އަޅުގަނޑުމެންގެ ކިއުންތެރިންނަށް މި ގެނެސްދެނީ އެމެރިކާގެ ދަ ހިލްގެ ތަޖުރިބާކާރުން މި ދުވަސްވަރު މެދުއިރުމަތީގެ ނުރައްކާތެރިކަން ދިރާސާ ކުރުމަށްފަހު ހާމަކޮށްފައިވާ ރިޕޯޓެއްގެ ޚުލާސާއެކެވެ.
މެދުއިރުމަތީގެ ހާލަތާ ދޭތެރޭ އަޅުގަނޑުމެން ކަންބޮޑުވެ ހިތާމަކުރަމުންދާއިރު ތަޖުރިބާކާރުންގެ ވިސްނުންތެރި ދިރާސާތަކުން ބުނެދޭ އެއްޗެއް އެނގުމަކީ ބޭނުންތެރިކަމެކެވެ.
އާންމުގޮތެއްގައި މީޑިއާގެ ޚަބަރުތައް ގެނެސްދޭ ކޮންމެ ވަސީލަތަކުންވެސް ޚަބަރުތަކާއި މައުލޫމާތު ގެނެސްދޭނީ އެމީހުން ބޭނުންވާ ކުލައެއް ޖެއްސުމަށްފަހުގައެވެ. މިއީ އެންމެންނަށް އެނގޭ ތެދު ހަގީގަތެކެވެ. އެއާ ޚިލާފަށް ތަޖުރިބާކާރުންގެ ރައުޔު ވަރަށް ގިނަ ފަހަރަށް ބިނާކޮށްފައި އޮންނަނީ ލިބިފައިހުރި މައުލޫމާތުތަކެއް އަޅާކިރައި އޭގައި ހިމެނިފައިވާ ދޮގު ތެދު އޮޅުންފިލުވާ ދިނުމުގެ މައްޗަށް ބިނާކޮށްފައެވެ.
ދަ ހިލްގެ ތަޖުރިބާކާރު މުހައްލިލު ބެހްނާމް ބެން ތެލެބްލޫގެ ނަޒަރުގައި މިހާރު މެދު އިރުމަތީގައި ހިނގަމުންދާ ލޭ އޮހޮރުވުމާއި ނުރައްކާތެރި ހާލަތުން ހުރިހާ މޮޅަކާއި ކާމިޔާބީއެއް ލިބެމުންދަނީ އީރާނަށެވެ.
ހަމާސްގެ ލީޑަރ އިސްމާއީލް ހަނިއްޔާ އީރާނުގައި ހުންނަވަނިކޮށް ޝަހީދުކޮށްލާފައިވާ މައްސަލާގައި އިސްރާއީލުގެ ކިބައިން ހިތިގޮތަކަށް ބަދަލު ހިފާނެ ކަމަށް އީރާނުގެ ރަސްމީ ފަރާތްތަކުން ދިން އިންޒާރާ ދޭތެރޭ ވިސްނާލަމާ ހިނގާށެވެ. އެ އިންޒާރު އަދިވެސް އޮތީ އެ ގޮތުގައެވެ. މަހަކަށްވުރެން ގިނަ ދުވަސްވަމުންދާއިރުވެސް އެބުނާ އިންޒާރަކަށް އަމަލީ ސިފަ ގެނެސްފައެއް ނުވެއެވެ.
އީރާނުގެ އިންޒާރު ތަންފީޒުކުރުން ލަސްކުރަނީ އެމެރިކާގެ ބިޔަ ލަޝްކަރުތައް އީރާނުން އިސްރާއީލަށް ދީފާނެ ހަމަލާއަކަށްޓަކައި އެ ސަރަހައްދުގައި ތައްޔާރަށް ތިބުމުން ކަމަށް ވެދާނެއެވެ. ފަހަރެއްގައިވެސް އީރާނުން އެމީހުންވެފައިވާ ވައުދު ތަންފީޒުކުރުން ލަސްކުރަނީ އެމެރިކާގެ ބިޔަ ލަޝްކަރު ތައްޔާރީ ހާލަތުގައި އޮތުމުން އެކަމާ ޖެހިލުންވާތީ ކަމަށް ދުށުމަކީ މޮޔަ ވިސްނުމެކެވެ.
