ދެއްވެވެން އޮތް ހުރިހާ ގޮތަކުން ދިވެހިރާއްޖެއިން އަބަދުވެސް ފަލަސްޠީނަށް އެއްބާރުލުން ދެއްވަމުން ގެންދަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އދ. ގެ އާންމު މަޖިލީހުގެ 79 ވަނަ ސެޝަންގެ ހަވާސާގައި ފަލަސްޠީނުގެ ރައީސް ޑރ. މަޙްމޫދު ޢައްބާޞްއާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ރައީސް ޑރ. މުޢިއްޒު ވިދާޅުވީ ފަލަސްޠީނަކީ މިނިވަން ދައުތެއްގެ ގޮތުގައި ބަލައިގަތުމަށް ބައިނަލްއަގުވާމީ ގޮތުން ކުރެވޭ މަސައްކަތްތަކުގައި ދިވެހިރާއްޖެއިން ސާބިތުކަމާއެކު ދެމިއޮންނާނެކަމަށެވެ.
އެމަނިކުފާނު ވަނީ ފަލަސްޠީނުގެ ރައްޔިތުންނަށް ކުރިމަތިލާންޖެހިފައިވާ ނުރައްކާތެރި ހާލަތު ބަދަލުކުރުމަށް ބައިނަލްއަގުވާމީ މުޖުތަމައުން ގުޅިގެން މަސައްކަތް ކުރުމަށާއި އެ ފަރާތްތަކުން އެއްބާރުލުން ދެއްވުމަށް ވެސް ގޮވާލައްވާފައެވެ.
މީގެއިތުރުން ރައީސް ޑރ. މުޢިއްޒު ވަނީ ފަލަސްޠީނުގެ ރައްޔިތުންނަށް އެމީހުންގެ ހައްގުތައް ކަށަވަރު ވެގެންދިއުމަށް އުންމީދު ކުރައްވާކަމުގައި ވިދާޅުވެފައެވެ.
ފަލަސްޠީނުގެ ރައީސް ޑރ. މަޙްމޫދު ޢައްބާޞް ދެއްކެވި ވާހަކަފުޅުގައި ވަނީ ފަލަސްޠީނުގެ ރައްޔިތުންނަށް ރާއްޖެއިން އަބަދުވެސް އެއްބާރުލުންދީ ކުރާ ތާއީދަށްޓަކައި ޝުކުރު އަދާކުރައްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ވަނީ ގުޅިގެން މަސައްކަތްކުރެވިދާނެ ދާއިރާތަކާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވައިފައެވެ. އަދި ގައުމުން އިސްކަންދޭ ކަންކަމުގައި ގުޅިގެން މަސައްކަތް ކުރެއްވުމަށާއި ދެ ގައުމުގެ ގުޅުން ކުރިމަގުގައި އިތުރަށް ބަދަހިކުރުމަށް މަސައްކަތްކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވިއެވެ.