މި ޒަމާނުގެ މާހައުލުގައި ކައިވެނީގެ ރިޝްތާއާ ދޭތެރޭ ވިސްނާލުން ބޭނުމެވެ.

Loading

Facebook
Twitter
WhatsApp

އަޅުގަނޑުގެ މި ލިއުމަކީ މައުލާނާ ތާރިގް ޖަމީލް ދެއްވާފައިވާ ދަރުސެއްގެ އުސް އަލިތަކަށް ބަލައިގެން ތައްޔާރުކޮށްފައިވާ ލިއުމެކެވެ. އެބޭފުޅާ ދަރުސް ދިނުމުގައި ގެންގުޅުއްވާ ދޫ ފަސޭހަކަމާއި ބަސްމަގުގެ އޮމާންކަން އަޅުގަނޑުގެ މި ލިއުމުން ނުފެންނާނެކަން ގަބޫލު ކުރަމެވެ. ހަމަ އެފަދައިން މައޫޟުއުން ބޭރަށް ވަޑައިނުގެން ހުންނަވާ އެ ދަރުސްތަކަށް މީހުން ޝައުގުވެރި ކުރުވުމަށްޓަކައި ގެންގުޅުއްވާ ސަމާސާ މިޒާޖް ބޭނުންކުރުމަކީވެސް އަޅުގަނޑުގެ ކިބައިގާ ހުރި ފަންނުވެރިކަމެއް ނޫނެވެ.

މި ހުރިހާ ލިމިޓޭޝަންތަކަކާއެކު ވެސް އަޅުގަނޑުގެ މި ލިއުމުން ދިވެހި މުޖުތަމައުއަށް ފައިދާއެއް ކޮށްފިނަމަ އަޅުގަނޑުގެ މަގްސަދު ހާސިލުވީއެވެ. އަޅުގަނޑުގެ މިލިއުމުގައި ކަނޑައެޅިގެން ވަކި ޖިންސަކަށް މުޚާތަބު ކޮށްފައި ނުވާނަމަ އެއީ ދެ ޖިންސަށް ހަމަހަމަ ގޮތުގައި މުޚާތަބު ކޮށްފައިވަނީ ކަމަށް ކިއުންތެރިން ދުށުމަކީ އަޅުގަނޑުގެ އިލްތިމާސެކެވެ.

އަޅުގަނޑުމެން ގަބޫލުކުރާ މާތްވެގެންވާ އިސްލާމްދީނުގައި އެންމެ މުގައްދަސް ގުޅުމަކީ ނުވަތަ ރިޝްތާއަކީ މައިންބަފައިންގެ ގުޅުމެވެ. ހަމައެފަދައިން އެންމެ ބަރަކާތްތެރި ގުޅުމަކީ ނުވަތަ ރިޝްތާއަކީ ދެމަފިރިންގެ ގުޅުމެވެ. މި ދެ ގުޅުން އެކަތި އަނެކައްޗާ ގުޅި ލާމެހިފައިވަނީ ދުވަހަކުވެސް ވަކި ނުކުރެވޭނެ މިންވަރަކަށެވެ. ކުރުކޮށް ބުނާނަމަ ކޮންމެ ދެމަފިރިއެއްގެ ގުޅުން ކުޑަދުވަސްކޮޅަކުން ބަދަލުވެގެންދަނީ މައިންބަފައިންގެ މަގާމަށެވެ.

ދުނިޔޭގެ ބިންމަތީގައި އެންމެ ފުރަތަމަ ގާއިމް ކުރެވުނީ ކައިވެނީގެ މުބާރިކް ރިޝްތާއެވެ. އެއީ މި ބިމުގައި އިންސާނީ ދަރިފަސްކޮޅު އާބާދުވެގެން އައުމުގެ ވަސީލަތެވެ. ކީރިތި ގުރުއާނުގައި މައިންބަފައިންގެ ގުޅުމާއި ދަރިފަސްކޮޅާއި އަދި އެއްބަނޑު އެއްބަފާ ކަމުގެ ގުޅުމާމެދު ބާވާލައްވާފައިވާ އާޔަތްތަކަށް ބަލާއިރު ކައިވެންޏާ ގުޅޭގޮތުން ބާވާ ލައްވާފައި ހުރި އާޔަތްތައް މާގިނަކަން ފާހަގަ ކުރެވޭނެއެވެ.