އީރާނުން ލަސްކުރާ ކޮންމެ ދުވަހަކީ އެމެރިކާގެ ވެރިންގެ ނިދި ގެއްލިގެންދާނެ ދުވަހެއްކަން އީރާނަށް އެނގެއެވެ. ހަމައެއާއެކު އެމެރިކާގެ މިލިޓްރީ ބާރުތަކުގެ ބޮޑުބައެއް އެއްވެސް ކަމެއް ނުކޮށް އީރާނުން ދީފާނެ ހަމަލާއަކަށްޓަކައި ތައްޔާރުވެގެން ތިބުމަކީވެސް އީރާނަށް ލިބިފައިވާ ކާމިޔާބީއެކެވެ. މިއީ އީރާނުން ސިއްރު ސިއްރުން އުފާވެސް ކުރާނެކަމެކެވެ.
އެމެރިކާގެ ސަރުކާރުން ބޭނުންވަނީ މެދުއިރުމަތީގެ ނުރައްކާތެރި ހާލަތު ވަރަށް ޚާއްސަގޮތެއްގައި ފަލަސްތީނާއި އިސްރާއީލުގެ މައްސަލަ މައިތިރިކޮށް ސަލާމަތާއި ރައްކާތެރި މާހައުލެއް ކަށަވަރުކުރާށެވެ.
ސިޔާސީ ވިސްނުމަކުން ބަލާއިރު މެދުއިރުމަތީގައި ހިނގަމުންދާ ދެކޮޅުވެރިކަން ހައްލުކުރުމަށްޓަކައި އެންމެ ފުރަތަމަ ދެނެގަންނަން ޖެހޭ ހަގީގަތަކީ އަދި އެ ސަރަހައްދަށް ދާއިމީ ހަމަޖެހުމެއް ގެނައުމަށްޓަކައި ފުރަތަމަ ދަސްކުރަންޖެހޭ ފިލާވަޅަކީ އެ މަސްރަޙް އިތުރަށް ނުރައްކާތެރިވަމުންދާނެކަން ގަބޫލުކުރުމެވެ. މައްސަލައާ ގުޅޭ ފަރާތްތަކުން މި ވިސްނުން ގެންގުޅޭނަމަ ހާލަތު އިތުރަށް ގޯސްވުމުން ކުރިމަތިލާން ޖެހިދާނެ ތަކްލީފްތައް ކުރިމަތިން ފެންނާނެއެވެ.
މެދުއިރުމަތީގެ ނުރައްކާތެރިކަން އިތުރަށް ފުޅާވެގެން ހިނގައިދާނެކަމަށް އެމެރިކާއިން ދެކޭއިރު އީރާނުގެ އުންމީދަކަށްވާނީ މެދުއިރުމަތީގައި ދާއިމީ ސުލްހަވެރިކަމެއް ކަށަވަރުކުރުން ނޫން އެހެން ގޮތެއްނެތްކަން އެމެރިކާއަށްވެސް ގަބޫލުކުރަން މަޖްބޫރުކުރުވުމެވެ. ހަމާސް ވުޖޫދުން ފޮހެލައި ފަލަސްތީނުގެ މިނިވަން ދައުލަތެއްގެ ވާހަކަ އޮއްބާލުމަކީ ނުކުރެވޭނެ ކަމެއްކަން އެމެރިކާއިން ޖެހޭނީ ގަބޫލު ކުރާށެވެ. ފަލަސްތީނުގެ މިނިވަން ދައުލަތެއް އުފެއްދުމާ ހަމަޔަށް ހަމާސް އެންމެ ފުރިހަމަގޮތުގައި ދެމި އޮންނާނެއެވެ.
ހަނގުރާމަ ހުއްޓާލުމަށް އެމެރިކާއިން މި ފަހަކަށް އައިސް އިސްރާއީލަށް ކުރިމަތި ކުރަމުން ގެންދާ ފިއްތުން ތަކާއި އީރާނުން އިސްރާއީލަށް ހަމަލާދޭނެކަމަށް ދީފައިވާ އިންޒާރު ވަކި ނުކުރެވޭނެއެވެ. ގައްޒާގައި ހިނގަމުންދާ ހަނގުރާމަ ހުއްޓުވައި ޒަމާންތަކެއް ފާއިތުވެގެންދާ ފަލަސްތީނުގެ މިނިވަން ދައުލަތެއް އުފެއްދުން ހަގީގަތަކަށް ނުހަދައި އެމެރިކާ ސިފައިން މެދުއިރުމަތިން ދުރަށް ހިނގައްޖެނަމަ އީރާނުގެ ވައުދު ފުއްދާނެކަމީ މަރުގައިމުވުން ފަދައިން ކަށަވަރު ކަމެއްކަން އެމެރިކާއަށް އެނގެއެވެ.
