އިސްރާއީލުން ޣައްޒާގެ ހިއުމެނިޓޭރިއަން ޒޯނަށް ހަމަލާދީފި

Loading

Facebook
Twitter
WhatsApp

އިސްރާއީލުން ޣައްޒާގެ ހިއުމެނިޓޭރިއަން ޒޯނަށް ހަމަލާދީފިއެވެ. އަމާން ސަރަހައްދެއްގެ ގޮތުގައި ފާހަގަކޮށްފައި ވީނަމަވެސް، އަލް-މަވާސީ ސަރަހައްދަށް  ޔަހޫދީ އިސްރާއީލީ ބާރުތަކުން އެކި ފަހަރު މަތިން ހަމަލާދީފައިވެއެވެ.

ޣައްޒާގެ ދެކުނުގައިވާ ޚާން ޔޫނިސް ސިޓީގެ އާބާދީ ބޮޑު އަލް-މަވާސީ ޓެންޓު ކޭމްޕަށް ރޭގަނޑު އިސްރާއީލީ ވައިގެ ހަމަލާތަކެއް އަމާޒުކޮށް، މަދުވެގެން 19 މީހުން މަރުވެ، 60 އަށްވުރެ ގިނަ މީހުންނަށް ޒަހަމްތަކެއްވަނީވެފައެވެ. އިސްރާއީލީ ސިފައިން ”އިންސާނީ ސަރަހައްދެއް“ ގެ ގޮތުގައި ކަނޑައަޅާފައިވާ މި ސަރަހައްދުގައި، ޣައްޒާގެ އެހެން ސަރަހައްދުތަކުގައި އިސްރާއީލުގެ ބޮންބާރުންތަކުން ފިލައިގެން ދިޔަ ދިހަ ހާސްތަކެއްގެ ފަލަސްޠީނުން ދިރިއުޅެމުންދެއެވެ.

”މަވާސީ ޚާން ޔޫނިސްގެ މަރުއަލީގައި އެތައް ޢާއިލާތަކެއް ވެލީގެ ދަށުގައި ވަނީ ގެއްލިފައެވެ،“ ޣައްޒާ ސިވިލް ޑިފެންސްގެ ޚަބަރު ފަތުރާ ފަރާތް މަޙްމޫދު ބަސަލް ވިދާޅުވިއެވެ. ހަމަލާތަކާ ގުޅިގެން އުފެދުނު ބޮޑެތި ވަޅުގަނޑުތަކަށް އިޝާރާތްކުރަމުންނެވެ. ފުރަތަމަ މަރުވި މީހުންގެ އަދަދު ލަފާކުރެވުނީ 40 އާ ކައިރި އަދަދެއްގައެވެ.

އިސްރާއީލު ޑިފެންސް ފޯސަސް (އައިޑީއެފް) އިން ބުނީ މި އޮޕަރޭޝަނުގައި އަމާޒުކުރެވުނީ ”އިންސާނީ ސަރަހައްދުގެ ތެރޭގައި ހިމެނޭ ކޮމާންޑް އެންޑް ކޮންޓްރޯލް ސެންޓަރެއްގައި ހަރަކާތްތެރިވަމުންދިޔަ“ ހަމާސްގެ ހަނގުރާމަވެރިންނަށް ކަމަށެވެ. ހަމާސްއިން މިއީ ”ހާމަ ދޮގެއް“ ކަމަށް ބުންޏެވެ. އިސްރާއީލީ ސިފައިން ބުނީ މި ހަމަލާތައް ޚާއްޞަކޮށް އަމާޒުކުރެވުނީ ޣައްޒާގައި ހަމާސްގެ ވައިގެ ޔުނިޓުގެ އިސްވެރިޔާ ސާމިރު އިސްމާޢީލް ޚަދަރު އަބޫ ދައްޤާ އާއި، ހަމާސްގެ އަސްކަރީ ގޮފީގެ އޮބްޒަވޭޝަން އެންޑް ޓާގެޓްސް ޑިޕާޓްމަންޓުގެ އިސްވެރިޔާ އުސާމާ ޠަބެޝް އަދި ހަމާސްގެ އިސް ހަނގުރާމަވެރިޔާ އައިމަން މަބްހޫހު އަށް ކަމަށެވެ. އައިޑީއެފްއިން ބުނި ގޮތުގައި މި އެންމެންނަކީވެސް 2023 ގެ އޮކްޓޯބަރު 7 ގައި އިސްރާއީލަށް ހަމާސްއިން ދިން ހަމަލާގައި ”ސީދާ ބައިވެރިވި“ އަދި އިސްރާއީލާ ދެކޮޅަށް ”ޓެރަރިސްޓު ޙަރަކާތްތައް ހިންގުމަށް“ ރޭވި ބައެކެވެ.

އިސްރާއީލީ އޮފިޝަލުން ބުނީ މި ހަމަލާތަކުގައި އާންމުންނަށް ލިބޭ ގެއްލުން ކުޑަކުރުމަށް ސިފައިން މަސައްކަތްކުރި ކަމަށެވެ. މިގޮތުން ”ސީދާ އަމާޒުކުރެވޭ ހަތިޔާރުތަކާއި، ވައިގެ ސަރވޭލަންސްއާއި އިތުރު ވަސީލަތްތައް“ ބޭނުންކުރި ކަމަށެވެ. މި ސަރަހައްދުގައި ތިބި ފަލަސްޠީނު އާންމުންނަށް ކުރިން އިންޒާރު ދެވުނުތޯ އައިޑީއެފްއިން ނުބުނެއެވެ.