އާދަމްގެފާނު އުފައްދަވައި ފުރާނަ އަޅުއްވައި ސުވަރުގޭގެ ފޭރާމުން ފޭރާން ލެއްވުނެވެ. އެކަލޭގެފާނު އުފެއްދެވުމުގައި އެކަލޭގެފާނުގެ އިންސާނީ ތަބީއަތުގައި އިހްސާސްތަކަކާއި ބޭނުންތަކެއްވެސް މާތް ވަނީ ލައްވާފައެވެ. ސުވަރުގޭގެ ތަނަވަސްކަމާއި ހިތްހަމަޖެހުން އެކަލޭފާނުގެ އިޚްތިޔާރަށް ދޫކޮށްލައްވާފައި އޮތުމާއެކުވެސް އެކަނިވެރިކަމެއް އިހްސާސް ކުރައްވަމުން ގެންދެވިއެވެ. އެއީ މާތްﷲ ގެ އިލްމުފުޅުގައި އެކަން ތަގްދީރު ކުރައްވާފައިވާ ގޮތެވެ. އެ އިލާހުގެ ތަގްދީރުގައި ކަނޑައަޅުއްވާފައިވާ މުއްދަތު ޖެހުމުން އާދަމްގެފާނުގެ މި ފޫހި އިހްސާސްތަކުގެ ހައްލުވެސް އިރާދަކުރައްވައިފިއެވެ.

އެކަލޭގެފާނު އަވަހާރަފުޅުން ހޭލެވުނު އިރު އަރިހުގައި އަންހެން ބޭކަނބަލަކު ދެކެވަޑައިގެންނެވިއެވެ. ފަހުން އަޅުގަނޑުމެން އިންސާނުންގެ މައިކަމަނާ ހައްވާގެފާނެވެ. ދަންނަބޭކަލުންގެ ވިދާޅުވުންތަކުން އެނގޭ ގޮތުގައި ޖިސްމާނީ ގޮތުން މާތް އުފެއްދެވި އެންމެ ރީތި ފިރިހެނަކީ ޔޫސުފުގެ ފާނެވެ. ހަމައެފަދައިން މާތް އުފެއްދެވި އެންމެ ރީތި އަންހެން ކަނބަލަކީ ހައްވާގެފާނެވެ. އެއްހާސް އަހަރަށްވުރެން ދިގު އުމުރު ފުޅެއް އެކަމަނާއަށް ލިބިވަޑައިގެންނެވި ނަމަވެސް އުމުރުން ދުވަސްވުމެއް އާލާސްކަންފުޅާ އުޅުއްވަން ޖެހިވަޑައިގަތުމެއް އަދި މައްސަރުކަންތަކުގެ ތަކްލީފް އެކަމަނާއަށް އުފުއްލަވަން ޖެހި ވަޑައެއް ނުގަންނަވައެވެ.

ކޮންމެއަކަސް ހައްވާގެފާނު ފެނިވަޑައިގަތުމާއެކު އާދަމްގެފާނަށް ސުވަރުގޭގެ ހިތްފަސޭހަކަމާއި ހިތްޕުޅު ހަމަޖެހުންވެސް ހަނދުމަފުޅު ނެތިއްޖެކަހަލައެވެ. އަދި އެއީ ކޮން ބޭކަނބަލެއްތޯ މާތްﷲ ގެ ހަޒުރަތުގައި ދެންނެވި ކަމަށްވެއެވެ. އެ ހިނދު އެކަލޭގެފާނަށް އެންގެވުނު ކަމަށް ވަނީ އެއީ ކަލޭގެފާނުންގެ އަނބިކަނބަލުން ކަމަށެވެ. އެހެންނަމަވެސް އެކަމަނާ ކަލޭގެފާނަށް ލިބިވަޑައި ގަންނަވާނީ އެކަމަނާގެ ކައިވެނީގެ ރަން އަދާކުރެއް ވުމަށްފަހުގައެވެ. ކައިވެނީގެ ރަނަކީ ކޮބައިތޯ އޮޅުން ފިލުވުމުގެ ގޮތުން މާތްﷲ ގެ ހަޒުރަތުގައި ދެންނެވުމުން އެންގެވިކަމަށްވަނީ ”ކަލޭގެ ފާނުންގެ ދަރިފަސްކޮޅުން ވަޑައިގަންނަވާނެ ތިމަން އިލާހުގެ އެންމެ ފަހުގެ ނަބިއްޔާގެ ނަންފުޅު ހަރުއަޑުން ވިދާޅު ވުމަށެވެ.“

