ހިޔާ މަޝްރޫގެ ދަށުން އެކަނި މައިންނާއި ބަފައިންނަށް ޚާއްސަކޮށްފައިވާ ކެޓަގަރީ H6 އިން ފްލެޓް ލިބުނު މީހުންގެ ވަގުތީ ލިސްޓް އާންމު ކޮށްފި އެވެ.
އެކަނި ވެރި މައިންނާއި ބަފައިންނަށް ޚާއްސަކުރި މި ކެޓަގަރީގެ ވަގުތީ ލިސްޓް އާންމު ކޮށްފައިވަނީ އެ ފްލެޓް ތަކަށް އެދި ފޯމު ހުށަހަޅައިފައިވާ ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާފަރާތްތަކާއި ޝަރުތު ހަމަނުވާ ފަރާތްތައް ވަކިން އެގޭނެހެންނެވެ.
މިކެޓަގަރީއަށް ޝަރުތު ހަމަނުވާ ފަރާތައް ޝަރުތު ހަމަނުވާ ސަބަބު ވަކިން އެގޭނެހެން ހާމަކޮށްފައިވެ އެވެ.
އަދި ދިރިއުޅުމުގެ ހާލަތު ނުބެލޭ މީހުންނާއި ސަބަބު ވެސް މި ލިސްޓްގައި ހާމަކޮށްފައިވެއެވެ.
ލިސްޓްގައި ހިމެނިފައިވާ ފަރާތްތަކުގެ ތެރެއިން ދަރިން ބަލަމުންދާކަމަށް ބަޔާންކޮށް މަންމައާއި ބައްޕަ ވެސް ފޯމް ހުށަހަޅައި ޝަރުތު ފުރިހަމަވާ ފަރާތްތަކުގެ ތެރޭގައި ހިމެނި ޕޮއިންޓް ހިމެނިފައިވާނަމަ ފްލެޓް ހަވާލުކުރުމުގެ ކުރިން އެ ދެ ފާރާތުގެ ތެރެއިން ފްލެޓް ހަވާލުކުރެވޭނީ ދަރިން ބަލަމުންދާ ފަރާތް ކަށަވަރުކޮށް އެ ފަރާތަށް ކަމަށް ވެސް ފްލެޓް ކޮމިޓީން ވަނީ ނިންމާފައެވެ.
އެކަނިވެރި މައިންނާއި ބަފައިންނަށް ޚާއްސަކޮށްފައިވާ މިކެޓަގަރީން ފްލެޓް ލިބިފައިވާ ގޮތުގެ ވަގުތީ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު މި މަހު 16 އާ ހަމައަށް ވަނީ ހުޅުވާލާފައެވެ.