ޣައްޒާ ސިވިލް ޑިފެންސްގެ ބަހުން، ވަސީލަތްތައް މަދުވުމުގެ ސަބަބުން އާންމުން ވަރަށް ބޮޑަށް މަސައްކަތްކުރަމުންދަނީ ސަރަހައްދުގެ ވެއްޔާއި ކުނޑިތަކުގެ ތެރެއިން ޝިކާރައިންގެ ހަށިތައް ނެގުމަށެވެ. މި ހަނގުރާމަ ފެށުނުތާ 11 މަސްދުވަސް ވެއްޖެއެވެ. މިހާތަނަށް އިސްރާއީލުގެ ހަމަލާތަކުގައި 41،000 އަށްވުރެ ގިނަ ފަލަސްޠީނުން މަރުވެ، 95،000 އަށްވުރެ ގިނަ މީހުންނަށް އަނިޔާވެފައިވެއެވެ. ޣައްޒާގެ ގާތްގަނޑަކަށް 2.1 މިލިއަން މީހުން މި ހަނގުރާމައިގެ ސަބަބުން އެކި ފަހަރު މަތިން ތަންތަނަށް ބަދަލުވާން ޖެހިފައިވެއެވެ.

އިސްރާއީލީ ސިފައިން އަލް-މަވާސީ އިންސާނީ ސަރަހައްދެއްގެ ގޮތުގައި ފާހަގަކުރީ 2023 ގެ ޑިސެމްބަރުގައެވެ. އަދި ޣައްޒާގެ އެހެން ސަރަހައްދުތަކުގައި ހިނގަމުންދާ ބޮޑެތި ހަނގުރާމަތަކުން ސަލާމަތްވުމަށް ފަލަސްޠީނުންނަށް ވަގުތީގޮތުން އެތަނަށް ބަދަލުވުމަށް އެކި ފަހަރު މަތިން ބާރުއަޅާފައިވެއެވެ. ނަމަވެސް އެހެން އޮތް ނަމަވެސް، ވޭތުވެދިޔަ އަހަރު ތެރޭގައި އަލް-މަވާސީއަށް އިސްރާއީލުގެ އޮޕަރޭޝަންތަކުން އަމާޒުކޮށްފައިވަނީ އެކި ފަހަރު މަތިންނެވެ. މީގެ ތެރެއިން އެންމެ މަރުއަލި ބޮޑު އެއް ހަމަލާ ދިނީ ދެ މަސް ކުރިންނެވެ. އޭރު އިސްރާއީލުގެ ބޮންބާރުންތަކުގައި މަދުވެގެން 90 ފަލަސްޠީނުން މަރުވެ، އިތުރު 300 މީހުންނަށް އަނިޔާވިއެވެ. މިއީ ހަމާސްގެ އަސްކަރީ ކޮމާންޑަރު މުޙައްމަދު ދައިފް އަވަހާރަކޮށްލުމަށް އަމާޒުކޮށްގެން ހިންގި އަސްކަރީ ކެމްޕޭނެކެވެ. އިސްރާއީލު ޑިފެންސް ފޯސަސްއިން ތަކުރާރުކޮށް ބުނަމުންދަނީ ހަމާސްއާއި އެހެން ހަނގުރާމަވެރި ގްރޫޕުތަކުން މަޤްޞަދު ގޮތެއްގައި އާންމުންނާއި އިންސާނީ ވަސީލަތްތައް، އަދި އަމާން ސަރަހައްދުތައް ވެސް ހިމެނޭ ގޮތަށް ”ޓެރަރިސްޓު ޙަރަކާތްތައް“ ހިންގުމަށް ބޭނުންކުރަމުންދާ ކަމަށެވެ.

އަލްމަވާސީން ދިން ހަމަލާއަށް ފަހު، ބައިނަލްއަގްވާމީ މައިދާނުގައި ހަނގުރާމަ ހުއްޓާލުމަށާއި ބަނގުރޫޓުކޮށް ދޫކޮށްލުމުގެ އެއްބަސްވުމަށް ގޮވާލާ އަޑުތައް ވަނީ ގަދަވެފަ އެވެ. އިނގިރޭސި ވިލާތުގެ ފޮރިން ސެކްރެޓަރީ ޑޭވިޑް ލެމީ ވިދާޅުވީ ޚާން ޔުނިސްގައި ހިނގި ހިތާމަވެރި މަރުތަކުގެ ސަބަބުން ހަނގުރާމަ ހުއްޓާލުމަކީ ކިހާ ވަރެއްގެ ބޭނުންތެރި ކަމެއްކަން އިތުރަށް ހަރުދަނާވެގެންދާ ކަމަށެވެ. ނަމަވެސް އިސްރާއީލުގެ ދިފާއީ ވަޒީރު ޔޯވް ގަލަންޓް އަންގާރަ ދުވަހު ވިދާޅުވީ ވަގުތީ ގޮތުން ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމެއް ހާސިލްކުރުމުގެ ފުރުސަތު މިހާރު ބަންދުވަމުން އަންނަ ކަމަށެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް