އދ. ގެ އާންމު މަޖިލީހުގައި ފާސްކުރި މާކަނޑުގެ ދިރުންތަކާއި ސަރަހައްދުތައް ހިމާޔަތްކުރުމާބެހޭ މުއާހަދާއެއްގައި ދިވެހިރާއްޖެއިން މިއަދު ސޮއިކޮށްފިއެވެ.
ނިއުޔޯކްގައި ހުންނަ އދ.ގެ މައި މަރުކަޒުގައި ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ އދ. އަށް ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު ޑރ. ޢަލީ ނަޞީރު މުޙައްމަދެވެ.
ބަޔޯޑައިވަރސިޓީ ބިޔޯންޑް ނޭޝަނަލް ޖުރިސްޑިކްޝަން (ބީބީއެންޖޭ) ގައި ރާއްޖެއިން ސޮއިކުރުމާއެކު ރާއްޖެ ވެގެން ގޮސްފައި މިވަނީ މި މުއާހަދާގައި ސޮއިކުރި 92 ވަނަ ގައުމަށެވެ.
ފޮރިން މިނިސްޓްރީން ބުނީ ރާއްޖޭގެ ސަރަހައްދީ ކަނޑުގެ ތެރޭގައި ބަޔޯޑައިވަރސިޓީ ހިމާޔަތްކުރުމަކީ، ރާއްޖޭގެ ވަރަށް ބޮޑު މަސްއޫލިއްޔަތެއްކަމުގައިވާއިރު، މި މަސްއޫލިއްޔަތުގެ ތެރޭގައި، އެ ސަރަހައްދުގެ ގައުމީ އިހުތިސާސުން ބޭރުގެ ސަރަހައްދެއް ކަށަވަރުކުރުމާއި، އެތެރޭގައި ހިމެނޭ ބަޔޮލޮޖިކަލް ޑައިވަރސިޓީ ހިމާޔަތްކޮށް ދެމެހެއްޓެނިވި ގޮތެއްގައި ބޭނުންކުރުން ހިމެނޭ ކަމަށެވެ.
އެކަމަށްޓަކައި، މިއަދު ސޮއިކުރެވުނު އެއްބަސްވުމުގައި، ކަނޑު ހިމާޔަތްކޮށްފައިވާ ބޮޑެތި ސަރަހައްދުތައް ގާއިމުކުރުމުގެ އުސޫލެއް ކަނޑައެޅިފައިވެއެވެ.
މި އެއްބަސްވުމުގައި މެރިން ޓެކްނޮލޮޖިކަލް ޓްރާންސްފަރ މެކޭނިޒަމްތަކާއި މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް މަސައްކަތްކުރުމާ ގުޅޭ ކަންކަން ހިމެނެއެވެ. މިއީ ސަރަހައްދީ ކަނޑު ހިމާޔަތްކުރުމަށް މުހިންމު ކަންތައްތަކެއް ކަމުން، މި އެއްބަސްވުމުގައި ބައިވެރިވުމުގެ ސަބަބުން ރާއްޖެއަށް ބޮޑެތި ފައިދާތަކެއް ލިބިގެންދާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
ރާއްޖެއިން މި އެއްބަސްވުމުގައި ސޮއިކުރުމާ ހަމައަށް 91 ގައުމަކުން އެއްބަސްވުމުގައި ސޮއިކޮށްފައިވާއިރު، 8 ގައުމަކުން ވަނީ މި އެއްބަސްވުން ތަސްދީގުކޮށްފައެވެ. މި އެއްބަސްވުމަށް ހުރިހާ ގައުމަކުން ވެސް 20 ސެޕްޓެމްބަރު 2025 ގެ ނިޔަލަށް ސޮއި ކުރުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު، އެއްބަސްވުމަށް އަމަލުކުރަން ފަށާނީ 60 ވަނަ ގައުމުން އެ އެއްބަސްވުން ތަސްދީގު ކުރިތާ 120 ދުވަސް ފަހުންނެވެ.