އީރާނުން ބުނެފައިވާ ބުނުން އަދި އެއްފަހަރު އަޑު އަހާލުން ރަނގަޅުވާނެއެވެ.
”އިސްމާއީލް ހަނިއްޔާ ޝަހީދުކޮށްލުން އިސްރާއީލުގެ ކިބައިން ބަދަލުހިފުން ގައްޒާގައި ހިނގަމުންދާ ހަނގުރާމަ ހުއްޓުވުގެ އެއްބަސްވުން ނިމިގެންދާ ގޮތެއްގެ މައްޗަށް އަހަރެމެން އިންތިޒާރު ކުރާނަމެވެ. ”މިކަން ރޮއިޓާރސްއަށްވެސް ވަނީ އެނގިފައެވެ.
އީރާނުގެ މި ފިޔަވަޅުގެ ސަބަބުން ހަމާސް ނެތިކޮށްލަން ނުވަތަ އީރާނަށް ތާއީދުކުރާ އެކްސިސް އޮފް ރެޒިސްޓޭންސް ނައްތާލުމަށް އިސްރާއީލުން ކުރަމުންގެންދާ މަސައްކަތަށް ދުނިޔޭގެ ރުހުމާއި އެއްބާރުލުން ލިބުމަކީ ދުރުކަމެކެވެ. މި ހުރިހާ ކަމަކަށްވުރެންވެސް ބޮޑަށް އީރާނުން ކުރިއަށްގެންދާ ބެލިސްޓިކް މިސައިލްއާއި އެ ފެންވަރުގެ ހަތިޔާރު އުފެއްދުމުގެ މަޝްރޫއަށް ހުރަސް އެޅުމުގެ ފުރުސަތުވެސް ކުޑަވެގެންދާނެއެވެ. އީރާނުގެ ކެރުމާއި ގޮތް ދޫނުކުރުން މިހާރުވެސް އޮތީ ދުނިޔެއަށް ހާމަވެފައެވެ. ނިއުކްލިއަރ ގާބިލުކަން ލިބިފައިވާ އިސްރާއީލަށާއި ޕާކިސްތާނަށް ވަރަށް ފަހުން ބެލިސްޓިކް މިސައިލް ބޭނުންކޮށްގެން އީރާނުން ދިން ރައްދު ހަމަލާއަކީ އީރާނުން ”އަހަރެމެންނާ ގޯނާ ނުކުރާށޭ“ ބުނުން ކަހަލަ ކަމެކެވެ.
އިސްރާއީލުން ގައްޒާގައި ކުރަމުންގެންދާ ހަނގުރާމަ ނިމުމުގެ އެއްބަސްވުމަކަށް އަދިވެސް ނާދެވެއެވެ. އެކަމަކު މިފަހަރު އެމެރިކާއިންވެސް ގޮތްދޫކުރަން ބޭނުންވާ ކަހަލަ ވިސްނުމެއްގައި ތިބި ކަމަކަށް ނުބެލެވެއެވެ. ހަމާސްގެ ބެލުމުގެ ދަށުގައި ތިބި ރަހީނުންގެ ތެރެއިން ބަޔަކު މަރުވުމާ ގުޅިގެން އެމެރިކާގެ ރައީސް ޖޯ ބައިޑްން އެ ކަމުގެ އިލްޒާމް އިސްރާއީލުގެ ބޮޑުވަޒީރު ބޮލުގައި އެޅުވުމުން އެމެރިކާގެ ވިސްނުމަށް އަންނަމުންދާ ބަދަލުވެސް އެބަ ފެނެއެވެ.