މައުލާނާ ތާރިގު ޖަމީލު ވިދާޅުވީ މި ހާދިސާއިން ލިބިގަންނަންޖެހޭ ވަރުގަދަ ފިލާވަޅެއް ހިމެނޭ ކަމަށެވެ. އެބޭފުޅާ ވިދާޅުވެފައިވަނީ މިޒަމާނުގެ ވިސްނުމުގައި ބައެއް މީހުން ދެކެނީ ކައިވެނީގެ ރަން އަދާކުރުމަށްފަހު އަންހެންމީހާއަކީ ފިރިހެން މީހާގެ މިލްކެއް ކަމަށް ދެކޭ ކަމަށެވެ. ހަގީގަތުގައި ކައިވެނީގެ ރަނަކީ އެ އަންހެންމީހާ ހިތްހަމަޖެހުމާއި ހިތް ނުތަނަވަސްކަމުގެ ވަގުތުގައްޔާއި ބަލިވެ އުޅުމާއި ގަދަވެ ސަލާމަތުން ހެޔޮ ހާލުގައި ހުންނަ ވަގުތުގައިވެސް އެ އަންހެން މީހާއަށް އެއްވެސް ތަފާތެއް ކުރުމަކާ ނުލައި ހިތް ހެޔޮކަމާއެކު މުޅި އުމުރުގައި މުއާމަލާތުކުރުމުގެ އަހްދު ކަށަވަރު ހިފުމެކެވެ. ހަމަ އެއާއެކު އެ ރަން ބަލައިގަތުމުން އެ އަންހެންމީހާއަށްވެސް ހަމަ އެގޮތުގައި ފިރިހެން މީހާއާ ދޭތެރޭ މުއާމަލާތު ކުރުން އަހްދު ކުރެވިގެން ދިޔައީއެވެ.

މިކަމަށް އިޝާރާތް ކުރައްވައި މި އުންމަތުގެ މާތް ނަބިއްޔާގެ ތާރީޚުން ފިލާވަޅެއް އާންމު ކުރެއްވިއެވެ.

