ރައީސް ޑރ. މުހައްމަދު މުޢިއްޒުގެ ވެރިކަން ފެށިގެން މިވީ ކުޑަ ދުވަސްކޮޅުގެ ތެރޭގައި ރާއްޖެއަށް އެތެރެކުރެވިފައިވާ މުދަލުގެ އަދަދު ރާއްޖޭގެ ތާރީޚުގައި ދުވަހަކުވެސް އިތުރު ނުވާ މިންވަރަށް އިތުރު ވެފައިވާ ކަމަށް އެމްޕީއެލްގެ ސީއީއޯ މުޙައްމަދު ވަޖީހް މިއަދު ވިދާޅުވެއްޖެއެވެ.
ވަޖީހް މިހެން ވިދާޅުވީ ކޮންމެ އަހަރެއްގެ ވެސް އެވްރެޖްކޮށް މަހެއްގެ މައްޗަަށް ރާއްޖެއަށް ކާގޯ އެތެރެކުރެވިފައިވާ މިންވަރު ދައްކައިދޭ ދެ ގްރާފް ހިއްސާކުރައްވައި ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައެވެ.
އޭނާ ވިދާޅުވީ ރާއްޖޭގެ ތާރީޚަށް ބަލާއިރު މީގެ ކުރިން ކޮންޓެއިނަރައިޒް ކާގޯ އެންމެ ގިނައިން ރާއްޖެއަށް އެތެރެ ކުރެވިފައި ވަނީ 2018 ވަނަ އަހަރު ކަމަށެވެ. އެހެން ކަމުން ރާއްޖޭގެ އިގުތިސާދަށް އަންނަމުންދާ ބަދަލުތައް ވަޒަން ކޮށްލުމަށްޓަކައި، މި 2 ގްރާފުން ދައްކައި ދީފައިވަނީ 2018 ވަނަ އަހަރުން ފެށިގެން މިއަހަރުގެ އޯގަސްޓު މަހުގެ ނިޔަލަށް ކޮންމެ އަހަރަކުވެސް އެވްރެޖްކޮށް މަހެއްގެ މައްޗަށް ރާއްޖެއަށް ޖެނެރަލް ކާގޯ އާއި، ކޮންޓެއިނަރައިޒް ކާގޯ އެތެރެ ކުރެވިފައިވާ މިންވަރު ކަމަށެވެ.
“ގަބޫލުކުރަން ޖެހޭ ހަގީގަތަކީ، ރައީސް ޑރ. މުހައްމަދު މުޢިއްޒުގެ ވެރިކަން ފެށިގެން މިވީ ކުޑަ ދުވަސް ކޮޅުގެ ތެރޭގައި ރާއްޖެ އަށް އެތެރެކުރެވިފައިވާ މުދަލުގެ އަދަދު ރާއްޖޭގެ ތާރީޚުގައި ދުވަހަކުވެސް އިތުރުނުވާ މިންވަރަށް އިތުރު ވެފައިވާކަން. މިއިން ދައްކައިދެނީ، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވެރިކަން ފެށުމާއެކު ރާއްޖޭގެ އިގުތިސާދަށް ހެޔޮ ބަދަލު އަންނަން ފަށައި، އިގުތިސާދު ކުރިއަރަން ފަށާފައިވާކަން.“
މީގެއިތުރުން ވަޖީހް ވަނީ މިހާރު ފެށުމަށް ތައްޔާރު ވަމުންދާ މި ސަރުކާރުގެ މުހިއްމު ޕްރޮޖެކްޓްތައް ފެށުމުން ރާއްޖޭގެ އިގުތިސާދު ދުވަހަކުވެސް ކުރިއަރާފައި ނުވާ މިންވަރަށް ކުރިއަރައި، ރާއްޖޭގެ ރައްޔިތުންގެ ފުދުންތެރިކަން ވަރަށް ބޮޑަށް އިތުރުވެގެން ދާނެކަމަށް ވެސް ވިދާޅުވެފައެވެ.
One Response
އެތެރެކުރެވޭ މުދާ އިތުރުވިޔަސް ބޭރުކުރެވޭ މިންވަރު އެތައްގުނައެއް މަދުނަމަ ތިޔަދައްކާ ވާހަކަ ދެކޮޅުނުޖެހޭ؟