މެދުއިރުމަތީގެ މިހާރުގެ ހާލަތުގައި އީރާނުން އިތުރު ތާއީދު ހޯދުމަށް އެއްވެސް ކަމެއް ކުރާކަށް ނުޖެހެއެވެ. ދުނިޔޭގެ ލީޑަރުންގެ ވިސްނުން ފަލަސްތީނުގެ މަގަށް ބުރަކޮށްލުމުން އީރާނުން މެދުއިރުމަތީގައި ބޭނުންވާ ސިޔާސީ ބާރުވެރިކަމަށް އެދަނީ މަގު ހުޅުވެމުންކަން ގަބޫލުކުރަން ޖެހެއެވެ. އަދި ސައޫދީ އެރޭބިޔާއިން އިސްރާއީލާއެކު ސިޔާސީ ގުޅުން ގާއިމްކުރަން އެމެރިކާއިން ކުރަމުން ގެންދިޔަ މަސައްކަތްތައް ވަގުތީ ގޮތުންނަމަވެސް ހުއްޓުމަކަށް ގެނެވި އަރަބި ގައުމު ތަކުގެ ވެރިންގެ ސިޔާސަތުތަކާމެދު އަރަބި ރައްޔިތުންގެ ނުރުހުން އާންމުވެ މަގުތަކަށް ނިކުންނަމުން ދިއުމަކީވެސް އީރާނުގެ ސިޔާސީ ފިކުރަށް ލިބެމުންދާ ކާމިޔާއެއް ކަމުގައި ބަލައިގަންނަން ޖެހެއެވެ.
އީރާނަށް ތާއީދުކުރާ މުޖާހިދުންގެ ޖަމާއަތްތަކަށް ބަލާއިރުވެސް ފެންނަ ހަގީގަތަކީ އެ ޖަމާއަތްތަކާއި އީރާނާ ދޭތެރޭ އޮންނަ ގުޅުން ބާރުގަދަވަމުންދާ ތަނެއެވެ. އެ ހުރިހާ ޖަމާއަތަކުން އެއްބައިވަންތަކަން ސާބިތުކޮށްދިނުމާއެކު އިސްރާއީލަށް ހަމަލާދެމުން ގެންދިއުން އެއީ އީރާނާއި އަދި އެ ޖަމާއަތްތަކުގެ މެދުގައި އުފެދިފައި އޮތް ގުޅުން ވަރަށް ރީތިކޮށް ރަމްޒު ކޮށްދޭ ކަމެކެވެ.
އެމެރިކާގެ ސެންޓްރަލް ކޮމާންޑުން ޖެނެރަލް މައިކަލް ކުރިއްލާގެ އިއުތިރާފަކީ ހަގީގަތެވެ. ”އެމެރިކާއާއި އިނގިރޭސި ވިލާތުގެ ކަނޑު ސިފައިންގެ ލަޝްކަރުތައް ހޫތީ މުޖާހިދުންގެ ކުރިމަތީގައި ފޭލި ވެއްޖެއެވެ.“
މި ހުރިހާ ވާހަކަތަކެއް ޖުމްލަކޮށްލާފައި އީރާނުގެ ސުޕްރީމް ލީޑަރ 2015 ވަނައަހަރު އެ ވަނީ ވަރަށް ސާފު އިބާރާތުން ވިދާޅުވެފައެވެ. 2040 ވަނަ އަހަރު ދުނިޔޭގެ އަލިކަން އިސްރާއީލު ކިޔާ ގައުމަކުން ނުދެކޭނެއެވެ. އަދި ”އިސްރާއީލަށް މަރު“ އީރާނުގެ މި ގޮވުން ހުއްޓާލާފާނެ ކަމުގެ އެއްވެސް ނިޝާނެއް ނުފެނެއެވެ.
2 Responses
ﷲ އަކްބަރު
ދުނިޔޭގެ ތާރީޚުން އެނގޭ ގޮތުގައި ތަފާތު އެތައް ހަޟާރަތު ތަކަކުން ގައުމުތައް އަޅުވެތިކުރަމުން ގެންދިޔައިރު އެއްވެސް ޒަމާނެއްގައި ބައެއްގެ އަޅުވެތިކަމުގެ ތެރެއަށް ނުގެންދެވުނު ދެ ތިން ގައުމެއްގެ ތެރޭގައި އީރާނު ހިމެނެއެވެ. މީގައި ސަބަބުތަކެއް ވާނެއެވެ.