އެއްދުވަހަކު މާތް ނަބިއްޔާ ބައެއް އަސްހާބު ބޭކަލުންނާ ސުވާލު ކުރެއްވި ކަމަށް ވެއެވެ. ”އިސްލާމް ދީނުގައި އެ ކަމެއްގެ އެންމެ ފުރިހަމަ ގޮތުގައި އަދާކުރުންމަތީ ދެމިހުންނަން ޖެހޭ އަސާސް ތިޔަ ބޭކަލުންނަށް އެނގިވަޑައިގަންނަވާ ހެއްޔެވެ؟ އެ ބޭކަލުން ދެންނެވިކަމަށް ވަނީ ނަމާދެވެ. އެކަލޭގެފާނު ނޫނެކޭ ވިދާޅުވުމުން އެބޭކަލުން ޖިހާދު ކަމުގައި ދެންނެވިއެވެ. މިފަހަރުވެސް ނޫނެކޭ ވިދާޅުވުމުން ރޯދައާއި ހައްޖުގެ އަޅުކަން ކަމުގައި ދެންނެވިއެވެ. އެކަލޭގެފާނު ނޫނެކޭ ވިދާޅުވެ އެ ބޭކަލުންނަށް އެންގެވީ މާތްﷲ އަށްޓަކައި އެކަކު އަނެކަކު ދެކު ލޯވިވުމެވެ. ގޭގެތެރޭގެ މާހައުލު ރިވެތިގޮތުގައި ދެމެހެއްޓުމަށްޓަކައި ދެމަފިރިންވެސް އެކަކު އަނެކަކު ސިއްރުތައް ވަންހަނާކޮށް ލޯބި ފާޅުކުރަމުންގެންދާށެވެ. ޝައްކާއި ވަހުމްތަކުން ދެމަފިރިންނާއި ދަރިފަސްކޮޅުގެ އަމާންކަން ގެއްލި ހަލާކުގެ ތެރެއަށް ވެއްޓިދާނެތީއެވެ. ދުލުން ބޭރުކުރާ ބަސްތަކާމެދު އަބަދުމެ ޚަބަރުދާރުވުން މަތީ ދެމިހުންނާށެވެ. ދިރިއުޅުން ބާއްޖަވެރިގޮތުގައި އާބާދުކުރުމަށް ރިވެތި ބަހުން މުޢާމަލާތުކުރުމަކީ ވަރަށް މުހިންމު ކަމެކެވެ. ހަމައެއާއެކު ދެމަފިރިންގެ ބޭނުންތަކާއި ދަރިންނަށްޓަކައި ވަގުތު ހުސްކުރަންޖެހޭނެއެވެ. މާތް ނަބިއްޔާގެ ހަޔާތްޕުޅުން މިކަމުގައިވެސް ލިބޭ ފިލާވަޅުތަކުން ދަރުސް ލިބިގަންނަން ޖެހޭނެއެވެ.

ވަހީއާ ގުޅޭ ބުރަ މަސްއޫލިއްޔަތު އުފުއްލެވުމާއި އަލަށް އުފެދުނު އިސްލާމީ ދައުލަތުގެ އެންމެހާ ކަންތައްތައް ތަރުތީބުކުރުމުގެ ބުރަ މަސްއޫލިއްޔަތު އަދާކުރައްވަމުން ގެންދެވުމާއެކުގައިމެ ކޮންމެ ދުވަހަކު ޙަސަން ހުސައިން އަދި ޒައިނަބުގެފާނާއެކު ހޭދަކުރައްވާނެ ވަގުތު ހޯއްދަވައެވެ. ކާފަދަރިކަލުންނާއި ކާފަ ދަރިކަނބަލުން ބުރިކަށިފުޅުމަތީގައި ބައިންދަވައިގެން ކަކޫ މައްޗަށް ތިރިވެ ވަޑައިގެން އޮންނަވައި ގަނޑުވަރުތެރޭގައި ބުރުޖައްސަވައި އަދި ކުޅުއްވާކަމަށްވެއެވެ.

މާތް ނަބިއްޔާގެ ހަޔާތްޕުޅު ސައްތައިން ސައްތައަށް އަޅުގަނޑުމެންގެ ދިރިއުޅުމުގައި ހިމަނާ ނުލެވޭނެކަން ގަބޫލު ކުރަމެވެ. އެކަމަކު އެކަލޭގެފާނުގެ ކޮންމެ އިރުޝާދެއް އަޅުގަނޑުމެންގެ ގާބިލުކަން ތަންދިން މިންވަރަކުން ގަބޫލުކޮށް އެއަށް އަމަލުކުރެވޭތޯ ގަދައަޅާ މަސައްކަތް ކުރަން ޖެހޭނެއެވެ.

