ވަޒީފާއާބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ތަސްދީގު ކުރައްވައިފި

Loading

Facebook
Twitter
WhatsApp

ވަޒީފާއާބެހޭ ގާނޫނަށް 8 ވަނަ އިސްލާހު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަސްދީގު ކުރައްވައިފިއެވެ.

މި ބިލުގައި ފާހަގަކޮށްފައިވާ ގޮތުގައި ބިދޭސީންނަށް ރާއްޖޭގައި ވަޒީފާއަދާކުރެވޭނީ ވަޒީފާއާބެހޭ ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެ މަތިން ރާއްޖޭގައި މަސައްކަތްކުރުމުގެ ހުއްދަ ހޯދުމަށްފަހުގައެވެ.

ނަމަވެސް ވަކި ފަރާތްތަކަކަށް މި އުސޫލު ނުހިނގާނެ ކަމަށް ބިލުގައި ބުނެފައިވެއެވެ. އަދި މި ބިލުގައި ވަނީ އެ ފަރާތްތައް ފާހަގަކޮށްފައެވެ.

މީގެއިތުރުން މި ބިލުގައި ރާއްޖެއަށް ބިދޭސީން ގެނެވޭނެ ޢަދަދާއި ދާއިރާތައް ވެސް ކަނޑައަޅައި ބަޔާންކޮށްފައިވެއެވެ.

މި ގާނޫނަށް ގެނެވުނު އިސްލާހުތަކުގެ ތެރޭގައި ރާއްޖޭގައި ވަޒީފާ އަދާކުރުމަށް ބިދޭސީން ގެނައުމުގައި ވަޒީފާދޭ ފަރާތުން ފުރިހަމަކުރަންޖެހޭ ކަންކަން އިތުރުކުރުން ހިމެނެއެވެ.

އޭގެތެރޭގައި އެ ބިދޭސީއަކު މަސައްކަތްކުރާނެ ވަރކްސައިޓް ރަޖިސްޓަރީކުރުމާއި، ކަމާގުޅޭ އެނޫންވެސް ހުއްދަތައް ހޯދުމާއި، އެ ބިދޭސީއަކު ގެނައުމަށް ބޭނުންވާ ކޯޓާ ހޯދުމާއި ވަރކް ޕަރމިޓް ހެއްދުން ހިމެނެއެވެ.

މީގެއިތުރުން ބިދޭސީ މަސައްކަތްތެރިންނާމެދު އިހުމާލުވާ ފަރާތްތަކާމެދު އަޅާނެ ފިޔަވަޅުތައް ވެސް މި ގާނޫނުގައި ވަނީ ބަޔާންކޮށްފައެވެ.

ރައީސުލްޖުމްހޫރިއްޔާ މިއަދު މި ބިލު ތަސްދީގު ކުރެއްވުމާ ގުޅިގެން މި ގާނޫނު މިއަދު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއުކޮށްފައެވެ.

މި ގާނޫނަށް އަމަލުކުރަން ފެށުމަށް ހަމަޖެހިފައިވަނީ މިއަދުން ފެށިގެންނެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް