ބޭރުގެ އިންވެސްޓަރުންނަށް ރާއްޖެއިން ރެސިޑެންސީ ދޭން ސަރުކާރުން ނިންމައިފިއެވެ.
މި ގޮތަށް ނިންމީ މިއަދު ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައެވެ.
ވަޒީރުންގެ ބައްދަލުވުމުގައި ނިންމެވި ކަންކަމާ ގުޅޭ މައުލޫމާތު ހިއްސާކުރުމަށް ރައީސް އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވީ އިންވެސްޓާ ރެސިޑެންސީ ޕްރޮގްރާމް ފެށުމުން ރާއްޖޭގެ އިގުތިސާދު ސިންދަފާތުކުރުމަށް އިތުރަށް މަގުފަހިވެ އެއާއެކު ރާއްޖޭގެ އިގުތިސާދަށް ވަންނަ ޑޮލަރު އިތުރުވެގެންދާނެ ކަމަށެވެ.
ސަޢީދު ވިދާޅުވި ގޮތުގައި މި ޕްރޮގްރާމް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ ފެބްރުއަރީމަހުގައެވެ.
މި ޕްރޮގްރާމްގެ ދަށުން އެންމެ މަތީ ފަންތީގެ ލަގްޒަރީ ރެސިޑެންސީ މާކެޓްކޮށްދޭ ވަރުގަދަ ބަޔަކާއެކު މިކަން ކުރާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
“ސަރުކާރުން ކަނޑައަޅަނީ މިސާލަކަށް ގާފަރުފަޅު ނޫނީ ފުށިދިއްގަރުގެ ކޮންމެވެސް ހިސާބެއް. އެބުނާ ހިސާބެއްގައި ޑިިވެލޮޕްކުރާ ރެޒިޑެންޓްސް ހޯދިދާނެއޭ.“
ސަޢީދު ވިދާޅުވީ މިހާރު ވެސް ރާއްޖޭގެ ބައެއް ރިސޯޓުތަކުގައި ވެސް މިފަދަ އުސޫލުން ތަންތަން ދޫކުރާ ކަމަށެވެ. އެހެންކަމުން ރެސިޑެންސީ ޕްރޮގްރާމުން އިންވެސްޓަރުންނަށް އެ އިތުބާރު ލިބޭނެ ކަމަށް ސަޢީދު ވިދާޅުވިއެވެ.