އަނބިފިރިކަމުގެ ރިޝްތާގެ ބަރަކާތްތެރިކަން ސިފަ ކުރައްވައި އެއްދުވަހަކު އައިޝަތުގެފާނަށް ވިދާޅުވި ކަމަށް ވެއެވެ. ”އޭ އާއިޝާއެވެ! ކަމަނާއަކީ ސުވަރުގޭގައިވެސް ތިމަންކަލޭގެފާނުގެ އަނބިކަނބަލެއްކަން އެނގި ވަޑައިގަތުމާއެކު އަވަހަށް ސުވަރުގެ ވަޑައިގަތުމުގެ ޝައުގުވެރިކަން ބޮޑުވެއްޖެއެވެ.“

މިއަދުގެ ދުނިޔޭގައި ކައިވެނީގެ ރިޝްތާ ނާކާމިޔާބު ވަމުންދާ މައިގަނޑު ސަބަބުތަކާދޭތެރޭ ވިސްނާލުން ރަނގަޅުވާނެއެވެ.

އަޅުގަނޑުމެންގެ ބަފައިކަލުން އާދަމްގެފާނަށް ހައްވާގެ ފާނު ފެނިވަޑައިގަތުމަށްފަހު އެކަމަނާ ފެނިވަޑައިގަންނަވާ ހިސާބުގައި ނެތި ސުވަރުގެގެ ތަނަވަސް އަރާމައި އުފާ ފުރިހަމަނުވާ ހިސާބަށް އެކަމަނާގެ ލޯބި ސިކުނޑިގައި އަށަގެންފައިވުން އަޅުގަނޑުމެންގެ ވެށްޓަށް ތަރުޖަމާކޮށްލުމުން ވެސް ފެންނަނީ ހަމަ އެ މަންޒަރެވެ. ވަކި މީހަކުދެކެ ލޯބިވެވުމުން ދެން ދުނިޔޭގައި ތިބި އަންހެނުންނާއި ފިރިހެނުންގެ މައްޗަށް ހުރިހާ ގޮތަކުންވެސް އޭނާ ޚާއްސަކުރެވިގެންދެއެވެ. އޭނާއާއި ދުރުގައި ހުރުން އުދަނގޫ ބުރައަކަށް ވެދެއެވެ. މި ވަރުގެ ފުން ލޯތްބެއްގައި ކައިވެނި ކުރެވި ދުވަސްކޮޅެއް ފާއިތުވެގެންދާ ހިސާބުން ލޯބީގެ ކުލަވަރު ފަނޑުވެ ޖެހިގެން ހުރި ގޭގެ ބަގީޗާ ރީތި ވާ ހިސާބަށް ހިނގައިދެއެވެ. ސަބަބަކީ ކޮބައިތޯއެވެ. ވިސްނާލުން ބުއްދިވެރިއެވެ.

ލޯތްބާއި އޯގާވެރިކަމަށް ހިޔަނި އެޅެނީއެވެ. ނުވަތަ ހިޔަނި އަޅުވަނީއެވެ. އެންމެ ނުބައި ރޯލެއް ކުޅެނީ އަވަށްޓެރިންނާއި ރައްޓެހި ރަޙްމަތްތެރިން ކަމުގައި ގަބޫލުކުރުން ބުއްދިވެރިއެވެ. ޝައްކާއި ވަސަވާސްތައް ހިތަށް ވައްދަނީއެވެ. އެ ޝައްކުތަކާއި ވަސަވާސްތަކަށް ތިމަތިމާމެންގެ ހިތްތައް ހުޅުވާލަނީއެވެ.

ކައިވެނީގެ ރިޝްތާ ސަލާމަތްކުރާށެވެ. އެކަކު އަނެކަކަށް ވަފާތެރި ތެދުވެރިއަކުކަމުގައި ދެމި ތިބޭށެވެ. މާތް ނަބިއްޔާ ވިދާޅުވެފައިވާފަދައިން އަނބިހާއާ މުޚާތަބުކޮށް ”ކަނބުލޯއަކީ ސުވަރުގޭގައިވެސް އަހަރެންގެ އަނބިމީހާއަށް ވާނެ ހޫރަލް އީނު ކަމުގައި ވާނެ ނަމައޭ ހިތައް އަރައޭ “ ފިރިމީހާ ލައްވާ ބުނުވާފަދަ ލޮބުވެތި އަންބެއް ކަމުގައި ވެވޭތޯ މަސައްކަތް ކުރާށެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް