކަން ހާމައެއް ނުކުރައްވައެވެ. 

އުމުރުފުޅުން 64 އަހަރުގެ ސައްޔިދު ހަސަން ނަސްރު ﷲ އަކީ ވަރަށް ދޫފަސޭހަ ވާހަކަ ދެއްކެވުމުގެ ހުނަރުތަކަށް ވަރަށް ފަރިތަ ބޭފުޅެކެވެ. ވާހަކަފުޅުދައްކަވާއިރު ސަމާސާ މިޒާޖަކުން ދުޝްމިނުނަށް ހަރުކަށި ކަމާއެކު އިންޒާރު ދެއްވުމަކަށް ބަދަލުގެންނެވުމުގެ ހުނަރުގައި ސައްޔި ހަސަން ނަސްރު ﷲ އަކީ ފާހަގަކޮށްލެވޭ ބޭފުޅެކެވެ. ބަސްމޮށުންތެރިންގެ ނަޒަރުގައި އެއީ ވަރަށް މަދު މީހަކަށްނޫނީ ލިބިފައި ނުވާނެ ވަރަށް ޚާއްސަ އުކުޅެއް ކަމަށް މަޝްހޫރު ބަސްމޮށުންތެރިން ބުނެފައިވެއެވެ. އެމަނިކުފާނު އާންމުންގެ ތެރެއަށް ނިކުމެ ވަޑައިގަންނަވާއިރު އަބަދުވެސް ހުންނަވާނީ މާތް ނަބިއްޔާގެ ދަރިފަސްކޮޅަށް ނިސްބަތްކުރެވޭ ހެދުންކޮޅެއްގައެވެ. ހިޒްބު ﷲ ގެ އާންމު ސެކްރެޓަރީގެ މަގާމަށް 1992 ގައި އެމަނިކުފާނު އައްޔަން ކުރެވުނީ އުމުރުފުޅުން 32 އަހަރުގައެވެ. އޭގެ ކުރިން އެ މަގާމުގައި ހުންނެވި އައްބާސް އަލް މުސާވީ އިސްރާއީލުގެ ހަމަލާއެއްގައި ޝަހީދު ކޮށްލުމާ ގުޅިގެންނެވެ. 

ސައްޔިދު ހަސަން ނަސްރު ﷲ ގެ އަނބިކަނބަލަކާއި 4 ބޭފުޅުން ދުނިޔޭގައި އެބަތިއްބެވިއެވެ. އެންމެ ދޮށީ ދަރިފުޅު ހާދީ ވަނީ 1997 ގައި އިސްރާއީލާ ދެކޮޅަށް ހިންގި ހަނގުރާމައިގާ ޝަހީދު ވެފައެވެ.

އަހަރަށް ދެމިގެންދިޔަ  ލެބަނަންގެ ދާޚިލީ ހަނގުރާމަ 1990 ވަނައަހަރު ނިމުމާއެކު ހަތިޔާރު ބަހައްޓަން އިއުތިރާޒްކުރި ހަމައެކަނި ޖަމާއަތަކީ ހިޒްބު ﷲ އެވެ. އޭރުވެސް ހަސަން ނަސްރު ﷲ ވިދާޅުވަމުން ގެންދެވީ އިސްރާއީލަށް އިތުބާރު ނުކުރައްވާނެ ކަމަށާއި އިސްރާއީލަކީ ލެބަނަން އަށް އޮތް ނުރައްކަލެއް ކަމަށެވެ.  ހިޒްބު ﷲ އަކީ ހަމާސް ޖަމާއަތުގެ ވާގިވެރިއެކެވެ.  އިސްރާއީލުން ގައްޒާގައި ހަނގުރާމަކުރަމުން ގެންދާއިރު ކޮންމެ ދުވަހަކު ހިޒްބު ﷲ އިން ގެންދަނީ އިސްރާއީލާ ދެކޮޅަށް ހަމަލާ ދެމުންނެވެ.

ހަސަން ނަސްރު ﷲ ގެ މާލިމީ ކަމުގައި ހިޒްބު ﷲ އަކީ ހަނގުރާމަވެރި ޖަމާއަތަކުން މިހާރުވަނީ ލެބަނަންގެ ސިޔާސަތު އެކަށައެޅުމުގައިވެސް އެއްފަރާތް ނުކުރެވޭނެ ބޮޑު ބާރަކަށް ވެފައެވެ.

ލެބަނަންގެ ޝިޔައީ މުސްލިމުންގެ މެދުގައި ހިޒްބު ﷲ ވަނީ ވަރަށް ބޮޑަށް ބަލައިގެންފައެވެ. އަދި އެ ޖަމާއަތުން ލެބަނަންގެ ރައްޔިތުންގެ ތައުލީމާއި ސިއްހަތާއި އަދި އެހެނިހެން ބޭނުންތަކަށް ފޯރުކޮށްދެމުންގެންދާ ޚިދުމަތާއި އެހީތެރިކަން އެ ގައުމުގެ ރައްޔިތުން ޝުކުރުވެރިކަމާއެކު ބަލާގަނެއެވެ.

ސައްޔިދު ހަސަން ނަސްރު ﷲ އަރަބި ދުނިޔޭގައި ވިދާލާފައިވަނީ ލެބަނަނުން އިސްރާއީލާ ދެކޮޅަށް 2006 ގައި ކުރި ހަނގުރާމަ ޔޫ އެން ގެ ބެލުމުގެ ދަށުން ހުއްޓުވުމަށްފަހުގައެވެ. އެ ހަނގުރާމައަށްފަހު ހަސަން ނަސްރު ﷲ  އަށް ތައުރީފުކޮށް ލިއެފައިވާ ލިއުންތައް އަރަބި ދުނިޔޭގައި ބަހަމުން ގެންގޮސްފައިވެއެވެ. އަދި ހަމައެއާއެކު އެމަނިކުފާނަށް ނަފްރަތުކުރާ ބަޔަކު އުފެދުމަށްވެސް ފުރުސަތު ލިބިގެން ދިޔަކަމަށްވެއެވެ.

ހިޒްބު ﷲ ގެ މެމްބަރުން ގެންގުޅުއްވާ ޕޭޖަރުތައް މި ހަފުތާގެ ތެރޭގައި ކުއްލިއަކަށް ގޮވުމުގެ ސަބަބުން ހަސަން ނަސްރު ﷲ ހުންނަވަނީ ވަރަށް ކަންބޮޑުވެވަޑައިގެންފައެވެ. ޕޭޖަރުތައް ގޮއްވާލި މައްސަލާގައި ފިސާރި ރަނގަޅަށް ފިތިބާރުވެ ނޭވާ ހާސްކޮށްލާނެ ހަމަލާތަކެއް އެކްސިސް އޮފް ރެޒިސްޓޭންސުން އިސްރާއީލަށް ކުރިމަތިކުރުވާނެކަމަށް ހަސަން ނަސްރު ﷲ އަށް އީރާނުގެ އިންގިލާބީ ގާރޑުންގެ ކޮމާންޑަރ ހުސައިން ސަލާމީ ދެންނެވިކަމަށް ދުބާއި އިން ރޮއިޓަރސް ޚަބަރު ދީފައި ވެއެވެ.

                                                

                                           

Loading

One Response

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް